ޚަބަރު

ތިމާވެށީގެ ދުވަހާއި ގުޅުވައިގެން އައްޑޫ ސިޓީގައި 1000 ރުއް އިންދަނީ


ދުނިޔޭގެ ތިމާވެށީގެ ދުވަހާއި ގުޅުވައިގެން 1000 ރުއް އިންދުމުގެ ޕްރޮގްރާމެއް އައްޑޫ ސިޓީގައި ފަށައިފިއެވެ.

އައްޑޫސިޓީގެ ހުރިހާ އަވަށެއްގައިވެސް އެއްފަހަރާ ކުރިއަށް ގެންދިޔަ މިޕްރޮގްރާމް އައްޑޫ ނޭޗަރ ޕާކުގައި ބޭއްވި ރަސްމީއްޔާތުގައި ފަށްޓަވައިދެއްވީ އައްޑޫސިޓީގެ މޭޔަރ އަބްދުﷲ ސޯދިޤެވެ. މި ޕްރޮގްރާމަކީ އައްޑޫ ސިޓީ ކައުންސިލުން އިސް ނަގައިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމު ފައްޓަވައި ދެއްވުމަށްފަހު މޭޔަރ ދެއްކެވި ވާހަކަ ފުޅުގައި ވިދާޅުވީ، ރުއް އިންދުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދަން ނިންމި އެންމެ ބޮޑު އެއް ސަބަބަކީ ދާދި ފަހުން އައްޑޫސިޓީ ސްކެއާ ތަރައްޤީ ކުރުމަށް ގިނަ އަދެދެއްގެ ރުއް ނަގާފައި ވުމާއެކު އޭގެ ބަދަލުގައި އާ ރުއްތަކެއް އިންދުން ކަމަށެވެ.

ތިމާވެށީގެ ދުވަހާއި ގުޅުވައިގެން އައްޑޫގެ ހުރިހާ އަވަށެއްގައި ކުރިއަށްގެންދާ މި ޕްރޮގްރާމް ކުރިއަށްގެންދަނީ ގިނަ މުޢައްސަތަކެއްގެ ބައިވެރިވުމާއި އެކުކަމަށް ސިޓީ ކައުންސިލުން ބުނެއެވެ. އަދި މި ޕްރޮގްރާމުގެ ދަށުން މި މަސް ނިމުމުގެ ކުރިން 1000 ރުއް އިންދުމަށް މަސައްކަތް ކުރާނެ ކަމަށްވެސް އައްޑޫ ސިޓީ ކައުންސިލުން ބުނެއެވެ. މިޕްރޮގްރާމުގެ ދަށުން ހަމައެކަނީ ހިތަދޫގައިވެސް 450 ރުއް އިންދުމަށް ހަމަޖެހިފައިވެއެވެ.