ކުޅިވަރު

އިންޓަ ސްކޫލް އެތްލެޓިކްސް މުބާރާތަށް ތިނަދޫއިން ތައްޔާރުވާން ފަށައިފި


މިމަހުގެ 23 ވަނަ ދުވަހު ގދ. ތިނަދޫގައި ފަށާ 22 ވަނަ އިންޓަރ ސްކޫލް އެތްލެޓިކްސް މުބާރާތަށް ތައްޔާރުވުމުގެ މަސައްކަތް ތިނަދޫ ކައުންސިލުން ފަށައިފިއެވެ.

މި މުބާރާތަށް ވަމުންދާ ތައްޔާރީތަކާ ގުޅިގެން ޕީއެސްއެމް ސްޕޯޓްސްއަށް މައުލޫމާތު ދެއްވަމުން ތިނަދޫ ކައުންސިލްގެ ރައީސް، އިބްރާހިމް އަސްއަދު ވިދާޅުވީ މި މުބާރާތަކީ ކާމިޔާބު މުބާރާތަކަށް ހެދުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވާ ސްޓޭޑިއަމްގައި ކުރަން ޖެހޭ މަރާމާތުތަކާއި އެތަނުގައި އިތުރަށް ފުރިހަމަ ކުރަން ޖެހޭ ވަސީލަތްތައް ތަރައްގީ ކުރުމުގެ މަސައްކަތް ޔޫތް މިނިސްޓްރީއާ ގުޅިގެން ފަށާފައިވާކަމަށެވެ.

" މިހާރު މި ދާ މަސައްކަތްތަކަށް ބަލާއިރު، ކުލައާއި ދަވާދުލުމުގެ އިތުރުން ޓްރެކުގެ މަސައްކަތް އެބަދޭ. ޓްރެކު އެޅުމުގެ މަސައްކަތްތަކާއި އަދި ފީލްޑް އިވެންޓުތަކަށް ތަން ތައްޔާރުކުރުމާއި އޭގެ އިތުރުން ފޮޓޯ ފިނިޝިން އެއް ތަރައްގީ ކުރުމުގެ މަސައްކަތް އެބަ ދޭ ކުރިއަށް. މިނިސްޓްރީން ބަޖެޓު ކަނޑައަޅުއްވައިގެން އެބަހުރި ސްޓޭޑިއަމްގެ ކުލަލުމާއި ދަވާދުލުމާއި ސްޓޭޑިއަމްގެ ވަށާ ފާރުގެ ކުލަ ލުމާއި އަދި ޓްރެކުގެ ބައެއް މަސައްކަތްތަކާއި ފާޚާނާތައް މަރާމާތު ކުރުމާއި މިފަދަ ކަންތައްތަކަށް މިނިސްޓްރީން ބަޖެޓު ދެއްވާފަ އެބަހުރި. ކައުންސިލުން ކުރަނީ މުބާރާތް ހިންގުމުގެ ޚަރަދު،" އަސްއަދު ވިދާޅުވިއެވެ.

މީގެ އިތުރުން، ރަށުގެ ހުރިހާ މުއައްސަސާތައް ގުޅިގެން ރަށު ތެރެ ސާފުކޮށް ބެލެހެއްޓުމާއި ވިނަ ހެދިފައިވާތަންތައް ސާފުކޮށް ޒީނަތްތެރިކުރުމުގެ ކަންކަން ކުރިއަށްދާ ކަމަށް އަސްއަދު ވިދާޅުވިއެވެ.

ތިނަދޫ ކައުންސިލްގެ ރައީސް، އަސްއަދު ވަނީ، ރޯދަމަސް ތެރޭގައި މަސައްކަތުގެ ސްޕީޑަށް ކޮންމެވެސް ވަރެއްގެ ހީނަރު ކަމެއް އައި ނަމަވެސް މިހާރު ޝެޑިއުލާ އެއްގޮތަށް މަސައްކަތްތައް ކުރިއަށްދާ ކަން ފާހަގަކުރައްވާފައެވެ. އެގޮތުން މިހާތަނަށް ވާން ޖެހޭ ތައްޔާރީތަކުގެ 70 ޕަސެންޓު ފުރިހަމަ ކުރެވިއްޖެ ކަމަށްވެސް އަސްއަދު ވިދާޅުވިއެވެ.

މިއީ އިންޓަރ ސްކޫލު އެތްލެޓިކްސް މުބާރާތެއް ތިނަދޫގައި ބާއްވާ ދެވަނަ ފަހަރެވެ. މީގެ ކުރިން 2014 ވަނަ އަހަރު މަކިޓާ ޖޫނިޔާ ޗެމްޕިއަންޝިޕް ތިނަދޫގައި ބާއްވާފައިވާއިރު، މިމަހު ބާއްވާ މި މުބާރާތުގައި 27 ސްކޫލަކުން 126 އެތުލީޓުން ވާދަ ކުރާނެ އެވެ.

"އަޅުގަނޑުމެންގެ އުއްމީދަކީ ކުރިއަށްވުރެ ރަނގަޅަށް ޚިދުމަތްތަކެއް، މެހުމާންދާރީ އަދާ ކުރުމުގައިއާއި ކުރިއަށްވުރެ ރަނގަޅު މުބާރާތަކަށް ވެގެން ދިއުން. އެމަސައްކަތް އަޅުގަނޑުމެން ކުރަމުން މިދަނީ،" އަސްއަދު ވިދާޅުވިއެވެ.

ތިނަދޫގެ މުއައްސަސާތަކާ ގުޅިގެން އެރަށު ކައުންސިލުން މުބާރާތައް ތައްޔާރުވަމުންދާއިރު، އަދިވެސް ނުނިމި ގިނަ މަސައްކަތްތަކެއް އެބަހުއްޓެވެ. އެގޮތުން ފީލްޑް އިވެންޓުތަކަށް ބޭނުންވާ ސަރަހައްދުތައް ތައްޔާރު ނުކުރެވޭ އިރު، ޓްރެކު މަރާމާތު ކުރުމުގެ މަސައްކަތްވެސް އެއްކޮށް ނިންމާނުލެވެއެވެ. ނަމަވެސް މުބާރާތް ފެށުމުގެ ކުރިން ހުރިހާ މަސައްކަތްތަކެއް ނިންމާލެވޭވަރު ވާނެ ކަމަށް އެރަށު ކައުންސިލުން މައުލޫމާތު ދެއެވެ.