ކާނާ

ރެސިޕީ : ބްރެޑް ރޯލްސް


ސޮސެޖް ރޯލްސް، ޓޫނާ ރޯލްސް، ޗިކަން ރޯލްސް މިއީ އަޅުގަނޑުމެން ދިވެހިން ރޯދަމަހު ނޫނަސް އާންމުކޮށް ތައްޔާރުކުރާ ހެދިކާގެ ބާވަތްތަކެވެ. އެހެންކަމުން މިފަހަރު ރެސިޕީގައި މިގެނެސްދެނީ މަހުގެ އެއްވެސް ބާވަތެއް ބޭނުންނުކޮށް، ޕާންބޭނުން ކޮށްގެން ތައްޔާރުކުރާ ރޯލްސްއެއްގެ ރެސިޕީއެވެ. މިއީ އަޖުމަބަލާލަން ރަގަނޅު ރެސިޕީއެކެވެ.

ބޭނުންވާނެ ތަކެތި

10 ފޮތި ޕާން
3 އަލުވި (ފެނުކަށްކާ، ޗަސްކޮށްފައި)
3 ފެހި ތޮޅި މިރުސް (ތުނިކޮށް ކޮށާފައި)
1 ސައިސަމުސާ ތެޅިމިރުސްް
ލޮނު
ތެޔޮ
2 ބިސް
ޕާން ކުނޑި

ތައްޔާރުކުރާނެ ގޮތް

ފުރަތަމަ ބޯތައްޓެއްގައި ޗަސްކޮށްފައިހުރި އަލުވި، ތޮޅި މިރުސް، ތެޅި މިރުސް ރަގަނޅަށް އެއްކޮށްލާށެވެ. ދެން ޕާން ފޮތިތަކުގެ ކައިރި ވަޅިން ނެގުމަށްފަހު ކޮންމެ ޕާން ފޮށްޗެއްގައި ފެންކޮޅެއްލާފައި ރޮށި ދަމާ އެއްޗެއްގެ މަތީގައި ބާއްވާ މަޑުމަޑުން ދަމާލާށެވެ.

ދަމާފައިވާ ޕާން ފޮތި ތެރެއަށް ކުރިން އެއްކުރި އަލުވި އެތިން ސަމުސަލެއްހާ އެތިކޮޅެއް ލާ ފަތުރާލާފައި ޕާން ފޮތި އޮޅާލުމަށްފަހު ކައިރި ބައްދާލާށެވެ. ހުރިހާ ޕާން ފޮއްޗެއް މިހެން ތައްޔާރުކޮށްލާށެވެ.

ވަކިން ދެތަށްޓަށް ބިސް އަދި ޕާންކުޑި އަޅާށެވެ. އަދި ކުރިން އަލުވި އަޅާ ތައްޔާރުކުރި ރޯލްސްގެ ތެރެއިން އެކަތި ގިރާފައި ހުރި ބިސް އެޅި ތަށީގެ ތެރެއަށްލާ ރަގަނޅަށް ބިސް ކާތާލާށެވެ. އަދި ދެން މިރޯލްސް ނަގާ ޕާން ކުޑި އެޅި ތަށި ތެރެއަށްލުމަށްފަހު މުޅި ރޯލްސްގައި ޕާންކުނޑި ހާކާލާށެވެ. ހުރިހާ ރޯލްސްއެއް މިހެން ތައްޔާރުކޮށްލުމަށްފަހު ފިނިކޮށްލުމަށް 1 ގަނޑިއިރު ފްރިޖްގައި ބަހައްޓާށެވެ. ރޯލްސްތައް ފިނިވުމުން ތާހެއްގައި ތެޔޮއަޅާ ހޫނުކުރާށެވެ. އަދި ރޯލްސްތައް ތެއްލާލާށެވެ. މިހުރީ ބްރެޑް ރޯލްސް ތައްޔާރުވެފައެވެ.