ދުނިޔެ

ނޭޕާލަށް އެއްމިލިޔަން ޑޮލަރުގެ އެހީ ދޭން އެމެރިކާއިން ނިންމައިފި


ނޭޕާލަށް އައި ބާރުގަދަ ބިންހެލުމާއި ގުޅިގެން، އެޤައުމަށް އިންސާނީ އެހީގެ ގޮތުގައި އެއްމިލިޔަން ޑޮލަރު ދިނުމަށް އެމެރިކާއިން ނިންމައިފިއެވެ.ބިންހެލުމާއި ގުޅިގެން ބައިނަލްއަޤްވާމީ ޖަމާޢަތްތަކާއި، ގިނަ ޤައުމުތަކުން ވަނީ ނޭޕާލަށް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައެވެ. އެގޮތުން އިންޑިޔާ، ޕާކިސްތާން، ޖަޕާން، ޗައިނާ އަދި އިނގިރޭސިވިލާތުން ވެސްވަނީ އިންސާނީ އެހީގެ ތަކެތި ފޮނުވާން ފަށާފައެވެ.ނޭޕާލަށް އައި ބާރުގަދަ ބިންހެލުމާއި ގުޅިގެން، އެޤައުމަށް އިންސާނީ އެހީގެ ގޮތުގައި އެއްމިލިޔަން ޑޮލަރު ދިނުމަށް އެމެރިކާއިން ނިންމާފައިވާއިރު، ބިންހެލުމުގައި އަނިޔާވި މީހުންނަށް ފަރުވާދިނުމުގައާއި، ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން މީހުން ސަލާމަތްކުރުމުގައި އެހީވުމަށް ޙަރަކާތްތެރިވާނެ ޓީމްތައް ފޮނުވުމަށްވެސް އެމެރިކާއިން ވަނީ ނިންމާފައެވެ.ޗައިނާއިންވެސް ވަނީ މީހުން ސަލާމަތްކުރުމުގައި ޙަރަކާތްތެރިވާނެ ޓީމްތައް ނޭޕާލަށް ފޮނުވާފައެވެ. އަދި ޗައިނާއިން ވަނީ ބިންހެލުމުގެ އަސަރުކުރި ޓިބެޓް ސަރަޙައްދަށްވެސް އެހީގެ ސާމާނާއި، މީހުން ސަލާމަތްކުރުމުގައި ޙަރަކާތްތެރިވާ ޓީމްތައް ފޮނުވާފައެވެ.ރެކްޓަރ މިންގަނޑުން 5.9ގެ ބާރުމިނުގައި ޓިބެޓް ސަރަޙައްދަށް އައި ލޮޅުންތަކުގައި 17 މީހުންވަނީ މަރުވެފައެވެ. އަދި ޓިބެޓްގައި ހަހާހެއްހާ ގެ ހަލާކުވެ، 200ހާހެއްހާ މީހުންނަށް ބިނެހެލުމުގެ އަސަރުކޮށްފައިވާކަމަށް ޗައިނާގެ ޓީވީތަކުން ޚަބަރުދެއެވެ.ނޭޕާލަށް ބިންހެލުން އައުމާއެކު އިންޑިޔާއިންވެސް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.އެގޮތުން އަނިޔާވެފައިވާ މީހުންނަށް ސިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް އެހީގެ ސާމާނާއި، މީހުން ސަލާމަތްކުރުމުގައި އެހީތެރިވާ ޓީމްތަކާއި ހެލިކޮޕްޓަރުވެސް އިންޑިޔާއިން ފޮނުވާފައިވެއެވެ. މީގެއިތުރުން ޕާކިސްތާނާއި، ވިލާތުގެ އިއްތިހާދުގެ ޤައުމުތަކުންވެސް ނޭޕާލަށް ކުއްލި އެހީ ފޮނުވާފައިވެއެވެ. އަދި ރެޑްކްރޮސްއާއި، އޮކްސްފާމާއި، ޑޮކްޓާރސް ވިތައުޓް ބޯޑާރސްފަދަ ބައިނަލްއަޤްވާމީ ޖަމާޢަތްތަކުންވެސް ދަނީ ކަތުމަންޑޫގައި އެހީތެރިކަން ފޯރުކޮށްދިނުމުގައި ޙަރަކާތްތެރިވަމުންނެވެ.ރެކްޓަރ މިންގަނޑުން ހަތެއް ޕޮއިންޓް އަށެއްގެ ބާރުމިނުގައި އައި މިބިންހެލުމަކީ ފާއިތުވި 80 އަހަރުތެރޭގައި ނޭޕާލަށްއައި އެންމެ ބާރުގަދަ ބިންހެލުމެވެ. މިބިންހެލުމުގައި ކަތުމަންޑުގެ ޢިމާރާތްތައް ބިމާހަމަވެ އެތައްބައެއްގެ ގެދޮރު ގެއްލިފައިވާއިރު، މީހުން ސަލާމަތްކުރުމުގައި ޙަރަކާތްތެރިވާ ޓީމްތަކުންދަނީ ވެއްޓިފައިވާ ޢިމާރާތްތަކުގެ ދަށުން މީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.ކަތުމަންޑޫގެ އެތައްހާސް ބަޔަކު ރޭގެ ވަގުތުތައް ހޭދަކޮށްފައިވަނީ މަގުމަތީގައެވެ.ގިނަ އަދަދަދެއްގެ މީހުންގެ ގެދޮރު ބިމާހަމަވެފައިވާއިރު، އަނެއްބައިމީހުން ބުނެފައިވަނީ ބިންހެލުމުގެ ފަހުން އައި ލޮޅުންތަކުގެ އިހުސާސްކުރެވޭތީ، ގޭތެރެއަށް ވަނުމަށް ބިރުގަނެ ޖެހިލުންވެފައިވާކަމަށެވެ.ކަތުމަންޑުގެ ގިނަ ސަރަޙައްދުތަކުގައި ގިނަ ބަޔަކު ތިބީ ޓެންޓް ޖަހައިގެން މަގުމަތީގައެވެ. ބިންހެލުމުގައި ކަތުމަންޑޫގެ އާސާރީ ބިނާތަކުގެ ތެރެއިން ގިނަ ބިނާތައްވެސް ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ.އިއްޔެ އައި ބާރުގަދަ ބިންހެލުމަށްފަހު މިއަދުވެސް ކަތުމަންޑުއަށް މިއަދުވެސް ލޮޅުންތައް އަންނަމުންދާނެކަމަށް ލަފާކުރެވޭކަމަށް އިންޑިޔާގެ މޫސުމާބެހޭ އިދާރާއިން ވަނީ ހަމާކޮށްފައެވެ.އިންޑިޔާގެ މޫސުމާބެހޭ އިދާރާގެ ޑިރެކްޓަރ ޖެނެރަލް ވިދާޅުވީ، މިއަދުވެސް ލޮޅުންތައް އަންނާނެ ކަމަށް ލަފާކުރެވޭތީ، ޢިމާރާތްތަކުގެ ތެރޭގައި މީހުން ތިބުން އެހާރައްކާތެރިނޫންކަމަށެވެ.ބިންހެލުމުގައި ދެހާހާ ގާތްކުރާ އަދަދަކަށް މީހުން މަރުވެފައިވާއިރު، ފަސްހާހެއްހާ މީހުން ޒަޚަމްވެފައިވާ ކަމަށް ޚަބަރުތައްބުނެއެވެ.