ޚަބަރު

މަގުމަތީގެ ރައްކާތެރިކަމަށް ޢާންމުން ހޭލުންތެރި ކުރުމުގެ ޙަރަކާތް ފަށައިފި


މަގުމަތީގެ ރައްކާތެރިކަމަށް ޢާންމުން ހޭލުންތެރި ކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީއާއި ޔޫތު މިނިސްޓްރީ ގުޅިގެން ކުރިއަށް ގެންދާ ސިލްސިލާ ޕްރޮގްރާމް ނައިބްރައީސް ފައިޞަލް ނަޞީމް ފައްޓަވަދެއްވައިފިއެވެ. މިގޮތުން މިއަދު މިހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ޢާއްމުން ހޭލުންތެރިކުރުމަށެވެ.

މަގުމަތީގެ ރައްކާތެރިކަމަށް ޢާންމުން ހޭލުންތެރި ކުރުވުމަށް ކުރިއަށްގެންދާ މިޙަރަކާތުގައި ޓްރާންސްޕޯޓް މިނިސްޓްރީއާއި ޔޫތު މިނިސްޓްރީއާއި ފުލުހުންގެ އިތުރުން ވިހި ކުންފުންޏަކުން މިޕްރޮގްރާމުގައި ބައިވެރިވެއެވެ. އެއްނަމަބްރު ފާލަން ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގައި މިޙަރަކާތް ފަށްޓަވައިދެއްވީ ނައިބްރައީސް ފައިޞަލް ނަޞީމެވެ.

މަގުމާތީގެ ރައްކާތެރިކަމަށް ހޭލުންތެރި ކުރުމުގެ ތަފާތު ހަރަކާތްތައް މާލެގެ ނުވަ ސަރަޙައްދެއްގައާއި، ހުޅުމާލޭގެ ދެސަރަހައްދެއްގައި މިއަދު ހަވީރު ހަތަރު ގަޑި ތިރީހުން ފަސްގަނޑި ސާޅީސް ފަހަކަށް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މިގޮތުން މާލޭގައި މިކެމްޕެއިނުގެ ޙަރަކާތްތައް ކުރިއަށްގެންގޮސްފައިވަނީ އެއް ނަމްބަރު ފާލަމާއި ،ހުޅުމާލެ ފެރީ ޓާމިނަލާއި ބްރިޖް ސަރަހައްދާއި، ސްޓެލްކޯ ފުރަގަހާއި، ބަސް ޓާމިނަލްގައެވެ.
އަދި ސުނާމީ ބިނާ ސަރަޙައްދާއި ރަސްފަންނާއި އެމްޕީއެލް ސަރަޙައްދާއި ކަސްޓަމްސް ސަރަހައްދާއި ވިލާ ކޮލެޖު ކައިރީގައިވެސް މިޙަރަކާތް ކުރިއަށް ގެންގޮސްފައިވެއެވެ.

ހުޅުމާލޭގައި ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވަނީ ސެންޓްރަލް ޕާކާއި ބާބަކިއު ސަރަޙައްދުގައެވެ.
މި ހަރަކާތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޔޫތް މިނިސްޓަރ އަޙްމަދު މަޚުލޫފް ވިދާޅުވީ ޓްރެފިކް މައްސަލަތައް ޙައްލުކުރުމަށް މިހާތަނަށް ކުރެވުނު މަސައްކަތުން ބައެއް ކަންކަން ރަނގަޅުވަމުން އައިނަމަވެސް އެންމެ އެދެވޭ ނަތީޖާ އަދިވެސް ނުނެރެވޭކަމަށެވެ.

މި ކެމްޕެއިނުގައި އެންމެ އިސްކަމެއް ދީގެން އަލިއަޅުވާލާފައިވަނީ ބާރަށް ދުއްވުމުގެ ސަބަބުން ދިމާވާ މައްސަލަތަކަށެވެ. މީގެއިތުރުން، ކުޑަކުދިން ގޮވައިގެން ދުއްވާއިރު، ރައްކާތެރިވުމުގެ މުހިއްމުކަމާއި މަގު ހުރަސް ކުރަނީ ރައްކާތެރި ވަގުތެއްގައި ކަމަށް ހެދުމުގެ މުހިއްމުކަން ވެސް މިކެމްޕެއިންގައި ކިޔައިދޭނެކަމަށް ފުލުހުން މަޢުލޫމާތުދެއްވިއެވެ. މީގެ އިތުރުން ދުވާރަކީ ހިނގައި އުޅޭ މީހުންނަށް ރައްކާތެރިކަމާ އެކު ބޭނުންކުރެވޭނެ ތަނަކަށް ހެދުމުގެ މުހިއްމު ކަމާ ބެހޭ ގޮތުން ވެސް ހޭލުންތެރި ކުރުމަށް ހަމަޖެހިފައިވެއެވެ. މި ހަރަކާތުގައި މައިގަނޑު ތިން ހޭޝްޓެގެއް ބޭނުންކުރެއެވެ. އެއީ "މިހާރު އެނގިއްޖެ" ،"ރޯޑް ސޭޕްޓީ އިޒް އިމްޕޯޓަންޓް" އަދި "ރައްކާތެރި މަގުމަތި" މިއެވެ.

ކޮންމެ މަހަކު ވެސް މިފަދަ ކެމްޕެއިނެއް ކުރިއަށް ގެންދަން ވިސްނަވާފައި ވާކަމަށް ޔޫތު މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. އަދި މިޙަރަކާތްތައް ކުރިއަށް ގެންދާނީ ހަމައެކަނި މާލޭގައި ނޫންކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.