ޚަބަރު

ފަތުރުވެރިކަން ތަރައްޤީވެފައިނުވާ ސަރަހައްދުތަކަށް އިންވެސްޓަރުންގެ ޝައުގުވެރިކަން އިތުރުކުރުމަށް މަސައްކަތްތަކެއް ދަނީ ކުރެވެމުން: ރައީސް


  • ރައީސް ވިދާޅުވީ އެސަރަޙައްދުތަކުގައި އިންވެސްޓުކުރާ ފަރާތްތަކަށް ލުއިތަކާއި ޢިނާޔަތްތަކެއް ހަމަޖައްސަވާނެކަމަށް

  • އެތެރޭގެ އުދުމުގެ ޚިދުމަތް ފުޅާވެފައިވާ މިވަގުތަކީ ފަތުރުވެރިކަން ފުޅާކުުރުމަށް އެންމެ ރަނގަޅު ދަނޑިވަޅު

ފަތުރުވެރިކަން ރާއްޖޭގައި ތަރައްޤީވެފައިނުވާ ސަރަޙައްދުތަކަށް ފަތުރުވެރިކަން ތަރައްޤީކުރުމަށްޓަކައި އިންވެސްޓަރުން ޝައުގުވެރިވާނެފަދަ ގޮތަކަށް ކަންކަން ބައްޓަންކުރުމުގެ މަސައްކަތް ސަރުކާރުން ކުރައްވަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ހއ.އަތޮޅާއި ހދ. އަތޮޅާއި، ށ.އަތޮޅާއި، ތ.އަތޮޅު އަދި ލ.އަތޮޅާއި އައްޑު ސިޓީގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް މަސައްކަތް ކުރައްވަމުންދާކަމަށެވެ.

ރާއްޖޭގެ ފަތުރުވެރިކަން ނެތް ސަރަޙައްދުތަކުގައި ފަތުރުވެރިކަން ތަރައްޤީކޮށް އޭގެ ނަފާ އެސަރަޙައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ލިބޭނެ ގޮތް ހަދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމަނުއްވާފައެވެ. އަދި މިއަހަރުގެ ރިޔާސީ ބަޔާނުގައިވެސް އެމަނިކުފާނު ވަނީ އެވާހަކަ ތަކުރާރުކުރައްވާފައެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިހާރު ފަތުރުވެރިކަމަށް އެކަށިގެންވާގޮތުގައި ރިސޯޓުތައް ތަރައްޤިވެފައި ނެތް ސަރަޙައްދުތަކުގެ ގޮތުގައި ފާހަގަކުރެވޭ ހއ.އަތޮޅާއި ހދ. އަތޮޅާއި، ށ.އަތޮޅާއި، ތ.އަތޮޅު އަދި ލ.އަތޮޅާއި އައްޑު ސިޓީގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް އިންވެސްޓަރުން ހޯދުމުގެ މަސައްކަތް ކުރައްވަމުންދާކަމަށެވެ. އެގޮތުން އެމަސައްކަތް ކުރިއަށްގެންދަވާނީ އިންވެސްޓަރުން ޝައުގުވެރިވާނެ އެކި ކަންކަން ހިމަނުއްވައިގެންކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އޭގެ ތެރޭގައި ރާއްޖެއަށް އިންވެސްޓުކުރާ ފަރާތްތަކަށް ސަރުކާރުގެ ތެރެއިން ދެވެން އޮތް އެކި ލުއިތައް ދިނުމާއި އެކި ޢިނާޔާތްތައް ދިނުމުގެ އިތުރުން އެސަރަޙައްދުތަކުގައި ފަތުރުވެރިކަން ގެނައުމަށް ބޭނުންވާ ޢުމްރާނީ އެކި ތަރައްޤީތައް ގެނައުމުގެ މަސައްކަތުގެ އިތުރުން އިންވެސްޓަރުން ޝައުގުވެރިވާނެހެން މާކެޓިންގ އުކުޅުތައް ސަރުކާރުން ބޭނުންކުރައްވާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ތަރައްޤީވަމުންދާ އެއަރޕޯޓުތަކާއެކު، އެތެރޭގެ އުދުހުންތަކުގެ ޚިދުމަތް ފުޅާވެފައިވާ މިދަނޑިވަޅަކީ ރާއްޖޭގެ ފަތުރުވެރިކަން އެހެން ޙަރުފަތަކަށް ގެންދިޔުމަށް އެންމެ މުނާސަބު ވަގުތުކަމަށެވެ. އިންވެސްޓުމަންޓުތަކާއި އަދި މިކަމުގެ އިތުރު މަޢުލޫމާތު އަންނަ ހަފްތާގައި ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ހާމަކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ރާއްޖޭގެ ޤައުމީ އެއަރލައިން ފަތުރުވެރިކަމުގެ ސިނާޢަތުގައި މިހާރަށްވުރެ ބޮޑަށް ބޭނުންކުރުމަށް ސަރުކާރުންވަނީ ނިންމަވާފައެވެ. އެގޮތުން ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތަށް އެހެން ބައްރުތަކުން ފަތުރުވެރިން ރާއްޖެއަށް ގެނައުމަށް މޯލްޑިވިއަންގެ ވައިޑް ބޮޑީ އެއަރ ކްރާފްޓް ބޭނުންކުރަން ސަރުކާރުން ވަނީ ފައްޓަވާފައެވެ. މީގެއިތުރުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ މަސައްކަތް އަވަސްކުރުމާއި ރާއްޖެ އިޝްތިހާރުކުރުމަށް ޔޫރަޕްގެ ބޮޑު ފުޓުބޯޅަ ކްލަބާއެކުވެސް ސަރުކާރުން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.