ޚަބަރު

މިނިވަން 50 މޫދު ކުޅިވަރުގެ އީދު ނިންމާލައިފި


މިނިވަން ފަންސާސް ފާހަގަކުރުމަށް ކުރިޔަށް ގެންދާ ޙަރަކާތްތަކުގެ ތެރޭގައި ހިމަނައިގެން ބޭއްވި "މޫދު ކުޅިވަރު ޢީދުގެ" މުބާރާތްތަކުން ވަނަވަނައަށް އައި ފަރާތްތަކަށް އިނާމް ދީފިއެވެ.މޫދު ކުޅިވަރުގެ މި ޢީދުގައި ދިހަ ކުޅިވަރަކުން މުބާރާތް ބާއްވާފައިވެއެވެ. އަދި ޢާއްމުންނަށް ބައިވެރިވެވޭގޮތަށް ދައްކާލާ ކުޅިވަރުތަކުގެ ތެރޭގައި ހިމަނަގައިގެން ފަސް ކުޅިވަރު ކުރިޔަށް ގެންގޮސްފައިވެއެވެ.މިއީ މިނިވަން ފަންސާސް ފާހަގަ ކުރުމަށް ކުރިޔަށް ގެންދިޔަ ޙަރަކާތްތަކުގެ ތެރެއިން މިމަހު ބާއްވާ އެންމެ ފަހު ހަރަކާތެވެ.މުޅި އަހަރަކަށް ބަހާލައިގެން ކުރިޔަށް ގެންދާ އެކިކަހަލަ ހަރަކާތްތަކުގެ ތެރެއިން މި ބޭއްވި މޫދު ކުޅިވަރުގެ ޢީދަކީ މިގޮތުން ރާއްޖޭގައި ބޭއްވި މޫދު ކުޅިވަރުގެ އެންމެ ބޮޑު ޢީދެވެ. އަދި ކުރިޔަށް އޮތް ތަނުގައި މިފަދަ ޢީދު ކުޅިވަރުގެ މުބާރާތްތަކެއް މަދުވެގެން އަހަރަކު އެއްފަހަރު ބާއްވަން މަސައްކަތް ކުރައްވާނެ ކަމަށް މިނިސްޓަރ އޮފް ހޯމް އެފެއަރޒް ޢުމަރު ނަސީރުވަނީ ވިދާޅުވެފައެވެ.މިފަހަރު ކުޅިވަރުތަކުގެ ތެރޭގައި ފެތުމާއި ވޯޓާ ޕޯލޯ އާއި ފަލި ޖެހުމާއި ބޮއްކުރާ ދުއްވުމާއި ވިންޑް ސާފް ކުރުމާއި ތޮށިމަތީގައި މަސް ބޭނުމާއި ކަޓަމަރާނީ ދުއްވުން ފަދަ ކުޅިވަރުތައް ހިމެނުނެވެ.މޫދު ކުޅިވަރުގެ ޢީދު ނިންމާލުމަށް ބޭއްވި މިއުޒިކް ޝޯވގައި އޮލިމްޕިއަންސްއާއި ހަރުބީއާއި ލެޑް ލައިޓްގެ ޙަރަކާތްތަކެއްވެސް ގެނެސްދީފައިވެއެވެ.މިނިވަން ކަމަށް ފަންސާސް އަހަރު ފާހަގަކުރުމަށް ކުރިޔަށް ގެންދާ ޙަރަކާތްތަކުގެ ތެރެއިން ދެން އެންމެ އަވަހަށް ބާއްވާ ޙަރަކާތް އޮންނާނީ މި އަންނަ މެއި މަހު ފ. ނިލަންދޫގައެވެ.