ޚަބަރު

ނޭޕާލްގައި ދިވެހި ކުދިން ތިބީ ސަލާމަތުން އެކަމަކު ދަތި ހާލުގައި


މިއަދު ނޭޕާލަށް އައި ބިންހެލުމުގައި އެއްވެސް ދިވެއްސަކަށް އަނިޔާވި ކަމުގެ މައުލޫމާތު އަދި މިހާތަނަށް ލިބިވަޑައިގެންފައިނުވާކަމަށް ޚާރިޖީވަޒީރު ދުންޔާ މައުމޫން ވިދާޅުވެޖެއެވެ.މިއަދު ހެނދުނު ނޭޕާލަށްއައި ބާރުގަދަ ބިންހެލުމުގެ ޚަބަރު ލިބިވަޑައިގަތުމާއެކު، ނޭޕާލުގައި ދިވެހި ކިޔަވާ ކުދިންނާއި އެކުދިންގެ އާއިލާތަކުގެ ހާލު ބެއްލެވުމަށް މަސައްކަތްކުރައްވަމުންދާ ގެންދަވާކަމަށާއި، އަދި މިހާތަނަށް ލިބިވަޑައިގެންނެވި މައުލޫމާތަށް ބަލާއިރު ނޭޕާލްގެ އެކި ސަރަހައްދުތަކުގައި ދިރިއުޅެމުންދާ ދިވެހި ކިޔަވާ ކުދިންނާއި، އެ ކުދިންގެ އާއިލާތަކުގެ ތެރެއިން އެއްވެސް ފަރާތަކަށް ބިންހެލުމުގެ ސަބަބުން އަނިޔާއެއް ލބިފައިވާކަމުގެ މައުލޫމާތެއް ލިބިވަޑައިގެންފައިނުވާވާކަމަށް މިނިސްޓަރ ދުންޔާ ވިދާޅުވިއެވެ. އެހެން ނަމަވެސް ނޭޕާލްގައި ދިރިއުޅެމުންދާ ހުރިހާ އާއިލާތަކާ އަދިވެސް ނުގުޅޭ ކަމަށް މިނިސްޓަރ ދުންޔާ ވިދާޅުވިއެވެ."ގިނަ ކުދިންނާއި، އަޅުގަނޑުމެންނަށް ޚަބަރު ލިބެމުން މިދަނީ. އެކަމަކު އަދިވެސް ދަތިހާލުގައި މިތިބީ. ބިލްޑިންގތަކުގެ ބޭރުގައި މިތިބެންޖެހެނީ. ފޯންލައިންތައް އަދިވެސް ރަނގަޅަށް މަސައްކަތެއް ނުކުރޭ. މުއާސަލާތީ ގުޅުންވަނީ ވަރަށް ބޮޑަށް ގެއްލިފައި. އަޅުގަނޑުމެންނަށް ކޮންމެވެސް ވަރަކަށް ވައިބައިންނާއި އެހެންގޮތްގޮތުން ކުދިންގެ ޚަބަރުތައް ލިބެމުން އެބަދޭ." އެމްބީސީއާއި ވާހަކަފުޅު ދައްކަވަމުން ދުންޔާ ވިދާޅުވިއެވެ.ފޮރިން މިނިސްޓްރީން ވިދާޅުވީ ނޭޕާލުގައި ހުންނަ ދިވެހިރާއްޖޭގެ އޮނަރަރީ ކޮންސެލް މެދުވެރިކޮށް އެގައުމުގައި ތިބި ދިވެހި ކިޔަވާކުދިންގެ ހާލު ބަލާ އެފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށެވެ. އަދި މިކަމާ ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ދިވެހި ޚާރިޖިއްޔާއާއި ހިއްސާ ކުރަން ބޭނުންނަމަ  7983400 ނަންބަރަށް ގުޅުމަށްވެސް ޚާރިޖިއްޔާއިން އެދިފައިވެއެވެ.