ހަނިމާދުއާއި ހޯރަފުށީގައި އަލަށް ޤާއިމްކުރި ފެން ޕްލާންޓްތަކުން ޚިދުމަތްދޭން ފަށައިފިއެވެ. މި ފެން ޕްލާންޓްތަކުން 24 ގަޑިއިރު ޚިދުމަތް ލިބޭނެކަމަށް ފެނަކައިން ބުނެއެވެ.
ހޯރަފުއްޓާއި، ހަނިމާދޫގެ ފެނުގެ ނިޒާމުގެ ޚިދުމަތް ފަށަން ތާވަލް ކޮށްފައިވާ ތާރީޚަށްވުރެ ކުރިން ފަށާފައިވަނީ، އެ ދެރަށަށް ބޯފެން ލިބުމުގައި ދިމާވެފައިވާ ދަތިކަން ޙައްލުކޮށްދިނުމުގެ ގޮތުންނެވެ. ވާރޭ ނުވެހި ގިނަ ދުވަސްވުމާއި ގުޅިގެން އެ ދެރަށުގެ ގިނަ ގެތަކަކުން ބޯފެން ހުސްވެ، ފެނުގެ ދަތިކަންވަނީ ވަރަށް ބޮޑަށް ކުރިމަތިވެފައެވެ.
ހޯރަފުއްޓާއި ހަނިމާދޫގެ ފެނުގެ ނިޒާމު ހިންގުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަނާއެވެ. މި ދެރަށުގެ ފެނުގެ ނިޒާމް ޤާއިމުކޮށް ބޭނުން ކުރަން ނުފެށި ލަސްވީ ފެން ތަޙްލީލް ކުރުމަށް ބޭނުންވާ ވަސީލަތް ދެރަށުގައިވެސް ޤާއިމުވެފައި ނެތުމުން ކަމަށް ފެނަކައިން ބުނެއެވެ. ނަމަވެސް މިހާރު ޚިދުމަތް ފަށާފައި މިވަނީ ފެން ތަޙްލީލްކުރާ ވަސީލަތްތައް އެމްޑަބްލިއެސްސީގެ އެހީގައި ހޯދާ، ފެން ޓެސްޓް ކުރެވޭނެ ގޮތް ދެރަށުގައިވެސް ހަމަޖެހުމުން ކަމަށް ފެނަކައިން ބުނެއެވެ. މި ފެން ޕްލާންޓުތަކުން އުފައްދާ ފެން ކޮންމެ ދުވަހަކުވެސް ގެތަކަށް ދޫކުރަމުންދާނީ ރައްކާތެރިތޯ ބެލުމަށް ހަދަންޖެހޭ ޓެސްޓްތައް ހެދުމަށް ފަހު ކަމަށްވެސް ފެނަކައިން މަޢުލޫމާތުދެއެވެ.
ފެނަކައިން ބުނެފައިވަނީ ވަގުތީ ގޮތުން އެމްޑަބްލިއުއެސްސީގެ ތަކެތި ބޭނުންކުރި ނަަމަވެސް، އެއް މަސްދުވަހުގެތެރޭގައި މި ދެރަށަށް ބޭނުންވާ ދާއިމީ ވަސީލަތްތައް ހަމަޖައްސާނެކަމަށެވެ.
ހޯރަފުއްޓާއި ހަނިމާދުއާއި ދެރަށުގައިވެސް، ދުވާލަކު 90 ޓަނުގެ ފެން އުފެއްދޭނެ ނިޒާމް ވަނީ ޤާއިމުކޮށްފައެވެ. އަދި ކޮންމެ ރަށެއްގައިވެސް 300 ޓަނުގެ ފެން ރައްކާކުރެވޭ ޓޭންކްވެސް ވަނީ ބަހައްޓާފައެވެ. މީގެތެރޭގައި ވާރޭފެން ރައްކާކުރެވޭނެ ވަސީލަތްތައްވެސް ހިމެނެއެވެ. ހޯރަފުއްޓާއި ހަނިމާދުއަށް ސަޕްލައި ފެނުގެ ޚިދުމަތް 24ގަޑިއިރު ލިބެމުންދާނެކަމަށް ފެނަކައިން ބުނެއެވެ.
ހޯރަފުއްޓާއި، ހަނިމާދޫ، މި ދެރަށަށްވެސް ފެން ނެގޭވަރަށް ވާރޭ ނުވެހޭތާ 6 ވަރަކަށް މަސްވަނީ ވެފައެވެ. ރަށްތަކުން ބޯފެން ހުސްވެ، ފެން ލިބުމުގެ ޝަކުވާއަކީ ކޮންމެ އަހަރެއްގައިވެސް ހޫނު މޫސުމުގައިިިިިި ރާއްޖޭގެ ގިނަ ރަށްތަކަށް ދިމާވާ މައްސަލައެކެވެ.