ޚަބަރު

އައްޑޫސިޓީގައި ބާއްވާ އުރީދޫގެ ކަލަރ ރަން، ޖޫން 28ހަށް ފަސްވެއްޖެ


އައްޑޫސިޓީގައި ބާއްވާ އުރީދޫ ކަލަރ ރަން ޖޫން މަހުގެ 28 ވަނަ ދުވަހަށް ފަސް ވެއްޖެއެވެ.

އުރީދޫއިން ބުނީ ކަލަރ ރަން އައްޑޫގައި ޖޫން މަހުގެ 21 ވަނަ ދުވަހު ބާއްވަން އިއުލާންކޮށްފައިވީ ނަމަވެސް، މިހާރު ކަލަރ ރަން ބާއްވާ ދުވަސް ޖޫން 28ށް ބަދަލުކޮށްފައި ކަމަށެވެ. އުރީދޫން ބުނީ ކަލަރ ރަން ފަސްކޮށްފައިވަނީ ވީހާވެސް ގިނަ ބަޔަކަށް އެ ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.

އުރީދޫ ކަލަރ ރަންގައި ހަތް އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް ވެސް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. ކަލަރ ރަންގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ރެޖިސްޓަރ ކުރުމުގެ ފުރުޞަތު ވަރަށް އަވަހަށް ހުޅުވައިލެވޭނެކަމަށްވެސް އުރީދޫއިން ބުނެއެވެ.

އައްޑޫ ސިޓީގައި ކަލަރ ރަން ބާއްވަން ނިންމިކަން އިއުލާނުކޮށްފައި ވަނީ އުރީދޫގެ މެނޭޖްމަންޓާއި ޔޫތް މިނިސްޓްރީއާ ގުޅިގެން ޔޫތް މިނިސްޓްރީގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. ނޫސްވެރިންނަށް މައުލޫމާތު ދެމުން ޔޫތު މިނިސްޓަރ އަހްމަދު މަހްލޫފު ވިދާޅުވީ އިވެންޓްތައް ހަމައެކަނި މާލެއަށް ހާއްސަކުރުމުގެ ބަދަލުގައި މުޅި ރާއްޖޭގައި ހިންގާ ވީހާވެސް ގިނަ ބަޔަކަށް ފުރުސަތު ހޯދައިދިނުމަކީ ސަރުކާރުގެ ސިޔާސަތުގެ ތެރޭގައިވެސް ހިމެނޭ ކަމެއް ކަމަށެވެ.

އުރީދޫއިން އިންތިޒާމްކޮށް ބާއްވާ ކަލަރ ރަންއަށް އާންމުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބިއެވެ.