ޚަބަރު

ވައި ތަޣައްޔަރުކުރާ ބަޔަކަށް ނުވުމަށް ރައީސް އިލްތިމާސްކުރައްވައިފި


އަމިއްލަ އަތްތަކުން ވައި ތަޣައްޔަރުކުރާ ބަޔަކަށް ނުވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހު އިލްތިމާސްކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަމަށް އިލްތިމާސްކުރެއްވީ ބައިނަލްއަޤްވާމީ ތިމާވެށީގެ ދުވަހުގެ މުނާސަބަތާއި ގުޅިގެން ދެއްވި ޙިތާބުގައެވެ.

ރައީސްގެ ޚިތާބުގައި ވައި ސާފުވުމާއި، ވައި ތަޣައްޔަރުވުމަކީ، އަޅުގަނޑުމެންގެ ދިރިހުރުމާ ގުޅިފައިވާ ކަމެއްކަން ޤަބޫލުކުރަންޖެހޭކަމަށް ވިދާޅުވިއެވެ. އަދި ތިމާވެށީގެ ދުވަސް ފާހަގަކުރާއިރު، ތިމާވެށްޓާ ރަޙްމަތްތެރި ވައްޓަފާޅިއަކަށް ދިރިއުޅުމުގެ އާދަތައް ބަދަލުކުރުމަކީ ފަރުދީ ފެންވަރުގައި ކޮންމެ މީހަކަށްވެސް ކުރެވިދާނެ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ހިތާބުގައި ރާއްޖެ ތަރައްޤީކުރުމުގެ ނަމުގައި ތިމާވެށި ސުންނާފަތިކޮށް، މި ރާއްޖޭގެ ޖަޒީރާވަންތަކަން ނަގައިލުމަކީ، ސަރުކާރުގެ ސިޔާސަތެއް ނޫންކަމަަށް ވިދާޅުވިއެވެ. އަދި މި ސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެންވެސް، ތިމާވެށީގެ ޙިމާޔަތަށް މުހިންމު ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށްވެސް ޙިތާބުގައި ވިދާޅުވިއެވެ. އެގޮތުން ތޮއްޖެހިފައިވާ މާލެ ފެހިކޮށް، ވައި ސާފު ރަށަކަށް ބަދަލުކުރުމަށްޓަކައި މާލޭގައި ހުސް ޖާގަތައް ހަދައި، ޕާކް ކުރުމަށް ލުއިފަސޭހަ ގޮތްތައް ހޯދައިދެއްވަމުން އަންނަ ކަމަށްވެސް ރައީސްގެ ޙިތާބުގައި ވިދާޅުވިއެވެ.

މީގެއިތުރުން ތިމާވެށްޓާ ރަޙްމަތްތެރި ދަތުރުފަތުރުގެ ނިޒާމެއް ތަރައްޤީކޮށް، މަގުމަތީގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ، ސަރުކާރުގެ ވަރަށް މުހިންމު އަމާޒެއްކަމަށްވެސް ރައީސްގެ ހިތާބުގައިވެއެވެ.

ރައީސް ސާލިހު ވިދާޅުވީ ވައި ތަޣައްޔަރުވާ މިންވަރު ދަށްކުރެވޭނީ، ޖައްވުގެ ތެރެއަށް ވިހަ ގޭސްތައް ބޭރުކުރާ މިންވަރު މަދުކޮށްގެންކަމަށެވެ. ހަމައެއާއެކު، ހަކަތަ އުފެއްދުމަށްޓަކައި، ތެޔޮ އެންދުމުގެ ބަދަލުގައި، އިޢާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް އިތުރުކުރަންޖެހޭކަމަށްވެސް ރައީސްގެ ހިތާބުގައިވެއެވެ.

ވައި ތަޣައްޔަރު ނުކުރާ ބަޔަކަށް ދިވެހިން ވުމަށް ރައީސް އިލްތިމާސް ކުރެއްވިއިރު، މި އަހަރުގެ ތިމާވެށީގެ ދުވަހަށް ކަނޑައަޅާފައިވާ ޝިޢާރަކީ އެއަރ ޕޮލިއުޝަން ނުވަތަ ވައި ތަޣައްޔަރުވުމެވެ.

ތަފާތު ވިހަ މާއްދާތަކުން ތަޣައްޔަރުވެފައިވާ ވައިގެ ތެރެއަށް ނޭވާލާން ޖެހުމުގެ ސަބަބުން، ކޮންމެ އަހަރަކު ގާތްގަނޑަކަށް 4.2 މިލިއަން މީހުން، ނުޢުމުރުގައި މަރުވެގެންދާކަމަށް، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، ޑަބްލިޔު.އެޗް.އޯގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އަދި ދުނިޔޭގެ އާބާދީގެ ގާތްގަނޑަކަށް 91 އިންސައްތަ ދިރިއުޅެމުން އަންނަނީ، ނުރައްކާތެރި މިންވަރަކަށް ވައި ތަޣައްޔަރުވެފައިވާ ސަރަޙައްދުތަކެއްގައިކަމަށްވެސް ތަފާސް ހިސާބުތަކުން ދައްކައެވެ.