ތިމާވެށި

ހެޔޮގޮތުގައި ކުނި ނައްތާލުމަށް ކުރިއަށް ގެންދާ ކޭމްޕޭން ފަށައިފި


ހެޔޮގޮތުގައި ކުނި
ނައްތާލުމަށް އާއްމުން ހޭލުންތެރިކުރުވުމަށް ހިންގާ "ސާފު ރާއްޖެ"
ކެމްޕެއިން އިފްތިތާހްކުރައްވައިފިއެވެ.އެކަމަށްޓަކައި ބުރާސްފަތި ދުވަހު ހޮޓެލް ޖެންގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި މި ކެމްޕެއިން ރަސްމީކޮށް ފަށްޓަވައިދެއްވީ،
އެންވަޔަރަމަންޓް މިނިސްޓަރ ތާރިޤު އިބްރާހިމްއެވެ. މި ރަސްމިއްޔާތުގައި
އެންވަޔަރަމަންޓް މިނިސްޓަރގެ އިތުރުން އިކޮނޯމިކް މިނިސްޓަރާއި ހައުސިންގ
މިނިސްޓަރ ބައިވެރިވެވަޑައިގެންނެވިއެވެ."ސާފު
ރާއްޖެ" މި ކެމްޕެއިން ފަށްޓަވައިދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި
އެންވަޔަރަމަންޓް މިނިސްޓަރ ތާރިޤު އިބްރާހިމް ވިދާޅުވީ، ރާއްޖޭގެ ތިމާވެއްޓަށް
މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ކުނީގެ މައްސަލަކަމުން،
މިކަން ހައްލުކުރުމަށް މި ކެމްޕެއިން ކުރިއަށް ގެންދިއުމުގައި ސަރުކާރުގެ
ވުޒާރާތަކާއި އެހެނިހެން އިދާރާތައް، އަދި ސިޔާސީ ޕާޓީތަކާއި ކްލަބް
ޖަމިއްޔާތަކުގެ އިތުރުން ވިޔަފާރި ކުންފުނިތަކާއި، އިންޑަސްޓްރީތަކުގެ އެއްބާރުލުން
ބޭނުންވާކަމަށެވެ. އަދި ހެޔޮގޮތުގައި ކުނި ނައްތާލުމަށްޓަކައި، ކޮންމެ
ރައްޔިތަކުވެސް އެ ރައްޔިތެއްގެ ފަރުދީ ޒިންމާ އަދާކުރުމަށާއި، ޢާންމު
ސަރަޙައްދުތަކާއި މޫދާއި، ކަނޑުފަޅު ސާފުކޮށް ބޭއްވުމަށް އެންމެން ގުޅިގެން
މަސައްކަތް ކޮށްދެއްވުމަށްވެސް މިނިސްޓަރ ތާރިޤު ވަނީ ގޮވާލައްވާފައެވެ. އިކޮނޯމިކް މިނިސްޓަރ މުހައްމަދު ސަޢީދު ވިދާޅުވީ، ރާއްޖޭގެ އިޤްތިސާދާއި،
ތިމާވެށި ގުޅިލާމެހިފައިވާ ކަމަށާއި، ތިމާވެއްޓަށް ލިބޭ ކޮންމެ ގެއްލުމެއްގެ
އަސަރު ސީދާގޮތުންނާއި، ނުސީދާގޮތުންވެސް ރާއްޖޭގެ އިޤްތިސާދަށް ކުރާނެކަމަށެވެ. ފަތުރުވެރިންގެ
ހިތްތަކުގައި ރާއްޖޭގެ ގޮނޑުދޮށްތަކާއި، ޖަޒީރާ ރަށްތަށްކަށް ޚާއްސަ ލޯތްބެއް
އުފެދިފައިވާއިރު، ކުނީގެ މައްސަލަ ހައްލުކުރުމަށް އެންމެ އެކުގައި މަސައްކަތް
ކުރުން މުހިއްމު ކަމުގައި މިނިސްޓަރ ސަޢީދު ވިދާޅުވިއެވެ. މި ރަސްމިއްޔާތުގައި
ވާހަކަފުޅު ދައްކަވަމުން ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވީ،
ސާފުތާހިރު ވެއްޓެ ޤާއިމުވެފައި އޮތުމަކީ އެންމެނަށްވެސް ލިބިފައިވާ ހައްޤެކަމަށާއި،
ނަމަވެސް، ތިމާވެށީގެ ކަންކަމުގައި ދިވެހިން މިހާރަށްވުރެ ޒިންމާދާރު
ވާންޖެހިފައިވާކަމަށެވެ. "ސާފު ރާއްޖެ" މި ކެމްޕޭންގެ ދަށުން، ރާއްޖޭގައި ހަރަކާތްތެރިވާ
ވިޔަފާރި ކުންފުނިތަކާއި، ސަރުކާރު ވުޒާރާތަކާއި، އަމިއްލަ ޖަމިއްޔާތަކުގެ
އިތުރުން މީޑިއާގެ ފަރާތްތައް ހިމެނޭހެން އާއްމުން ހޭލުންތެރި ކުރުވުމުގެ
ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މީޑިއާގެ
ފަރާތްތައް ހިމެނޭހެން މި ކެމްޕޭންގެ ކަންކަން ކުރިއަށްގެންދިއުމަށް ސްޓިއަރިންގ ކޮމިޓީއެއްވެސް
އެކުލަވާލެވިފައިވެއެވެ.