ތަރައްްޤީ

"މަގޭ ހިޔާވެހި" ޕޯޓަލްގައި މިހާތަނަށް 1900އަށްވުރެ ގިނަމީހުން ރަޖިސްޓްރީ ވެއްޖެ


މަގޭ ހިޔާވެހި ނަމުގައި މިނިސްޓްރީ އޮފް ހައުސިން އެންޑް އަރބަން ޑިވްލޮޕްމަންޓުން ތައާރަފްކުރި އޮންލައިން ޕޯޓަލްގައި މިހާތަނަށް 1900 އަށްވުރެ ގިނަ މީހުން ރަޖިސްޓްރީވެފައިވާކަމަށް އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަލީ ޝާމިން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ޝާމިން ވިދާޅުވީ ހުރިހާ ރައްޔިތުންވެސް އެ ޕޯޓަލްގައި ރަޖިސްޓްރީވުމަކީ މުހިންމު ކަމެއް ކަމަށެވެ. ޝާމިން ވިދާޅުވީ ހައުސިން ސްކީމެއް ތަޢާރަފްވާ ހިނދު ޕޯޓަލްގައި ރަޖިސްޓްރީވެފައި ތިބި ފަރާތްތަކަށާއި އަދި ސަރުކާރަށްވެސް އެކަމުގައި ފަސޭހަތަކެއް ލިބިގެން ދާނެ ކަމަށެވެ.

ހައުސިން މިނިސްޓްރީން މިއަދުވަނީ އެ ޕޯޓަލްގައި ރަޖިސްޓްރީވާނެ ގޮތުގެ މައުލޫމާތު ހިމެނޭ ލީފްލެޓެއްވެސް ބަހާފައެވެ. އެ ލީފްލެޓްގައި ރަޖިސްޓަރ ވާނެ ގޮތުގެ މައުލޫމާތުވެސް ވަނީ ހިމަނާފައިވާއިރު ރައިވެރިބޭ މައިޒާނުގައި ހައުސިން މިނިސްޓްރީގެ މުވައްޒަފުން އެ ލީފްލެޓާއި ގުޅޭ މައުލޫމާތު ދިނުމަށް ވަނީ ހަރަކާތްތެރިވެފައެވެ.

މިފަދަ ހަރަކާތެއް ކުރިއަށްގެންދަނީ އާންމުންނަށް މައުލޫމާތުދީ ހޭލުންތެރި ކުރުވުމަށް ކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވެއެވެ. ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫތަކުގެ ތެރެއިން ދޫކުރާ ފްލެޓްތަކަށް އެދި ހުށަހެޅޭނެ އޮންލައިން ޕޯޓަލެއް ތަޢާރަފުކޮށްފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހެވެ. މިއީ ރައީސް ޞާލީޙުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ފްލެޓަށް އެދުމަށް ކިއުގައި ޖެހެންނުޖެހޭ ނިޒާމެއް ޤާއިމުކުރުމުގެ ގޮތުން ތަޢާރަފުކުރި ޕޯޓަލެކެވެ.