ސިޔާސީ

ޖީއެމްއާރަށް ފައިސާ ޓެކްސް ދައްކަންޖެހޭނީ ސަރުކާރާއި އެމްއޭސީއެލް - އޭޖީ


ޖީއެމްއާރަށް ބަދަލުގެ ގޮތުގައި ދެއްކި ފައިސާއިން ޓެކްސް ދައްކަންޖެހޭ ކަމަށްވާނަމަ އެކަން ކުރަންޖެހޭނީ ސަރުކާރާއި އެމްއޭސީއެލްއިން ކަމަށް އެޓަރނީ ޖެނެރަލް އޮފީހުން ވިދާޅުވެއްޖެއެވެ.

މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް ހިންގުމުގެ މަސައްކަތް ޖީ.އެމް.އާރް.އެމް.އޭ.އެޗް.ބީ ކޮންސޯޓިއަމްއާ ޙަވާލުކުރުމަށްޓަކައި އެ ކުންފުންޏާއި ދިވެހި ސަރުކާރާ ދެމެދު ސޮއިކުރެވުނު ކޮންސެޝަން އެގްރީމަންޓް ދިވެހި ސަރުކާރުން އުވާލުމާ ގުޅިގެން ކުރިޔަށް ގެންދިޔަ އާބިޓްރޭޝަން މައްސަލަ ނިމި، 25 އޮކްޓޯބަރ 2016 ގައި އާބިޓްރޭޝަން ޓްރައިބިއުނަލްއިން ވަނީފައިނަލް އެވޯޑް ނެރެފައެވެ.

އާބިޓްރޭޝަންގެ ފައިނަލް އެވޯޑުގެ ދަށުން ދިވެހި ސަރުކާރު އަދި އެމް.އޭ.ސީ.އެލް. ގެ ކިބައިން ޖީ.އެމް.އައި.އޭ.އެލް.އަށް ލިބިދިނުމަށް ކަނޑައަޅާފައިވާ ފައިސާއިން އެއްވެސް އަދަދެއް އުނިނުވެ އެ ކުންފުންޏަށް ފުރިހަމައަށް ލިބިދޭންޖެހޭކަން ބުނެވިދިޔަ އާބިޓްރޭޝަންގެ ފައިނަލް އެވޯޑުގައި ވަނީ ބަޔާންކޮށްފައެވެ.

އާބިޓްރޭޝަންގެ ފައިނަލް އެވޯޑުގައި ބަޔާންކޮށްފައިވަނީ އެ އެވޯޑްގެ ފައިސާގެ ތެރެއިން ދިވެހިރާއްޖޭގެ ފަރާތްތަކުން ޓެކްސްގެ ގޮތުގައި އެއްވެސް މިންވަރެއް އުނިކުރާ ހާލަތުގައި، އެވޯޑްގެ ފައިސާ ޖީ.އެމް.އައި.އޭ.އެލް.އަށް ދައްކަންވާނީ ޓެކްސްގެ ގޮތުގައި އެއްވެސް މިންވަރެއް އުނިނުކުރާ ޙާލަތުގައި ޖީ.އެމް.އައި.އޭ.އެލް.އަށް ލިބެންވާ ފައިސާގެ އަދަދަށް، ޓެކްސް އިތުރުކުރުމަށްފަހުގައި ކަމަށެވެ.

އާބިޓްރޭޝަންގެ ނިންމުން ދިވެހި ސަރުކާރާއި އެމް.އޭ.ސީ.އެލްގެ ފަރާތުން ޤަބޫލުކޮށް، އާބިޓްރޭޝަން އެވޯޑުގައިވާ އަދަދަށް ޖީ.އެމް.އައި.އޭ.އެލް.އަށް 15 ނޮވެމްބަރ 2016 ގައި އެމް.އޭ.ސީ.އެލް. އިން ވަނީ ފައިސާ ދައްކައި ޚަލާޞްކޮށްފައެވެ. އެކަން ބަޔާންކޮށް އެމް.އޭ.ސީ.އެލް. އިން އެ ތާރީޚުގައި ފޮނުވި ސިޓީގައި، ބަޔާންކޮށްފައިވަނީ އާބިޓްރޭޝަންގެ ފައިނަލް އެވޯޑުގެ ފައިސާއިން އެއްވެސް ޓެކްސް އެއް ދައްކަން ނުޖެހޭނެކަމަށް ސަރުކާރުން މަޢުލޫމާތު ދީފައިވާތީ، އެވޯޑްގެ ފައިސާއާ ގުޅޭގޮތުން އެއްވެސް ޓެކްސްއެއް މީރާއަށް ދައްކަން ނުޖެހޭނެކަމުގެ ޔަޤީންކަން ދޭ ކަމަށެވެ. ނަތީޖާއެއްގެ ގޮތުން، މީރާއިން ކަނޑައަޅާނެ ޓެކްސްއަށްވާ ފައިސާ އެވޯޑްގެ ފައިސާގެ ތެރެއަށް އިތުރުކުރަންޖެހޭ ތަނެއް ނެތް ކަމަށް އެމްއޭސީއެލްގެ ސިޓީގައި ބުނެފައިވެއެވެ.

އޭޖީގެ ބަޔާނުގައި ބުނެފައިވަނީ އެކަންކަމަށް ރިޢާޔަތްކުރާއިރު، ޖީ.އެމް.އައި.އޭ.އެލް. އަށް ދައްކާފައިވާ އާބިޓްރޭޝަން އެވޯޑްގެ ފައިސާއަކީ ޓެކްސް ދައްކަންޖެހޭ ފައިސާއެއްކަމަށް މީރާއިން ނިންމާ ޙާލަތެއްގައިވެސް، އެ ޓެކްސް ދެއްކުމަކީ ދިވެހި ސަރުކާރާއި އެމް.އޭ.ސީ.އެލް. އިން ކުރަން ޖެހޭނެ ކަމެއް ކަމަށެވެ.