ރާއްޖޭގައި ވަރަށް އަވަހަށް ކްލައިމެޓް ޗޭންޖް ޕޮލިސީއެއް އެކުލަވާލެވި އަމަލުކުރަންފެށޭނެކަމަށް އެންވަޔަރަމެންޓް މިނިސްޓަރ ޠާރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ.މިނިސްޓަރ ޠާރިޤް މިހެން ވިދާޅުވީ ޝީބިލްޑިންގްގައި މިއަދު ފެށުނު ނެޝަނަލް ކްލައިމެޓް އައުޓްލުކް ފޯރަމް ހުޅުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ މޫސުމާބެހޭ އިދާރާގެ ފެންވަރު މަތިކުރުމުގެ މަސައްކަތްތަކެއް ކުރިޔަށްއެބަދާކަމަށާ މިމަސައްކަތްތައް ނިމުމުން މިހާރަށްވުރެ ފުޅާދާއިރާއެއްގައި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގެ ޑާޓާ އެއްކުރެވިގެން މޫސުމާބެހޭ މައުލޫމާތު ފޯރުކޮށްދެވޭގޮތް ވެގެންދާނެކަމަށެވެ.ދުނިޔޭގެ މުސުމާބެހޭ ޖަމްޢިއްޔާ އަދި ރީޖަނަލް މަލްޓިހަޒާޑް އާރލީ ވޯރނިންގ ސިސޓަމް ފޯރ އޭޝިޔާ އެންޑް އެފްރިކާގެ އެހީތެރިކަމާއެކު ފެށުނު މި ފޯރަމްގެ މަޤްސަދަކީ މޫސުމާބެހޭ ސައިންޓިފިކް މައުލޫމާތު އާންމުންނަށް ބޭނުންހިފޭގޮތަށް ބައްޓަންކޮށްގެން އެ މައުލޫމާތުތައް އެންމެފުރިހަމަ ގޮތުގައި ފޯރުކޮށްދިނުންކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން މައުލޫމާތުދެއެވެ.ދުނިޔޭގެ މޫސުމާބެހޭ ޖަމްޢިއްޔާގެ ސައިންޓިފިކް އޮފިސަރ މިސް އަނަހިތް ހޮވްސްޕަޔަން ދެއްކެވި ވާހަކަފުޅުގައި ވަނީ މޫސުމާބެހޭމައުލޫމާތުގެ ބޭނުން ރަނގަޅު ގޮތުގައި ހިފައިފިނަމަ ކުރާނެ ފައިދާތަކުގެ މައްޗަށް އަލިއަޅުވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ.ދުނިޔޭގެ މުސުމާބެހޭ ޖަމްޢިއްޔާގެ ޕާމަނަންޓް ރިޕްރެޒެންޓޭޓިވް، އަދި އެންވަޔަރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަބުދުﷲ މަޖީދު ދެއްކެވި ވާހަކަފުޅުގައި މިހާރު ރާއްޖޭގެ ހޫނު މޫސުން ދިގުލައިގެންދާކަން ފާހަގަކުރައްވާ އެކަމުގެ ސަބަބުން ފެންފޯރުކޮށްދިނުންފަދަ މަސައްކަތްތަކަށް ސަރުކާރުން ކޮންމެ އަހަރު ބޮޑު ހޭދައެއްކުރަންޖެހޭކަން ފާހަގަކުރެއްވިއެވެ.މުސުމާބެހޭ އިދާރާއާ އަދި އެއިދާރައިން ކޮންމެ ދުވަހަކު މުސުމާބެހޭ މައުލޫމާތު ފޯރުކޮށްދޭންޖެހޭ އިދާރާތަކުން މަންދޫބުން ހިމެނޭހެން ފެށުނު ފޯރަމް މާދަމާގެ ނިޔަލަށް ކުރިޔަށްދާނެއެވެ.