ޚަބަރު

ޢީދު ބަންދުގައި މާލެތެރެ ބެލެހެއްޓުން ވަރުގަދަކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި


މިއަހުރެ ފިޠުރު ޢީދު ބަންދުގައި މާލެތެރެ ބެލެހެއްޓުމުގެ ކަންކަން ވަރުގަދަކުރުމާ ގުޅޭގޮތުން ފުލުހުން މަޝްވަރާކޮށްފިއެވެ.

މިގޮތުން ފުލުހުން ވަނީ، ގަލޮޅާއި މާފަންނު ޕޮލިސް ސްޓޭޝަންގެ އިސްވެރިންނާއި ނެއިބަރހުޑް ސަޕޯޓް އޮފިސަރުންނާއި ސެކިއުރިޓީ ފަރމްތަކާ ބައްދަލުކޮށް މާލެތެރެ ބެލެހެއްޓުން ވަރުގަދަކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފައެވެ.

މި ބައްދަލުވުމުގައި ފުލުހުން ވަނީ ސެކިއުރީޓީ ފަރމްތަކުގެ މަސައްކަތްތަކާއި ގުޅޭގޮތުން ފާހަގަވެފައި ހުރި ކަންތައްތަކާއި ތަންތަނުގައި ސެކިއުރިޓީ ބަލަހައްޓާއިރު ސަމާލުކަންދޭންވީ ކަންކަމާގުޅޭގޮތުން މަޝްވަރާކޮށްފައެވެ. އަދި ސެކިއުރިޓީންގެ މަސައްކަތްތައް ހަރުދަނާކުރުމަށް ސްޕަވައިޒްކޮށް މޮނިޓަރ ކުރުން ހަރުދަނާކުރާނެ ގޮތްތަކާއި ކުށެއް ނުވަތަ ހާދިސާއެއް ހިނގުމުން އަމަލުކުރަންވީ ގޮތައްތައްވެސް ހިއްސާކޮށްފައެވެ.

ފުލުހުން ވިދާޅުވީ މި ބައްދަލުވުމުގައި ސެކިއުރިޓީ ފަރމްތަކުގައި ހުރި ކަންބޮޑުވުންތަކާއި މަސައްކަތުގައި ދިމާވާ ދަތިތައް ހައްލުކުރުމުގައި ފުލުހުންނަށް އެހީތެރިކަން ފޯރުކޯށްދެވޭނެ ދާއިރާތަކާއި ކަންކަން ހިއްސާކޮށް މަޝްވަރާކޮށްފައިވާކަމަށެވެ. މިބައްދަލުވުމުގައި ވަނީ ޢީދުބަންދުގައި ސެކިއުރިޓީ ބަލަހައްޓާއިރު މިހާރަށްވުރެ ބޮޑަށް ސަމާލުވުމަށްވެސް އިލްތިމާސްކޮށްފައެވެ.

ކޮންމެ އަހަރެއްގެވެސް ޢީދު ބަންދަކީ ގިނަ ބަޔަކު ރަށުން ބޭރަށް ޗުއްޓީ ހޭދަކޯށްލަންދާ ދުވަސްވަރެއްކަމުން ވައްކަންކުރުންފަދަ ކުށްތައް މި ދުވަސްވަރު އިތުރުވާކަން ފާހަގަކޮށްލެވެއެވެ. އެހެންކަމުން ފުލުހުން ވަނީ ތަންތަނަށް ދާއިރު ރަނގަޅަށް ގެތައް ތަޅުލުމާއި އަގުހުރި މުދާތައް ރައްކާކުރުމަށް އިލްތިމާސްވެސް ކޮށްފައެވެ.