ޕްލާސްޓިކުގެ ބާވަތްތަކުންނަގާ ޓެކްސް ބޮޑުކުރިއިރު ޕްލާސްޓިކްގެ ބަދަލުގައި ބޭނުންކުރެވޭނެ ބާވަތްތަކުން ޓެކްސް ކުޑަނުކުރާނަމަ ތިމާވެއްޓާ ރައްޓެހި ގޮތްތަކަށް އަހުލުވެރިނުކުރެވޭނެކަމަށް މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ.ޢައިޝަތު ޢަލީ ވިދާޅުވެއްޖެއެވެ.
ކަނޑުތަކުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވީ ޕްލާސްޓިކް މަދުކުރުމަށް އޮތް ޙައްލަކީ އެނޫން ގޮތެއް ބޭނުންކުރަން ފެށުންކަމަށެވެ. އަދި އެގޮތަށް ޢަމަލުކުރަން ޢާއްމުން އަހުލުވެރިކުރެވޭނީ ޕްލާސްޓިކްގެ ބާވަތްތަކުގެ ބަދަލުގައި ބޭނުންކުރާ ބާވަތްތަކުން ނަގާ ޓެކްސް ކުޑަކުރެވި މިބާވަތްތައް ބޭނުންކުރުމަށް ހޭލުންތެރިކުރުވައިގެންކަމަށެވެ.
މިނިސްޓަރ ވިދާޅުވީ މީގެ އެތައް އަހަރެއް ކުރިން ޕްލާސްޓިކްގެ ބާވަތްތަކުން ނަގާ ޓެކްސް އެތައް ގުނައެއް ބޮޑުކުރިއިރު އޭގެ ބަދަލުގައި ބޭނުންކުރާނެ ބާވަތްތަކުން ޓެކްސް ކުޑަކުރެވިފައިނުވާކަމަށެވެ.
ރާއްޖޭގައި މިހާރު ޙަރަކާތްތެރިވަމުންދާ ހުރިހާ މީހުންނަނީވެސް ސްކޫލްދައުރުގައި ތިމާވެށީގެ އެކި ޚަރަކާތްތަކުގައި ބައިވެރިވެ އެކި މަސައްކަތްކުރަމުންގޮސް ސްކޫލް ނިންމާފައިވާ ފަރާތްތައްކަން އެޑިއުކޭޝަން މިނިސްޓަރވަނީ ފާހަގަކުރައްވާފައެވެ. މިނިސްޓަރ ވިދާޅުވީ މިއީ ސްކޫލް ދައުރުގައި މިފަދަ ކަންކަމަށް ދަރިވަރުން އަހުލުވެރިކުރެވިއްޖެނަމަ ނަތީޖާ ފެންނާނެކަން ކަށަވަރުވާ މިސާލެއްކަމަށެވެ.
އެހެންކަމުން ތިމާވެއްޓަށް ހުރި އެންމެ ބޮޑު ނުރައްކާކަމަށްވާ ޕްލާސްޓިކާއި ދެކޮޅަށް ކުރާ މަސައްކަތުގައި ސްކޫލް ކުދިން އިތުރަށް ހޭލުންތެރިކުރުވުމުގެ މުހިއްމުކަން މިނިސްޓަރ ވަނީ ތަކުރާރުކޮށް ފާހަގަކުރައްވާފައެވެ.
މިނިސްޓަރގެ ވާހަކަފުޅުގައިވަނީ ފާއިތުވި އަހަރުތަކުގައި ރާއްޖޭގެ 83 ސްކޫލަކުން 30 ޓަނުގެ ޕްލާސްޓިކް ޕާލޭއާއި ގުޅިގެން އެއްކޮށްފައިކަން ފާހަގަކުރައްވާ އެ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށް ހިތްވަރުދެއްވާފައެވެ.