ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ ސްކޮލަރޝިޕާއި ހައި އެޗީވާސް ސްކޮލަރޝިޕަށް ހުށަހެޅުމުގެ ފުރުޞަތު މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ. މި ފުރުޞަތުތައް ހުޅުވާލާފައިވަނީ މިއަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ.
މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ވިދާޅުވީ، މިދިޔަ އަހަރު ރާއްޖޭގެ ސްކޫލްތަކާއި މަދަރުސާތަކުން މަތީ ސާނަވީ އިމްތިޙާނު ނިންމި ދަރިވަރުންގެ ތެރެއިން މަތީ ސާނަވީ އިންތިޙާނުން އެއްވަނަ ދަރަޖައިގައި ފާސްވާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަރޝިޕާއި، ހައި އެޗީވަރސް ސްކޮލަރޝިޕް ލިބޭކަމަށް ތަޢުލީމީ ވުޒާރާއިން ކަނޑައަޅައި ލިޔުން ދޫކޮށްފައިވާ ދަރިވަރުން އެ ސްކޮލަރޝިޕްގައި ކިޔެވުމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވާކަމަށެވެ.
މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ވިދާޅުވީ ރައީސް ދެއްވާ ސްކޮލަރޝިޕަށް ޝަރުތު ހަމަވާނީ މަތީ ސާނަވީ އިމްތިހާނު ނުވަތަ އޭ ލެވެލް އިމްތިހާނުން ދިވެއްސާއި އިސްލާމު މާއްދާ ހިމެނޭހެން 5 މާއްދާއިން "އޭ ސްޓަރ" ހޯދާފައިވުމާއެކު އޯ ލެވެލް އިމްތިހާން ނުވަތަ އެއާ އެއްފެންވަރެއްގެ އިމްތިހާނުން އިނގިރޭސި މާއްދާއިން ފާސްވުމުންކަމަށެވެ. އަދި އެ ޝަރުތު ހަމަވާ ދަރިވަރުންނަށް މަތީ ތަޢުލީމާ ބެހޭ ވުޒާރާގެ ވެބްސައިޓު މެދުވެރިކޮށް ސްކޮލަރޝިޕަށް އެދި ހުށައެޅޭނެކަމަށް ވުޒާރާއިން ވިދާޅުވިއެވެ.
މީގެ އިތުރުން، ހައި އެޗީވާސް ސްކޮލަރޝިޕަށް ޝަރުތު ހަމަވާނީ މަތީ ސާނަވީ އިމްތިހާނު ނުވަތަ އޭ ލެވެލް އިމްތިހާނުން ދިވެއްސާއި އިސްލާމް މާއްދާ ހިމެނޭހެން 5 މާއްދާއިން "އޭ" ހޯދާފައިވުމާއެކު އޯ ލެވެލް އިމްތިހާން ނުވަތަ އެއާ އެއްފެންވަރެއްގެ އިމްތިހާނުން އިނގިރޭސި މާއްދާއިން ފާސްވުމުންކަމަށެވެ.
މި ޝަރުތުތައް ހަމަވާ ދަރިވަރުންނަށް މަތީ ތަޢުލީމާ ބެހޭ ވުޒާރާގެ ވެބްސައިޓުން ސްކޮލަރޝިޕަށް އެދި ހުށައެޅޭނެކަމަށާއި، މި ސްކޮލަރޝިޕާއި ގުޅޭ އިތުރު މަޢުލޫމާތު ވެބްސައިޓުން ލިބެން ހުންނާނެކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.
މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ވިދާޅުވީ ހައި އެޗީވަރސް ސްކޮލަރޝިޕް ލިބޭ ދަރިވަރުންނަށް ފުރުޞަތު ދެވޭނީ އެ ވުޒާރާގެ ވެބްސައިޓުގައި ޢާންމުކޮށްފައިވާ ރާއްޖެއަށް އެންމެ ބޭނުންވާ ދާއިރާތަކުން ކިޔެވުމުގެ ފުރުޞަތު ކަމަށެވެ. އަދި ރައީސްގެ ސްކޮލަރޝިޕް ލިބޭ ދަރިވަރުންނަށް އެ ދަރިވަރަކު ބޭނުންވާ ދާއިރާއަކުން ކިޔެވުމުގެ ފުރުޞަތު ދެވޭނެކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
މި ސްކޮލަރޝިޕްތަކުގެ ފުރުޞަތު ދެނީ ފުރަތަމަ ޑިގްރީ ޙާސިލްކުރުމަށެވެ. އެގޮތުން ޑިގްރީ ޙާސިލްކުރުމަށް ހިނގާ ހުރިހާ ޚަރަދެއް ހަމަޖައްސައިދޭނީ ދިވެހި ސަރުކާރުންނެވެ.
މި ސްކޮލަރޝިޕްތަކުގައި ކިޔެވުމަށް އެދުމަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މިއަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 30ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި 'މައިއެޑިއު' ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.