ސިޔާސީ

އެމްޑީޕީގެ ވަފްދާއި އެކު ނާއިބު ރައީސްވެސް ލަންކާގައި


މިދިޔަ އޭޕްރީލް މަހުގެ 21ވަނަ ދުވަހު އަވަށްޓެރި ސްރީލަންކާގައި ބޮން ގޮއްވައި ދިން ޓެރަރިސްޓް ހަމަލާތަކާއި ގުޅިގެން ދިވެހި ރައްޔިތުންނާއި ދިވެހި ސަރުކާރު ލަންކާ ރައްޔިތުންނާއި އެކުގައި ތިބިކަން ހާމަ ކުރުމުގެ ގޮތުން ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާއި އަދި އެމްޑީޕީގެ އިސް ބޭފުޅުން ލަންކާއަށް ކުރައްވާ ދަތުރުފުޅުގައި ނާއިބު ރައީސް ފައިސަލް ނަސީމް ބައިވެރިވެވަޑައިގަންނަވައިފިއެވެ.

މި ދަތުރުފުޅުގައި އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުން މަޖިލީހުގެ ގިނަ ޢަދަދެއްގެ މެންބަރުން ބައިވެރިވެވަޑައިގަންނަވައެވެ. އަދި އެޕާޓީގެ ޤައުމީ މަޖިލީހުގެ މެންބަރުންވެސް މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާ ކަމަށްވެސް އެމްޑީޕީން މަޢުލޫމާތުދެއެވެ.

މި ދަތުރުފުޅާއި ގުޅިގެން އެމްޑީޕީން ބުނީ މި ދަތުރުފުޅާ ގުޅޭގޮތުން އެމްޑީޕީން މީގެކުރިން ނެރުނު ބަޔާނެއްގައި ބުނީ ލަންކާ އަކީ އެކި ދާއިރާތަކުގެ ރާއްޖެއާ ގާތް ގުޅުމެއް ބާއްވަމުން އަންނަ ގައުމެއް ކަމަށްވާއިރު، އެ ގައުމަކީ އެމްޑީޕީ އަށް އެންމެ ބޭނުންވި ދުވަހު ވެސް އެހީތެރިކަން ފޯރުކޮށްދިން ގައުމު ކަމަށެވެ.

އެމްޑީޕީން އަބަދުވެސް ލަންކާ އާއެކު ދެމި އޮންނާނެ ކަމަށާއި، އެގައުމަށް ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން އެގައުމުގެ ސަލާމަތީ ބާރުތަކުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް އެމްޑީޕީގެ އެ ބަޔާނުގައި ބުނެފައިވެއެވެ.

ލަންކާއަކީ އަބަދުވެސް އެމްޑީޕީގެ ސިޔާސީ ޙަރަކާތްތައް ކުރިއަށް ގެންދާ ޤައުމެކެވެ. އަދި މީގެއިތުރުން ކުރީގެ ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގައި، ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށް 13 އަހަރަށް ޖަލަށް ލާފައިވަނިކޮށް ބޭސްފަރުވާ އަށް އިނގިރޭސިވިލާތަށް ވަޑައިގެންނެވުމަށް ފަހުވެސް ސިޔާސީ މަސައްކަތްޕުޅު ކުރެއްވުމަށް އެތައް ފަހަރަކު ރައީސް ނަޝީދު ވަނީ ލަންކާ އަށް ވަޑައިގެންފައެވެ.