ޚަބަރު

ސިޔާސީގޮތުން ޚިޔާލު ތަފާތުވިޔަސް ފަށާފައިވާ މަޝްރޫޢުއެއް ހުއްޓައެއް ނުލާނެ - އެންވަޔަރަމަންޓް މިނިސްޓަރ


ސިޔާސީގޮތުން ޚިޔާލު ތަފާތުވިނަމަވެސް، ރައްޔިތުންނަށް މަންފާވާގޮތަށް ކުރީގެ ސަރުކާރުން ފަށާފައިވާ އެއްވެސް މަސައްކަތަކަށް މި ސަރުކާރުން ހުރަސް ނާޅާނެކަމަށް އެންވަޔަރަމަންޓް މިނިސްޓަރ ޑރ.ހުސައިން ރަޝީދް ހަސަން ވިދާޅުވެއެޖެއެވެ.

ޔޫއެންޑީޕީގެ ގްރީން ކްލައިމެޓް ފަންޑުގެ އެހީގެ ދަށުން ރ.މަޑުއްވަރީގައި ޤާއިމުކުރާ ފެނުގެ ނިޒާމް ރަސްމީކޮށް އިފްތިތާޙް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ ވިދާޅުވީ، ގްރީން ކްލައިމެޓް ފަންޑުގެ ދަށުން މިދިޔަ ސަރުކާރުގައި ހަމަޖައްސާފައިވާ ގިނަ ޕްރޮޖެކްޓްތައް ހުރިކަމަށާއި، އެ ޕްރޮޖެކްޓުތައް މިއަހަރު ފުރިހަމަކުރައްވާނެކަމަށެވެ.

ރ.އަތޮޅު މަޑުއްވަރީގެ އިތުރުން ބ.ދަރަވަންދޫއާއި، ހދ.ނޮޅިވަރަމްފަރާއި ށ.ފޯކައިދޫގައި ފެނުގެ ނިޒާމު ޤާއިމުކުރުމަށް ޔޫއެންޑީޕީގެ ގްރީން ކްލައިމްޓް ފަންޑުގެ ހިލޭ އެހީ ވަނީ ދީފައެވެ. އަދި ހޫނު މޫސުމުގައި ބޯފެނަށް ޖެހުން ހުއްޓުވުމަށް، އުތުރުގެ 25 ރަށެއްގައި ބޯފެން ރައްކާކުރާ ނިޒާމް ޤާއިމުކުރުމަށްވެސް ޖީސީއެފުންވަނީ ރާއްޖެއަށް އެހީ ދީފައެެވެ.

މަޑުއްވަރީ ފެނުގެ ނިޒާމް އިފްތިތާޙް ކޮށްދެއްވުމަށް ރ.މަޑުއްވަރިގައި ބޭއްވި ރަސްމިއްޔާތުގައި މި މަޝްރޫޢު އިފްތިތާޙްކޮށްދެއްވީ، މިނިސްޓަރ އޮފް އެންވާޔަރަމެންޓް ޑރ.ހުސައިން ރަޝީދް ހަސަންއާއި، ޔޫއެން އެސިސްޓަންޓް ސެކްރެޓަރީ ޖެނެރަލް ހައުލިއާންގ ޒޫއެވެ.

ޕްރޮޖެކްޓް އިފްތިތާޙްކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން އެންވަޔަރަމެންޓް މިނިސްޓަރ ޑރ.ޙުސައިން ރަޝީދް ޙަސަން ވިދާޅުވީ ޔޫއެންޑީޕީގެ މިފަދަ އެހީތަކުގެ ސަބަބުން ރާއްޖޭގެ ތަރައްޤީއަށް އދ.ގެ ތަރައްޤީއާއިބެހޭ ޖަމްޢިއްޔާއިން ދޭ ޢަހަމިއްޔަތުކަން ވަރަށް ބޮޑަށް ފެންނަކަމަށެވެ.

