ޚަބަރު

ފޮއްދޫ ބަނދަރު ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތް ފަށައިފި


  • މި މަޝްރޫޢަކީ 49.77 މިލިއަން ރުފިޔާގެ މަޝްރޫޢެއް

  • ބަނދަރުގެ މަސައްކަތް ނިމުމާއެކު ފޮއްދޫގެ ރައްޔިތުން ބޮޑު ފަސޭހަތަކެއް ލިބިގެން ދާނެ

ނ. ފޮއްދޫ ބަނދަރު ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީން ފަށައިފިއެވެ.

504 މީހުންގެ އާބާދީއެއް ދިރިއުޅޭ ފޮއްދޫއަކީ ގެސްޓް ހައުސް ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ރަށެކެވެ. އެ ރަށުގައި 5 ގެސްޓް ހައުސް މިވަގުތު އަންނަނީ ހިންގަމުންނެވެ. ނަމަވެސ،ް ރަށުގެ ބަނދަރު ހެދިފައި ނެތުމުގެ ސަބަބުން، ރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންނާއި އެނޫން ފަރާތްތަކުންވެސް ލަފާފުރުމަށް ބޭނުންކުރަނީ ހަމައެކަނި ހުޅަނގު މޫސުމުގައި ބޭނުންކުރެވޭ ޖެޓީއެކެވެ. މިކަމުގެ ދަތިތައް އެފަރާތްތަކުން ދަނީ މެދުނުކެނޑި ތަޙައްމަލު ކުރަމުންނެވެ.

ފޮއްދޫގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ މިދަތިތަކަށް ހައްލު ހޯދާދިނުމުގެ ގޮތުން އެރަށުގެ ބަނދަރުގެ މަސައްކަތް ސަރުކާރުންވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީ، އެމްޓީސީސީއާ ހަވާލުކޮށްގެން މިއަދުވަނީ ފަށާފައެވެ.

ފޮއްދޫ ބަނދަރު ހެދުމުގެ މަޝްރޫޢުގެ ދަށުން 30,648 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 3,990 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 145 މީޓަރުގެ ބޭރުތޮއްޓެއް ލުމާއި، 165 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 130 މީޓަރުގެ އެއްގަމު ތޮށި ލުމާއި، 125 މީޓަރު ދިގު 6 މީޓަރު ފުޅާ ޖެޓީއެއް ހެދުމާއި، 600 އަކަމީޓަރުގެ ޕޭވްމަންޓް ހެދުމަށްވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރުމަށްވެސްވަނީ ހަމަޖެހިފައެވެ.

އެމްޓީސީސީން ވިދާޅުވީ މިމަސައްކަތް ނިމޭއިރު ތަނަވަސް ބަނދަރެއް ލިބި، ރަށަށް އަންނަ ފަތުރުވެރީންނާއި އެ ނޫން މީހުންނަށް އެކަމުގެ ސަބަބުން ބޮޑެތި ފަސޭހަތަކެއް ލިބިގެން ދާނެ ކަމަށެވެ.
ފޮއްދޫ ބަނަދަރު ހެދުމުގެ މަޝްރޫޢަކީ 49.77 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

ވޭތުވެދިޔަ 44 އަހަރުތެރޭ އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫއުތަކެއް ކާމިޔާބުކަމާއެކު ނިންމާލާފައެވެ. 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިންމު މަރުހަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިންމު ދައުރެއްއަދާކޮށްފައެވެ.