ޚަބަރު

އެއްގަމު އުޅަނދު ދުއްވާމީހުން މިހާރަށްވުރެ ބޮޑަށް މަގުމައްޗަށް ސަމާލުވާންޖެހޭ - ނާއިބްރައީސް


އެއްގަމު އުޅަނދުތައް ދުއްވާއިރު މިހާރަށްވުރެ ބޮޑަށް ސަމާލުވުމަށް ނާއިބްރައީސް ފައިޞަލް ނަސީމް އިލްތިމާސްކުރައްވައިފިއެވެ.

މަގުމަތީގެ ރައްކާތެރިކަމާގުޅޭ ކެމްޕެއިން ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނައިބްރައިސް ވިދާޅުވޭ ރާއްޖޭގެ މަގުތަކުގައި ވަކިން ޚާއްސަކޮށް މާލޭގެ އެކި މަގިތަކުގައި ނުރައްކާތެރި ހިނގާ ނުރައްކާތެރި އެކްސިޑެންޓްތަކުގެ މައްސަލަތަކަކީ ވަރަށްބޮޑު ކަންބޮޑުވުމެއްކަމަށެވެ. އަދި މިކަމުގެ ސަބަބުން އެތައް ބައެއްގެ ފުރާނަގެއްލި، އަނެއްބަޔަކު ނުކުޅެދޭ ޙާލަތަށް ގޮސްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތު ފަށްޓަވައިދެއްވާ ވާހަކަފުޅުދައްކަވަމުން ނައިބްރައީސް ވިދާޅުވީ ހުރިހާ ގޮތްގޮތުން ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ހޯދައިދިނުމަކީ މިސަރުކާރުން އިސްކަން ދީގެ ކުރަމުންދާކަމެއްކަމަށެވެ. އެހެންނަމަވެސް މިކަން އެންމެ ފުރުހިމަގޮތުގައި ޙާސިލް ވާނީ އެންމެހައި ރައްޔިތުންގެ އެއްބާރުލުން ލިބިގެންކަމަށް ނައިބްރައީސް ވިދާޅުވިއެވެ.

މަގުމަތީގައި ނުރައްކާތެރި އެކި ހާދިސާތައް ހިނގަމުންދާކަން ފާހަގަކުރައްވައި ނައިބް ވަނީ މަގުތަކުގައި ދުއްވުމުގައި މިހަރަށް ވުރެ ބޮޑަށް ސަމާލުކަން ދީގެން ދުއްވުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ސްޕީޑް ކޮންޓްރޯލް ކޮށްގެންވެސް އެމީހަކު ދާން ބޭނުންވާ ތަނަކަށް ހިތްހަމަ ޖެހުމާއެކު ދެވޭނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

" މިއަދުން ފެށިގެން ރާއްޖޭގެ ކޮންމެ ރައްޔިތަކު އަޒުމު ކަނޑައަޅަންވީ ރާއްޖޭގެ މަގުތަކަކީ އަމާން ރައްކާތެރި ތަނަކަށް ހެދުމަށް. އެތަންތަނަކީ އަޅުގަނޑުމެންގެ ކުޑަކުދިންނާއި ދޮށީ އުމުރގެ މީހުން އަދި މުޅި މުޖުތަމަޢުއަށްވެސް ރައްކާތެރިތަނަކަށް ހެދުމަށް އެންމެންވެސް މަސައްކަތް ކުރަންވީ." ނާއިބްރައީސް ވިދާޅުވިއެވެ.

ނައިބްރައީސް ވަނީ އެއްގަމު އުޅަނދު ދުއްވާމީހުން މަގުމަތީގައި ހިނގާބިނގާވެއުޅޭ މީހުންނަށް އިޚްތިރާމްކުރުމަށް އިލްތިމާސްކުރައްވާފައެވެ. މިގޮތުން ކަފިހިހުރަހުން މަގު ހުރަސް ކުރާ ފަރާތްތަކަށް ޖާގަދިނުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ. މީގެ އިތުރުން ހިނގާމީހުންވެސް ދުވާރުމަތިން ހިނގުމަށާއި މަގުމަތީގެ ރައްކާތެރިކަމަށް އިސްކަންދިނުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

މަގުމަތީގެ ރައްކާތެރިކަމާގުޅޭ ކެމްޕެއިނަކީ، މަގުމަތީގެ ރައްކާތެރިކަމަށް ޢާންމުން ހޭލުންތެރި ކުރުވުމަށް ޓްރާންސްޕޯޓް މިނިސްޓްރީއާއި ޔޫތު މިނިސްޓްރީ ގުޅިގެން ސިލްސިލާކޮށް ކުރިއަށް ގެންދާ ހަރަކާތެކެވެ.