ތަޢުލީމު

ދަރުމަވަންތަ ސްކޫލުގެ ހުރިހާ ކްލާސްރޫމެއް އޭސީކޮށްފި


ދަރުމަވަންތަ ސްކޫލްގެ ކްލާސްރޫމްތައް ހޫނުވުމުގެ ސަބަބުން ދިމާވެފައިވާ މައްސަލަ ހައްލުކޮށް، ހުރިހާ ކްލާސްރޫމެއް އޭސީކޮށްފިއެވެ.

އެޑިއުކޭޝަން މިނސްޓްރީން ދަރުމަވަންތަ ސްކޫލްގެ ކްލާސްރޫމްތަކުގައި އޭސީ ހަރުކުރުމަށް ނިންމީ، ކްލާސްރޫމްތައް ހޫނުވުމުގެ ސަބަބުން ދަރިވަރުންނަށް އެކިކަހަލަ ބަލިތައް ޖެހެމުންދާތީއާއި ދަރިވަރުންނަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމުގެ ގޮތުންނެވެ.

ދަރުމަވަންތަ ސްކޫލުގެ ކްލާސްރޫމްތަކުގައި އޭސީ ހަރުކުރުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ މާރިޗުމަހުގެ 21 ވަނަ ދުވަހުއެވެ. އެއް މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫޢޫގެ ދަށުން އެ ސްކޫލުގެ 16 ކްލާސްރޫމެއްގައި ވަނީ އޭސީ ހަރުކޮށްފައެވެ. އަދި މި މަސައްކަތް އެ މިނިސްޓްރީން ކޮށްފައިވަނީ އެސްޓީއޯއާއި ގުޅިގެންނެވެ.

ދަރުމަވަންތަ ސްކޫލްގެ ހުރިހާ ކުލާސްރޫމެއްގައި އޭސީ ހަރުކޮށް ނިމިފައިވާއިރު، އެޑިއުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު ޢަލީ މިއަދު ވަނީ ދަރުމަވަންތައަށް ވަޑައިގެން އެސްކޫލުގެ ދަރިވަރުންނާއި މުއައްޒަފުންނާ ބައްދަލުކުރައްވާފައެވެ.

ދަރުމަވަންތަ ސްކޫލްގެ ދަރިވަރުން މިހާރު ކިޔަވަމުންދަނީ އައު އިމާރާތް ނިމެންދެން ތައްޔާރުކޮށްފައިވާ ވަގުތީ ޢިމާރާތެއްގައެވެ. އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ ކުރީގެ ދަރުމަވަންތަ ސްކޫލްތަޅާލުމަށް ބަޔާކާ ހަވާލުކޮށްފައިވީނަމަވެސް މުއްދަތު ހަމަވިއިރުވެސް މަސައްކަތް ނިމިފައިނުވާކަމަށެވެ.

ކުރީގެ ދަރުމަވަންތަ ސްކޫލް ތަޅާލުމަށްފަހު 2017ވަނަ އަހަރު، އާ ސްކޫލެއް އެތަނުގައި އެޅުއްވުމުގެ މަސައްކަތް ކުރައްވާނެކަމަށް އޭރު ސަރުކާރުންވަނީ ވިދާޅުވެފައެވެ.