 
										 
					
									
			މިއަހަރު ޙައްޖަށް މީހުން ގެންދިޔުމަށް ހުއްދަ ސިސިލްފަރު ގްރޫޕަށް ނުދިން މައްސަލާގައި އިސްލާމިކް މިނިސްޓްރީއާ ދެކޮޅަށް އެ ކުންފުނިން ހުށަހެޅި މައްސަލަ ބެލެން ނެތްކަމަށް ޙުކުމްކޮށް ސިވިލް ކޯޓުން އެމައްސަލަ ބޭރުކޮށްލައިފިއެވެ. 
ސިވިލް ކޯޓުންކުރި ހުކުމްގައި ވިދާޅުވީ  މިއަހަރު ޙައްޖަށް މީހުން ގެންދިޔުމަށް ސިސިލްފަރު ގްރޫޕަށް ހުއްދަ ނުދިނުމުން އިސްލާމިކް މިނިސްޓްރީއާ ދެކޮޅަށް ހުށަހެޅި މައްސަލައިގައި އިޖުރާރުތައް ފުރިހަމަ ނުވާތީ މައްސަލަ ކުރިއަށް ގެންދާނެ ތަނެއް ނެތްކަމަށް ޙުކުމްކުރާކަމަށެވެ. 
މިމައްސަލާގައި އިސްލާމިކް މިނިސްޓްރީގެ މައްޗަށް ވަގުތީ އަމުރެއް ނެރެދިނުމަސްވެސް ސިސިލްފަރުން މީގެކުރިން އެދުނެެވެ. އެހެންނަމަވެސް ޝަރީއަތުގެ ޢާދާލަތުގެ ހަމަތަކާއި ޝަރީއަތް ކުރުމާބެހޭ ޤަވާއިދުގެ މައްޗަށްބަލައި ވަގުތީ އަމުރެއް ނެރެންޖެހޭ ހާލަތެއް ނެތްކަމަށް ސިވިލް ކޯޓުން ވަނީ ވިދާޅުވެފައެވެ. 
ސިސިލްފަރުން އސްލާމިކް މިނިސްޓާރީއާއި ދެކޮޅަށް ދައުވާ ކުރި މައްސަލައިގެ ޝަރީއަތް ފެށީ ޝަރީއަތުން ބޭރުގައި މިމައްސަލައަށް ސުލްހަވެރި ހައްލެއް ހޯދަން ކުރި މަސައްކަތް ކާމިޔާބު ނުވުމުންނެވެ. މިއަހަރު ޙައްޖަށް މީހުން ގެންދިޔުމަށް ސިސިލްފަރު ގްރޫޕަށް ހުއްދަ ނުދިން މައްސަލަ އެ ޖަމާއަތުން ވަނީ އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށްވެސް ހުށަހަޅާފައެވެ. 
އިސްލާމިކް މިނިސްޓްރީން ވިދާޅުވެފައިވަނީ ހައްޖަށް މީހުން ގެންދިއުމަށް މާކްސް ދިނުމުގައި އެއްވެސް އޮޅުވާލުމެން ނޯންނާނެކަމަށެވެެ. ޙައްޖަށް މީހުން ގެންދިއުމުގައި މާކްސް ދީފައިވަނީ އަގަށް 35 އިންސައްތައެވެ. ޚިދުމަތަށް 60 އިންސައްތަ އަދި ތަޖުރިބާއަށް 5 އިންސައްތައިގެ މަގުން މާކްސް ދީގެންނެވެ. 
ހައްޖަށް މީހުން ގެންދިޔުމަށް ހުއްދައަށް އެދި ހުށައެޅި 18 ކުންފުންޏަކުން ހުށައެޅިއެވެ. އޭގެތެރެއިން މިއަހަހަރު އިސްލާމިކް މިނިސްޓްރީން ހުއްދަ ދީފައިވަނީ ހައްޖު ކޯޕަރޭޝަނާއި އެކު 6 ކުންފުންޏަކަށެވެ.
މި އަހަރު ހައްޖަށް ގެންދިތުމުގެ ހުއްދަދިން އަމިއްލަ ޖަމާއަތްތަކަކީ ތަޒްކިއާ ޕްރައިވެޓް ލިމިޓެޑާއި ،ޒައީމާ ގްރޫޕް ޕްރައިވެޓް ލިމިޓެޑާއި، މިނާ ޙައްޖު އެންޑް އުމްރާ ޕްރއިވެޓް ލިމިޓެޑާއި، އެކްރޯ ޕްރައިވެޓް ލިމިޓެޑާއި ،އަލް ހަރަމައިން ޙައްޖު އެންޑް އުމްރާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑެވެ. 
ހުއްދަދިން ގްރޫޕްތަކުން ހައްޖަށް މީހުންގެ ގެންދިޔުމަށް ޖާގަ ދޫކޮށް ފައިސާ ނެގުމާއި އެކު ހައްޖުގެ ކަންކަން ހަމަޖެއްސުމުގެ މަސައްކަތްތައްވަނީ ފަށާފައެވެ.