ޚަބަރު

މޯލްޑިވްސް ޕްރޯ: ރާއްޖޭގެ އެތުލީޓުން ތިންވަނަ ބުރުގައި


  • މިފަހަރުގެ މުބާރާތުގައި ރާއްޖޭގެ 13 އެތުލީޓުން ވާދަކުރޭ

  • ތިންވަނަ ބުރުގައި ރާއްޖޭގެ 8 އެތުލީޓުން ވާދަކުރާނެ

ކ. ތުލުސްދޫގައި މިހާރު ކުރިއަށްދާ އައިބީސީ ވޯލްޑް ޓުއާގެ މުބާރާތެއް ކަމަށްވާ މޯލްޑިވްސް ޕްރޯގެ ތިންވަނަ ބުރުން ރާއްޖޭގެ އަށް އެތުލީޓުން ޖާގަ ހޯދާ ކުއާޓާ ފައިނަލުގެ ސްލޮޓްތަކެއް ޔަގީންކޮށްފިއެވެ.

މިފަހަރުގެ މުބާރާތުގައި ރާއްޖޭގެ ގައުމީ ބޮޑީބޯޑިން ޓީމު ތަމްސީލުކުރާނީ، އާމިން އުމަރު މޫސާ، އަލީ ޚުޝްރުވާން އަހުމަދު (ކުޑަ އައްޔަ)، އިޔަން އަހުމަދު އަދި އަޝްރަފް ހަސަންއެވެ. މީގެ އިތުރުން ވެސް މި ފަހަރުގެ މުބާރާތުގައި ރާއްޖޭގެ އިތުރު އެތުލީޓުންވެސް އަންނަނީ ވާދަކުރަމުންނެވެ. އެގޮތުން މި ފަހަރުގެ މުބާރާތުގައި ރާއްޖޭގެ 13 އެތުލީޓުން ވާދަކުރާނެއެވެ.

މި މުބާރާތުގެ ތިންވަނަ ބުރުން ޖާގަ ހޯދި ރާއްޖޭގެ އެތުލީޓުންނަކީ، ނޫހް މުހައްމަދު ދުނައިމް އިރުޝާދު، ޚުޝްރުވާން، ދާއޫދު ފަޒީހް، ޝާއިފް ޝަރީފް، އަޝްވަން މުހައްމަދު، އަޝްރަފް ހަސަން، އަލީ ޖާވިދު، އާމިން އުމަރު މޫސާ، އިޔަން އަހުމަދު އަދި ނޫން މުހައްމަދު ދުނައިމް އިރުޝާދުއެވެ.

މި އެތުލީތުންގެ ތެރެއިން ޝާއިފް ޝަރީފް، އަދި ޖާވިދު ތިންވަނަ ބުރުން ޖާގަ ހޯދީ ރެޕޯ ރައުންޑުން ކުރިހޯދައިގެންނެވެ. މީގެ އިތުރުން އާމިން ތިންވަނަ ބުރުން ޖާގަ ހޯދީ ރެޕޯ ހީޓުގެ ދެވަނަ ހޯދައިގެންނެވެ.

ރާއްޖޭގެ ޝާއިފް ރެޕޯ ހީޓު އެކެއްގައި ވާދަކުރިއިރު، މި ހީޓުގައި ދެން ވާދަކުރީ ބްރަޗިމީ ޓާރިކް އަދި ޝިބާތް އަބްދުﷲ އެވެ. މި ހީޓުގައި ޝާއިފް އަދި ބްރަޗިމީ ޖުމްލަ 4.75 ސްކޯކުރިއިރު، ޝާއިފް އަށް ކުރި ލިބެނީ ޓައި ބްރޭކުންނެވެ.

ރެޕޯ ހީޓު ދޭއްގައި ރާއްޖޭގެ އަލީ ޖާވިދު، އާމިން އަދި ކާލް މުންގަރ ވާދަކުރިއިރު، މި ހީޓުގެ އެއްވަނަ ޖާވިދު ހޯދީ 14.75 ސްކޯކޮށްގެންނެވެ. ދެވަނަ އަށްދިޔަ އާމިން އަށް ސްކޯކުރެވުނީ 10.05 އެވެ.

ރާއްޖޭގެ ދާވޫދް، ނޫހް، އަސްވަން، ޚުޝްރުވާން، ނޫން، އަޝްރަފް އަދި އިޔަން ތިންވަނަ ބުރުން ޖާގަ ހޯދީ ނޮން އެލިމިނޭޝަން ބުރުގައި ވާދަކޮށް އެ އެތުލީޓުން ވާދަކުރި ހީޓުތަކުގެ އެއްވަނަ އާއި ދެވަނަ ހޯދައިގެންނެވެ.

މި މުބާރާތުގެ ތިންވަނަ ބުރުގެ ހީޓުތައް ހޮނިހިރު ދުވަހު ކުރިއަށްދާއިރު، ހީޓު އެކެއްގައި ރާއްޖޭގެ ނޫހް ނުކުންނާނީ ބްރަޗިމީ ތަރިކްއާ ދެކޮޅަށެވެ. ދެވަނަ ހީޓުގައި ރާއްޖޭގެ ދެ އެތުލީޓުންކަމަށްވާ ޚުޝްރުވާން އާއި ދާވޫދް ވާދަކުރަން ޖެހޭއިރު، މި ހީޓުން ރާއްޖޭގެ އެތުލީޓަކަށް ކުއާޓާގެ ފުރުސަތު ލިބޭނެއެވެ.

ހަތަރުވަނަ ހީޓުގައި ރާއްޖޭގެ ޝާއިފް ޝަރީފް ނުކުންނާނީ ޕިއެރޭ ލޮއިސް ކޮސްޓެސްއާ ދެކޮޅަށެވެ. އަދި ފަސްވަނަ ހީޓުގައި އަޝްވަން ނުކުންނާނީ އަރްމިޑޭއާ ދެކޮޅަށެވެ.

ހަވަނަ ހީޓުގައި ވެސް އޮތީ ރާއްޖޭގެ ދެ އެތުލީޓުންނެވެ. އެގޮތުން މި ހީޓުގައި ވާދަކުރާނީ އަޝްރަފް އާއި ޖާވިދުއެވެ. އަދި ހަތްވަނަ ހީޓުގައި ވެސް އޮތީ ރާއްޖޭގެ ދެ އެތުލީޓުންނެވެ. އެއީ އާމިން އާއި އިޔަންއެވެ. މި ދެ ހިޓުންވެސް ރާއްޖެއަށް ކުއާޓާގެ ދެ ސްލޮޓް ލިބޭނެއެވެ.

އަދި ދެވަނަ ބުރުގެ ފަހު ހީޓުގައި ނޫން ނުކުންނާނީ ހޫގޯ ނައުޑޭއާ ދެކޮޅަށެވެ.