ޚަބަރު

ޖަލުތަކުގެ ލައިބްރަރީއަށް މިނިސްޓަރ ޔުމްނާ ފޮތް ހަދިޔާކުރައްވައިފި


ޖަލުތަކުގެ ލައިބްރަރީއަށް ފޮތް ހަދިޔާކުރުމަށް ހުޅުވާލާފައިވާ ފުރުޞަތުގައި ހެރިޓޭޖް މިނިސްޓަރ ޔުމްނާ މައުމޫން ފޮތް ހަދިޔާކުރައްވައިފިއެވެ.

ފޮތް ހަދިޔާ ކުރެއްވުމަށްފަހު މީޑިއާއަށް މަޢުލޫމާތު ދެއްވަމުން މިނިސްޓަރ ޔުމްނާ ވިދާޅުވީ ޖަލުގައި ތިބި ގައިދީންނަށް ފޮތްފަދަ ތަކެތި ފޯރުކޯށްދިނުމަކީ އުނދަގޫ ކަމެއްކަމަށާއި ނަމަވެސް ހޯމް މިނިސްޓްރީން މިފަދަ މަސައްކަތެއް ކުރުމަކީ މުހިއްމު ކަމެއްކަމަށެވެ. އަދި ޖަލުތަކުގައި ތިބި ޤައިދީންގެ މަޢުލޫމާތު މުއްސަނދިކުރުމާއި ފޮތް ކިޔުމުގެ ފުރުޞަތު ހޯދައިދިނުމަކީ މުހިއްމުކަމެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެއެވެ.

ޖަލުތަކުގެ ލައިބްރަރީއަށް ފޮތް ހަދިޔާ ކުރުމުގެ ޕްރޮގްރާމް މިމަހުގެ 22 އިން ފެށިގެން މިމަހުގެ 25 ގެ ނިޔަލަށް ފޮތް ހަދިޔާ ކުރުމުގެ ފުރުޞަތު އަމީނިއްޔާ ސްކޫލްގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.

ހޯމް މިނިސްޓްރީން ވިދާޅުވީ އެފަދަ ޕްރޮގްރާމެއް ކުރިއަށް ގެންދިއުގެ ބޭނުމަކީ ޖަލުގައި ފޮތް ކިޔުމުގެ ޝައުގުވެރިކަން އުފައްދައި، އާންމު މައުލޫމާތާއި ހުނަރާއި ޤާބިލުކަން އިތުރުކޮށްދޭ މަޢުލޫމާތު ހިމެނޭ ފޮތްތައް ކިއުމުގެ ފުރުޞަތު ގައިދީންނަށް ތަނަވަސްކޮށްދިނުން ކަމަށެވެ.

ޖަލުތަކުގެ ލައިބްރަރީއަށް ފޮތް ހަދިޔާކުރުމަށް ހުޅުވާލާފައިވާ ފުރުޞަތުގައި ކުރީގެ ރައީސް މަޢުމޫން އަބްދުލް ޤައްޔޫމްގެ އިތުރުން ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދާއި، ކުރީގެ ޑިފެންސް މިނިސްޓަރ އަދި ދަނގެތި ދާއިރާގެ އިންތިޚާބީ މެންބަރު މުޙައްމަދު ނާޒިމާއި، ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަދި ތިމަރަފުށީ ދާއިރާގެ އިންތިޚާބީ މެންބަރު ޢަބްދުﷲ ރިޔާޒް ވަނީ ގިނަ ޢަދަދެއްގެ ފޮތް ހަދިޔާކުރައްވާފައެވެ.