ގްރީން ހައުސްގައި ކިއުކަންބާއާއި މެލަން ހެއްދުމާއި ގުޅޭ ފަންނީ ތަމްރީނު ޕްރޮގްރާމެއް ހދ.ހަނިމާދޫގައި ހުންނަ އެމްއޭޕީގެ ގްރީންހައުސްގައި ފަށައިފިއެވެ.
ދަނޑުވެރިންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މި ޕްރޮގްރާމުގައި 7 ރަށަކުން ޖުމްލަ 22 ފަރާތަކުން ވަނީ ބައިވެރިވެފައެވެ.
މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި ޕްރޮގްރާމުގެ މައިގަނޑު މަޤުސަދަކީ ގްރީންހައުސް ދަނޑުވެރިކަން ކުރުމަށް ބައިވެރިންގެ ފަންނީ ޤާބިލުކަމާއި އަމަލީ ހުނަރުތައް އިތުރުކުރުން ކަމަށެވެ. މީގެއިތުރުން ޒަމާނީ ދަނޑުވެރިކަމުގެ އުސޫލުތައް ކުރިއަރުވައި، ރާއްޖޭގައި ދެމެހެއްޓެނިވި ގޮތެއްގައި ކާބޯތަކެތި އުފެއްދުމުގެ ނިޒާމު ހަރުދަނާ ކުރުމަށް މި ޕްރޮގްރާމުގެ ސަބަބުން ބޮޑު ބާރަކަށް ވެގެންދާނެ ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.
ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށާއި، ދަނޑުވެރިކަމުގެ ސިނާއަތް ޒަމާނީ ފެންވަރަކަށް ތަރައްޤީ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން މިފަދަ އަމަލީ ތަމްރީނުތަކަކީ ދަނޑުވެރިންނަށް ވަރަށް މުހިންމު ފުރުސަތެކެވެ. މި ތަމްރީނުގެ ސަބަބުން ދަނޑުވެރިންނަށް ގްރީންހައުސްތަކުގައި ގިނަ އަދަދަކަށް ކިއުކަންބާއާއި މެލަން ފަދަ ބާވަތްތައް ހައްދަން ދަސްވެގެންދާނެއެވެ.