ޕުޑިން މިއީ ދިވެހިންގެ މެދުގައި މަޤުބޫލު ފޮނި ކާއެއްޗެކެވެ. މިފަހަރުގެ ރެސިޕީގައި މިގެނެސްދެނީ އާދައިގެ ޕުޑިންއެއް ނޫނެވެ. މިއީ ލުނބޯ ބޭނުންކޮށްގެން ފަސޭހައިން ތައްޔާރުކުރެވިދާނެ މީރު ރެސިޕީއެކެވެ.
4 ލުނބޯ (ލެމަންސް، ބޮޑެތިކޮށް ރީނދޫކުލައިގައި ހުންނަ ލުނބޯ)
2 1/4 ޖޯޑު ހަކުރު
3 1/2 ޖޯޑު ހެވީ ކްރީމް
ޕުޑިންއަށް ބޭނުންވާ ލެމަން ޒެސްޓް ތައްޔާރުކުރުމަށް ފުރަތަމަ ލުނބޮލުގެ ތޮށި މަށާލުމަށްފަހު އެތޮށިތަށް ތުނިކޮށް ކޮށާލާށެވެ. ދެން ތެއްޔަކަށް ފެންއެޅުމަށްފަހު ކޮށި ތޮށިތައް ތެލި ތެރެއަށް އަޅާ މަތި ޖަހާލާށެވެ. އަދި 10 މިނެޓު މަޑުގިނީގައި ކައްކާލާށެވެ.
ދިހަ މިނެޓުވުމުން ތެލިން ލުނބޯތޮށިތަށް ނަގާށެވެ. އަދި އުދުންމައްޗަށް ތަތްނުލަވާ ތާހެއް ކައްކަން އުދާ އޭގެ ތެރެއަށް ލުނބޯ ތޮށިތަށް އަޅާލާށެވެ. ދެން 1 1/4 ޖޯޑު ހަކުރު އަދި 1 1/4 ޖޯޑު ފެން ތާހުގެ ތެރެއަށް އަޅާ ކައްކަން ޖައްސާލާށެވެ. އަދި މެދުގިނީގައި 10 މިނެޓު ކައްކާލާށެވެ.
ތާހުގައި ހުރި ތަކެތި ސިރަޕް ހުންނަން ގޮތަށް އޮލަވުމުން އުދުން ނިއްވާލާށެވެ. މިހާހިސާބުން ތާހުން ލުނބޯ ތޮށިތަށް ނަގާ، ބޯތައްޓެއްގެ ތެރެއަށްއަޅާ ބާކީހުރި ހަކުރުކޮޅު އަޅާ އެއްކޮށްފައި ހިހޫކުރަން ބަހައްޓާލާށެވެ. މިހުރީ ޕުޑިންއަށް ބޭނުންވާނެ ލެމަން ޒެސްޓް ތައްޔާރުވެފައެވެ.
ޕުޑިން ތައްޔާރުކުރުމަށް ކުރިން ލުނބޯ ކެއްކި ތާހުގައި ހުރި ސިރަޕު ގަނޑުގެ ތެރެއަށް 3 ޖޯޑު ކްރީމު އަޅާ އެއްކޮށްލުމަށްފަހު 15 މިނެޓު ކައްކާލާށެވެ. ދެން މީގެ ތެރެއަށް 3/4 ޖޯޑުގެ ލުނބޯ ހުތް އަޅާ ހިހޫކުރަން ބަހައްޓާލާށެވެ. އަދި 6 ކުދި ބޯތައްޓަށް ކެއްކި ޕުޑިންގަނޑު އަޅާ 5 ގަނޑިއިރު ފްރިޖަށްލާ ފިނިކޮށްލާށެވެ.
މިހާރު މިހުރީ ލެމަން ޕުޑިން ތައްޔާރުވެފައެވެ. ދެން ވަކިން ބޯތައްޓެއްގައި 1/2 ޖޯޑު ކްރީމް އޮލަވެލަންދެން ގިރާލާށެވެ. އަދި ކޮންމެ ޕުޑިން ތައްޓެއްގެ މައްޗަށް މިކްރީމް އަޅާލުމަށްފަހު ކުރިން ތައްޔާރުކުރި ލެމަން ޒެސްޓްތައް ކޮންމެ ޕުޑިން ތައްޓެއްގެ މައްޗަށް އަޅާ ފަތުރާލާށެވެ. މިހުރީ ލެމަން ޕުޑިން ތައްޔާރުވެފައެވެ.