އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާގެ އެންމެ މުހިއްމު މަސައްކަތަކީ ދިވެހިރާއްޖޭގެ އިސްލާމީ އެއްބައިވަންތަކަން ދެމެހެއްޓުމަށްޓަކައި ކުރާ މަސައްކަތްތައް ކަމަށާއި، މި މަސައްކަތްތަކުގެ އެންމެ މުހިއްމު ބައިވެރިންނަކީ ޢިލްމުވެރިންކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، "ޢިލްމުވެރިންގެ ބައްދަލުވުން 2026" ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލުމަށް ހަމަޖެހިފައިވަނީ، "21 ވަނަ ޤަރުނުގައި އިސްލާމީ ދަޢުވަތު" މި ތީމުގެ މައްޗަށެވެ. ޢިލްމުވެރިންގެ ބައްދަލުވުމުގެ އެކި ދަންފަޅިތަކުގައި ދީނީ އެކި މުހިއްމު މަޢުޟޫއުތަކަށް ބަހުސް ކުރުމާއި، ތަފާތު މަޢުޟޫއުތަކަށް ޢިލްމުވެރިންނަށް މަޢުލޫމާތު ދިނުމުގެ ސެޝަންތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މިއަހަރުގެ ޢިލްމުވެރިންގެ ބައްދަލުވުމުގައި 101 ޢިލްމުވެރިން ބައިވެރިވެއެވެ. ޢިލްމުވެރިންގެ ގޮތުގައި 22 ޒުވާން ޚަތީބުން، 13 އިމާމުން އަދި 24 އިސްލާމް މުދައްރިސުންވެސް ބައިވެރިވެއެވެ.
މި ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ، މި ސަރުކާރުގެ ސިޔާސަތަކީ ވެރިކަން ހިންގެވުމުގައި އިސްލާމްދީނުގެ ކަންތައްތަކަށް އިސްކަންދީގެން ވެރިކަން ކުރެއްވުން ކަމަށެވެ. މި ސިޔާސަތުގެ ދަށުން ވުޒާރާއިން ކުރަމުންދާ މަސައްކަތްތަކަށް މިހާތަނަށްވެސް ވަރަށް ގިނަ ކާމިޔާބީތައް ހާސިލުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ދީނީ ދާއިރާއިން ކުރަމުންދާ މަސައްކަތްތަކުގެ ތަރުތީބުތަކެއް ކަނޑައަޅާ، ރާއްޖޭގެ އެކި ރަށްރަށާއި، އެކި ސަރަހައްދުތަކަށް އެންމެ ބޭނުންތެރި ކަންކަން ފާހަގަކޮށް އެކަމަށް ގުޅިގެން މަސައްކަތްކުރަން ޖެހޭ ކަމަށެވެ.
ޚާއްސަކޮށް ދީނީ ދާއިރާއިން މީހުން ބިނާކުރުމުގެ މަސައްކަތަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ނުހަނު އިސްކަން ދޭކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"ދިވެހިރާއްޖޭގެ އިސްލާމީ ވަޙުދަތު ދެމެހެއްްޓުމަށްޓަކައި ފާއިތުވެދިޔަ އަހަރުތަކުގައި ވުޒާރާއިން ގިނަގުނަ މަސައްކަތްތަކެއް ވަނީ ކުރެވިފައި. މި ސިލްސިލާގެ ދަށުން ފާއިތުވެދިޔަ ދެ އަހަރު ވަކި އިސްތިރާޖީ ޚާއްސަ މަސައްކަތްތަކެއް ވަނީ ކުރެވިފައި. އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާގެ އެންމެ މުހިއްމު މަސައްކަތަކީ ދިވެހިރާއްޖޭގެ އިސްލާމީ އެއްބައިވަންތަކަން ދެމެހެއްޓުމަށްޓަކައި ކުރެވޭ މަސައްކަތްތައް. މި މަސައްކަތްތަކުގެ އެންމެ މުހިއްމު ބައިވެރިންނަކީ ލޮބުވެތި ޢިލްމުވެރިން." ވަޒީރު ޑރ.މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވިއެވެ.
ފަސް އަހަރުގެ މެދުކެނޑުމަކަށްފަހު ދީނީ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުން އަލުން ބާއްވަން ފަށާފައިވަނީ، 2024 ވަނަ އަހަރުއެވެ. އަދި 2025 ވަނަ އަހަރުވެސް މި ބައްދަލުވުން ބާއްވާފައިވެއެވެ. މި ބައްދަލުވުމަކީ، ރާއްޖޭގެ ދީނީ ޢިލްމުވެރިން އެއް ތަނަކުން ބައްދަލުވެ، މުހިއްމު މަޢުޟޫޢުތަކަށް ވާހަކަ ދެކެވޭ މުހިއްމު ބައްދަލުވުމަކަށްވެފައިވާކަން ފާހަގަަކޮށްލެވެއެވެ.
މި ބައްދަލުވުމަކީ، 2 ދުވަހުގެ ބައްދަލުވުމެކެވެ.