ޚަބަރު

ބިޔަރު ދަޅުތަކަކާއެކު 18 އަހަރުން ދަށުގެ 3 ކުދިން ހައްޔަރުކޮށްފި


މި މަހުގެ ތޭވީސް ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނެއްގައި ހުޅުމާލެ ގޮނޑުދޮށް ސަރަޙައްދުން ބިޔަރު ދަޅުތަކަކާއެކު 18 އަހަރުން ދަށުގެ ތިން ކުޑަކުދިންނާއި، އިތުރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.މިމައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ދިވެހިން ކަމަށާއި، އެއީ 17 އަހަރުގެ ފިރިހެން ދެ ކުދިންނާއި 14 އަހަރުގެ ފިރިހެން ކުއްޖެއްގެ އިތުރުން 20 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ.މި ފަރާތްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ހުޅުމާލެ ބީޗް ހަޓާދިމާ އަތިރިމަތި ގަސްތަކެއް ތެރެއިން ކަމަށާއި، ބިޔަރު ދަޅުތައް ފެނިފައިވަނީ މިމީހުންނާ ސުވާލުކުރަމުންދަނިކޮށް އެތަނުން އެކެއްގެ ފައިދަށުން ބިޔަރު ދަޅެއް ފެނުމާއި ގުޅިގެން އެމީހުން ތިބި ސަރަޙައްދު ބަލައިފާސްކުރިއިރު އެސަރަޙައްދުން ކަމަށް ފުލުހުން ބުނެއެވެ. އެގޮތުން އެސަރަޙައްދު ބަލައިފާސްކުރިއިރު 5 ދަޅު ބިޔަރު ފެނިފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.