ޚަބަރު

އިހަވަންދޫގައި އިމަރޖެންސީ މެޑިކަލް ޚިދުމަތް ދިނުމަށް އިންޑިއާގެ ހިލޭ އެހީ


ހއ. އިހަވަންދޫގައި އިމަރޖެންސީ މެޑިކަލް ޚިދުމަތް ދިނުމުގެ އިންތިޒާމް ހަމަޖެއްސުމަށް އިންޑިއާ ސަރުކާރުން 7 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ހިލޭ އެހީ ދީފިއެވެ.

އިންޑިއާ ސަރުކާރުން މި އެހީދީފައިވަނީ އިޖްތިމާއީ-އިޤްތިޞާދީ ތަރައްގީއަށް ބޭނުންވާ ޕްރޮޖެކްޓުތައް ހިންގުމަށް އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރަށް ދިނުމަށް ނިންމާފައިވާ 100 މިލިއަން ރުފިޔާގެ ހިލޭ އެހީގެ ތެރެއިންނެވެ. އެގޮތުން އިހަވަންދޫގައި ކުރިއަށްގެންދާ މި މަޝްރޫއަށް ޖުމްލަ 7,469,465.89 ( ހަތް މިލިއަން ހަތަރު ލައްކަ ފަސްދޮޅަސް ނުވަހާސް ހަތަރު ސަތޭކަ ފަސްދޮޅަސް ފަސް ރުފިޔާ އަށްޑިހަ ނުވަ ލާރި ) ޚަރަދުކުރުމަށް ހަމަޖެހިފައިވާކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.

މި މަޝްރޫޢުގެ ދަށުން، ހއ. އިހަވަންދޫގެ ހެލްތު ސެންޓަރުގައި އިމަޖެންސީ މެޑިކަލް ޚިދުމަތް ދިނުމަށް ބޭނުންވާ ތަނެއް ތައްޔާރުކޮށް، އެތަނަށް ބޭނުންވާ ތަކެތި ހޯދުމަށް ވަނީ ހަމަޖެހިފައެވެ. އިމަޖެންސީ ފަރުވާ ދެވޭނެ އިންތިޒާމު ރާއްޖޭގެ އެކި ކަންކޮޅުގައި ޤާއިމުކުރުމުގެ މަޤްޞަދަކީ ކުއްލި ހާލަތުގައި ނުވަތަ ފުރާނައަށް ގެއްލުންވާ ހާލަތްތަކާއި ބަލިތަކުގައި އަވަސް ފަރުވާ ދިނުމަށް މަގުފަހިކޮށްދިނުން ކަމަށް ސަރުކާރުން ވިދާޅުވެއެވެ.

މީގެ އިތުރުން، ދެ ރަށެއްގައި ކްލާސްރޫމް އެޅުމަށްޓަކައި 1،201،056 ( އެއް މިލިއަން ދެ ލައްކަ އެއްހާސް ފަންސާސް ހަ ) ރުފިޔާގެ ހިލޭ އެހީވެސް އިންޑިއާ ސަރުކާރުން ވަނީ ދީފައެވެ. މި ހިލޭ އެހީގެ ދަށުން ނ. ޅޮހީގައާއި ރ. ކިނޮޅަސްގައި ކޮންމެ ރަށެއްގައި 6 ކްލާސް ރޫމް އެޅުމަށް ވަނީ ހަމަޖެހިފައެވެ. ރާއްޖޭގެ ސްކޫލްތަކަކީ އެއް ދަންފަޅިއަށް ކިޔަވައިދޭ ސްކޫލުތަކަކަށް ހެދުމަކީ ސަރުކާރުގެ މުހިއްމު ސިޔާސަތެވެ. އެގޮތުން މި ކްލާސްރޫމްތަކަކީ މި ދެ ސްކޫލަކީ އެއް ދަންފަޅިއަށް ކިޔަވައިދޭ ސްކޫލުތަކަށް ހެދުމަށްޓަކައި ބޭނުންވާ އިތުރު ކްލާސްރޫމްތަކެކެވެ.

މި 2 މަޝްރޫޢުގެ އިތުރުންވެސް އިންޑިއާ ސަރުކާރުން ދީފައިވާ 100 މިލިއަން ރުފިޔާގެ ހިލޭ އެހީގެ ދަށުން އއ. އުކުޅަހުގައި ބައިނަލްއަޤްވާމީ ފެންވަރުގެ ކޮންވެންޝަން ސެންޓަރެއް އެޅުމަށާއި، ދ. ވާނީގައި ހުންނަ ޕޮލިސް އެކެޑަމީއަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.

އިންޑިއާ ސަރުކާރުން ރާޢްޖެއަށް ހިލޭ އެހީ ދިނުމަށް އެއްބަސްވީ މި އަހަރުގެ މާރިޗް މަހު 17 އިން 18 އަށް އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓާރނަލް އެފެއާޒް ހަރ އެކްސަލަންސީ ސުޝްމާ ސްވަރާޖް ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ.