މާލޭ އާޓިފިޝަލް ބީޗުގެ މޫދަށް އެރޭ ސަރަޙައްދުގެ މަސައްކަތް ކުރިއަށް އޮތް ތިން ދުވަސް ތެރޭ ޢާއްމުންނަށް ބޭނުންކުރެވޭވަރަށް ނިންމާލެވޭނެކަަށް އެމްޓީސީސީގެ ސީއީއޯ ހަސަން ޝާހު ވިދާޅުވެއްޖެއެވެ.
މާލޭ އާޓިފިޝަލް ބީޗު ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢާ ގުޅޭގޮތުން ޕީއެސްއެމްނިއުސްއަށް މަޢުލޫމާތުދެއްވަމުން އެމްޓީސީސީގެ ސީއީއޯ ހަސަން ޝާހު ވިދާޅުވީ އާޓިފިޝަލް ބީޗު ސަރަޙައްދުގެ މަސައްކަތް ކުރިއަށްގެންދަނީ ވަކި ކޮންސެޕްޓަކަށްކަމުން އޭގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ. މި މަސައްކަތް ބާރު ސްޕީޑެއްގައި ކުރަމުންދާކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ، އެ ސަރަޙައްދުގައި ހަރުކުރުމަށް ހަމަޖެހިފައިވާ ލައިޓު ފަދަ ބައެއްތަކެތި ރާއްޖެއިން ބޭރުން ގެނައުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށެވެ.
ޝާހު ވިދާޅުވީ މި މަސައްކަތް ކުރިއަށްދާއިރު ބައެއް ދަތިތައް ހުރިނަމަވެސް މަސައްކަތް ކުރަމުން ދަނީ ކޮންޓްރެކްޓްގައި މަސައްކަތް ނިންމަން ކަނޑައަޅާފައިއޮތް ތާރީޚުގެ ކުރިން ނިންމުމަށް ކަމަށެވެ. މި މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވަނީ ޖުލައިމަހުގެ ނިޔަލަށެވެ.
ޝާހު ވިދާޅުވީ އާޓިފިޝަލް ބީޗް ސަރަހައްދު ތަރައްޤީކުރާއިރު އެ ސަރަހައްދުގައި ރުއް އިންދުމަށް ހަމަޖެހިފައިވާއިރު އެ މަސައްކަތް ކުރުމަށް ދަތިތަކެއް ހުރިކަންވެސް ޝާހު ވަނީ ފާހަގަކުރައްވާފައެވެ.
ޢާއްމުންގެ ގިނަބަޔަކު އާޓިފިޝަލް ބީޗު ހުޅުވޭނެ ދުވަހެއްގެ އިންތިޒާރުގައި ތިބިއިރު އެމްޓީސީސީން މަސައްކަތް ކުރަމުންދަނީ ކުރިއަށް އޮތް 3 ދުވަހުގެތެރޭ ބީޗުގެ މޫދަށް އެރޭ ސަރަޙައްދު ޢާއްމުނަށް ހުޅުވާލެވޭވަރަށް މަސައްކަތް ނިންމުމަށް ކަމަށް އެކުންފުނިން ބުނެއެވެ. އެގޮތުން މޫދަށް އެރޭ ސަރަހައްދު ފުންކޮށް ނިމިފައިވާއިރު މަސައްކަތް ކުރިއަށްދާ ސަރަހައްދު ވަކިކޮށް ފެންސްޖަހާ އެތަން ސާފުކޮށް ނިމުމުން އާންމުންނަށް ބޭނުންކުރެވޭނެކަމަށް އެމްޓީސީސީން ބުނެއެވެ.
އާޓިފިޝަލް ބީޗު ސަރަޙައްދަކީ ޢާއްމުން ގިނައިން ގޮސް އުޅޭ ސަރަޙައްދެއްކަމުން މިސަރަޙައްދު އެއްކޮށް ބަންދުކޮށްގެން މަސައްކަތް ކުރުމުގެ ބަދަލުގައި ޕްލޭނިންގ މިނިސްޓްރީން ރާވާފައިވަނީ އެކި ފޭސްތަކަށް ބަހާލައިގެން މަސައްކަތްކުރިއަށްގެންދިޔުމަށެވެ. އެގޮތުން މަސައްކަތް ނިމޭ މިންވަރަކުން ނިމޭ ބައިތައް ޢާއްމުނަށް ހުޅުވާލާމުންގެންދާނެކަމަށް ޕްލޭނިސްޓްރީން ވަނީ ކުރިން ވިދާޅުވެފައެވެ.
ކުރިއަށް އޮތް 3 ދުވަސް ތެރޭ ބީޗުގެ މޫދަށް އެރޭ ސަރަޙައްދުގެ މަސައްކަތް ނިންމާލެވޭނެކަން އެމްޓީސީސީން ހާމަކޮށްފައިވީނަމަވެސް އެތަން އާންމުންނަށް ހުޅުވާލާނެ ދުވަހެއް އަދި ޕްލޭނިންގ މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.
އާޓިފިޝަލް ބީޗުގެ މަސައްކަތްކުރުމަށް މިދިޔަ އަހަރުގެ މެދުތެރޭގައި އެމްޓީސީސީއާ ހަވާލުކޮށްފައިވީނަމަވެސް މި މަސައްކަތް އެކުންފުނިން ފަށާފައިވަނީ އެކި ސަބަބުތަކާހެދި މަސައްކަތް ނުފެށި ގިނަ ދުވަސްތަކެއް ވުމަށްފަހު މިއަހަރުއެވެ.
މި މަސައްކަތް ކުރިއަށްދާގޮތާ ގުޅޭގޮތުން ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، ޕްލޭނިންގ މިނިސްޓްރީން ކުރިން ވިދާޅުވެފައިވަނީ އާޓިޓިފިޝަލް ބީޗު ތަރައްޤީކުރުމުގެ މަޝްރޫޢު ނުފެށި ލަސްވީ ސަރުކާރު ބަދަލުވުމާއި ގުޅިގެން އަލުން އެޕްރޮޖެކްޓް ރިވިއުކުރުމުގެ މަސައްކަތް ކުރަންޖެހުމުންނާއި ރިންގު ރޯޑު ތަރައްޤީކުރުމަށް ފެށި މަސައްކަތާއި ގުޅިގެންކަމަށެވެ. މީގެ ސަބަބުން މަސައްކަތް ފެށުމަށް ދަތިތަކެއް ދިމާވިކަން މަސައްކަތުގެ ކޮންޓްރެކްޓަރވެސް ވަނީ ފާހަގަކޮށްފައެވެ.