ޚަބަރު

މިނިސްޓްރީތަކުން ބިން ކުއްޔަށްދިނުމާ ބެހޭ ޤަވާއިދު ގެޒެޓް ކޮށްފި


މިނިސްޓްރީތަކުގެ ބެލުމުގެ ދަށުގައިވާ ބިންތައް ވިޔަފާރި އުސޫލުން އެހެން ފަރާތަކާ ހަވާލުކުރެވޭނީ މިނިސްޓްރީ އޮފް ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރގެ ހުއްދައާ އެކުގައި ކަމަށް ކަނޑައަޅާ "މިނިސްޓްރީތަކާ ހަވާލުކުރެވޭ ބިންތައް ވިޔަފާރި އުސޫލުން މުޢާމަލާތު ކުރުމާ ބެހޭ ޤަވާއިދު" ގެޒެޓްކޮށްފިއެވެ.ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ ދަށުން ހައުސިންގ މިނިސްޓްރީއަށް ލިބިދޭ ބާރުގެ ދަށުން އެކުލަވާލާފައިވާ މިޤަވާއިދުގައި ބުނެފައިވާގޮތުން މިނިސްޓްރީތަކުން ވިޔަފާރި އުސޫލުން އަމިއްލަ ފަރާތަކާ ބިމެއް ހަވާލުކުރުމަށް ހުއްދަ ދިނުމުގައި އެބިމަކީ ހުއްދަޔަށް އެދުނު ބޭނުމަށް ކަނޑައެޅިފައިވާ ބިމެއް ނޫންނަމަ އެކަމުގެ ހުއްދަޔަށް އެދި ހުށައަޅަންޖެހޭނީ ރައީސުލްޖުމުހޫރިއްޔާގެ އޮފީހަށެވެ. މިގޮތުން ވިޔަފާރި އުސޫލުން ބިން ކުއްޔަށް ދޫކުރެވޭނީ 33 އަހަރާއި 66 އަހަރާ ދެމެދުގެ މުއްދަތަށާއި، 66 އަހަރާއި 99 އަހަރާއި ދެމެދުގެ މުއްދަތަށް ކަމަށް ބުނެފައިވެއެވެ. އަދި 33 އަހަރަށްވުރެ ކުރު މުއްދަތަކަށް މިޤަވާއިދުގެ ދަށުން ބިން ކުއްޔަށް ނުދެވޭނެކަމަށް މިޤަވާއިދުގައި ބުނެފައިވެއެވެ. މީގެ އިތުރުން އެންމެ ކުޑަވެގެން ފަރުދަކަށް ކުއްޔަށް ދެވޭނީ 600 އަކަފޫޓުގެ ބިންކަމަށް މިޤަވާއިދުގައި ވަނީ ކަނޑައަޅާފައެވެ.ދައުލަތުގެ ބިންތައް ދޫކުރުމުގައި އަގު ކަނޑައަޅާނީ މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީގެ ދަށުން އެކުލަވާލާފައިވާ ލޭންޑް ވެލިއުއޭޝަން ކޮމިޓީން ކަމުގައި މިޤަވާއިދުގައި ބުނެފައިވެއެވެ.