ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ދެވެން ނެތިގެން މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާ ދެނިކޮށް މަރުވި ތުއްތު ކުއްޖާގެ މައްސަލަ ހެލްތު މިނިސްޓްރީން ބަލަން ފަށައިފިއެވެ.
ހެލްތް މިނިސްޓްރީން ބުނީ އެ މައްސަލަ އެ މިނިސްޓާރން ބަލަމުން އަންނަނީ އއްވެސް ފަރާތަކުން ހުށައަޅައިގެން ނޫންކަމަށެވެ. އަދި އެ ތުއްތު ކުއްޖާ މަރުވުމުގައި ހޮއްޕިޓަލްގެ އެއްވެސް އިހުމާލެއްވޭތޯ ބަލަމުން އަންނަކަމަށްވެސް ހެލްތް މިނިސްޓްރީން ބުނެއެވެ.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދެވެން ނެތިގެން މާލެ ގެނެސް ފަރުވާދެމުން ދަނިކޮށް ނިޔާވެފައިވަނީ އުމުރުން އެއްދުވަސްވެފައިވާ މަރަދޫ ފޭދޫއަށް ނިސްބަތްވާ އަންހެން ކުއްޖެކެވެ.
މި ކުއްޖާގެ މަރާއި ގުޅިގެން ސޯޝަލް މީޑިއާގައި ދައުރުވި ވާހަތަކުގައި ބުނެފައިވަނީ މިކުއްޖާ މަރުވީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ތުއްތު ކުދިންނަށް ފަރުވާދިނުމަށް ބޭނުންކުރާ އިންކިއުބޭޓަރ ނެތިގެން އިތުރު ފަރުވާއަށް މާލެ ފޮނުވާލި މަގުމަތީގައި ފްލައިޓްގައި ކަމަށެވެ. އެހެންނަމަވެސް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނެފައިވަނީ ތުއްތު ކުއްޖާ މަރުވީ އިތުރު ފަރުވާ ހޯދުމަށް އައިޖީއެމްއެމްއެޗްއަށް ބަދަލުކޮށް އައިޖީއެމް ހޮސްޕިޓަލްގެ އެންއައިސީޔޫގައި ފަރުވާދެމުން ދަނިކޮށް ކަމަށެވެ. އަދި އެ ކުއްޖާ އުފަންވިއިރުވެސް ނޭވާލުމުގެ މައްސަލަތަކެއް ހުރިކަން ފާހަގަކުރެވިފައިވާކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.