ޖީސީއެފްގެ އެހީގައި މަޑުއްވަރީގައި ކުރިއަށްގެންދާ ފެނުގެ ނިޒާމުގެ 10 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން ބިމުއަޑިން ފެން ނެގުމަށް، 30 މީޓަރު އަޑިއަށް ބޯހޯލް ކޮނުމާއި، އޮފީސް އިމާރާތުގެ މަސައްކަތްވެސް މިހާރު ކުރިއަށްދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުއެވެ.

"މިއީ ކުރީ ސަރުކާރުން ފެށި މަސައްކަތެއް ނަމަވެސް މިކަމުގައި ސިޔާސީ ކުލައެއް ނުޖައްސާނަން، މަސައްކަތް ފަހެއް ނުކުރާނަން." މިނިސްޓާރ ވިދާޅުވިއެވެ.

މި މަޝްރޫޢުއަކީ ޖީސީއެފުން 30.35 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ. މަސައްކަތް އިފްތިތާޙްކޮށްދެއްވުމުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން އދ އިން އޭޝިއާ އާއި ޕެސިފިކް ސަރަހައްދަށް ކަނޑައަޅާފައި ހުންނަވާ ރީޖަނަލް ޑިރެކްޓަރ ހައުލިއާންގ ޒޫ ވިދާޅުވީ ތިމާވެށި ޙިމާޔަތް ކުރުމަށް ރާއްޖެއިން ކުރާ މަސައްކަތުގައި، އަބަދުވެސް ޔޫއެންގެ އެއްބާރުލުމާއި އެހީ ލިބޭނެކަމަށެވެ. އަދި ޖީސީއެފްގެ ހިލޭ އެހީގައި ކުރަން ނިންމި މި މަސައްކަތްތަކަކީވެސް ސަރުކާރުގެ އިސްނެގުމާއިއެކު ހޯދުނު އެހީކަން އޭނާވަނީ ފާހަގަކޮށްފައވެ.

"ރާއްޖެއަކީ މޫސުމީ ބަދަލުތައް ދުނިޔޭގެ ސަމާލުކަމަށް ގެނައުމަށް މަސައްކަތްކުރާ ޤައުމެއް. ޢަމާޒުތަކަށް ވާސިލްވުމަށް ޔޫއެންގެ އެހީ ލިބޭނެ." ހައުލިއާންގް ޒޫ ވިދާޅުވިއެވެ.

މަޑުއްވަރީގެ ފެނުގެ ޙާލަތާއި ގުޅޭގޮތުން ރަށު ކައުންސިލްގެ ރަޢީސް އަޙްމަދު އަޝްހަދް ވިދާޅުވީ ސުނާމީއަށްފަހު އެރަށުގެ ސާފު ފެން ފަށަލަ ލޮނުފެނާއި އެކުވެ ތަޣައްޔަރުވެ، އެކަމުގެ އުންދަގޫ ރައްޔިތުންނަށް ވަރަށް ބޮޑަށް ކުރިމަތިވާކަމަށެވެ. އެނާ ވިދާޅުވީ ބޯފެން ހުސްވުމުގެ މައްސަލަވެސް އެރަށަށް ކުރިމަތިވާކަމަށެވެ.

" ބޯފެނަށް ވަރަށް ގިނައިން ޖެހޭ. ދެން ކައިރި ރަށްރަށުން ފެން ގެންނަނީ. އެކަމަކު ދެއް އެހެން ތަންތަނަށް ފެން ހޯދުމަށް ބަރޯސާވަކަށް ނުޖެހޭނެ." ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

މަޑުއްވަރީގައި ލޮނުފެން ސާފުފެނަށް ބަދަލުކުރާ ރިވަރސް އޮސޮމޮސިސް ނުވަތަ އާރު.އޯ ޕްލާންޓްގެ އިތުރުން ބޯފެން ރައްކާ ކުރާ ނިޒާމްވެސް ޤާއިމުކުރާނެއެވެ. މި މަސައްކަތް ނިންމައި އަންނަ ނޮވެމްބަރު މަހު ޚިދުމަތް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ.