ޚަބަރު

ޖަމްޢިއްޔަތުލް ފަލާޙުގެ ޤުރުއާން މުބާރާތް ފަށައިފި


ޖަމްޢިއްޔަތުލް ފަލާޙުން ކޮންމެ ރަމަޟާން މަހަކު ބާއްވާ ކީރިތި ޤުރުއާން ކިޔެވުމުގެ މުބާރާތް ފަށައިފިއެވެ.

މިއހަރުގެ މުބާރާތިގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މާލޭގެ ޕްރައިމަރީ، ސެކަންޑްރީ އަދި ހަޔަރ ސެކަންޑްރީ ސްކޫލްތަކަށެވެ. މިއަހަރުގެ މުބާރާތުގައި 20 ސްކޫލަކުން 586 ދަރިވަރުން ބައިވެރިވެފައިވާކަމަށް ޖަމްޢިއްޔަތުލް ފަލާޙުން މަޢުލޫމާތުދެއެވެ.

މި މުބާރާތުގައި ކިޔެވުމަށް ހަމަޖެހިފައިވަނީ ހިތުން ކިޔެވުމުގެ ގޮފިންނާއި ބަލައިގެން ކިޔެވުމުގެ ގޮފިންނެވެ. ޖަމިއްޔަތުލް ފަލާޙުން ބުނީ ހިތުން ކިޔެވުމުގެ ގޮފީގައި 199 ކުދިން އަދި ބަލައިގެން ކިޔެވުމުގެ ގޮފީގައި 387 ކުދިން ބައިވެރިވެފައިވާކަމަށެވެ. އަދި ކުރީ އަހަރަށް ވުރެ މިއަހަރުގެ މުބާރާތުގައި ބައިވެރިވި ދަރިވަރުންގެ އަދަދު ގިނަކަންވެސް އެ ޖަމިއްޔާއިން ފާހަގަކުރެއެވެ.

ކޮންމެ އަހަރެއްގެވެސް ރަމަޟާންމަހަށް ޚާއްސަކޮށްގެން ޖަމްޢިއްޔަތުލް ފަލާޙުން ކުރިއަށްގެންދާ މި މުބާރާތުގެ މަޤުޞަދަކީ ދަރިވަރުންގެ މެދުގައި ކީރިތި ޤުރުއާނަށް ލޯބި ޖެއްސުމާއި ކީރިތި ޤުރުއާން ހިތުދަސްކުރުމަށް ހިއްވަރު ދިނުމާއި ތަޖުވީދުގެ ހަމަތަކާއި އެއްގޮތަށް ކީރިތި ޤުރުއާން ކިޔަވަން ދަންނަ ގިނަ ދަރީންތަކެއް އުފެއްދުންކަމަށް އެ ޖަމްޢިއްޔާއިން ބުނެއެވެ.

މިއަހަރަކީ މެދުކެނޑުމެއްނެތި ޖަމްޢިއްޔަތުލް ފަލާހުން މި މުބާރާތް ކުރިއަށްގެންދާތާ 48 އަހަރު ފުރޭ އަހަރެވެ.