ސިޔާސީ

ނަޝީދު ކަރެކްޝަނަލް ސާވިސް އާއި ހަވާލުކޮށްފި


ޓެރަރިޒަމްގެ ކުށްސާބިތުވެ 13 އަހަރުގެ ޖަލު ހުކުމެއް
އިއްވާފައިވާ ކުރީޒީގެ ރައީސް މުހައްމަދު ނަޝީދުގެ ހުކުމް ތަންފީޒުކުރުމަށް
ކަރެކްޝަނަލް ސާވިސްއާއި ހަވާލުކޮށްފިކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް
ވިދާޅުވެއްޖެއެވެ.



އެމްބީސީއަށް މައުލޫމާތު ދެއްވި ފުލުހުންގެ އޮފިޝަލް ވިދާޅުވީ
މިއަދު ހަވީރުގެ ހައެއްގެ ފަހުގެ ވަގުތެއްގައި މުހައްމަދު ނަޝީދު ކަރެކްޝަނަލް ސާވިސްއާއި ހަވާލުކުރެވިފައިވާ ކަމަށާއި ދޫނިދޫގައި ނަޝީދު މިހާރު
ނުހުންނަވާނެކަމަށެވެ.



ކަރެކްޝަނަލް ސާވިސްގެ އޮފިޝަލަކު ވިދާޅުވީ ނަޝީދު
މިވަގުތު ހުންނެވީ އައްސޭރި ޖަލުގައިކަމަށެވެ. ހުކުމް ތަންފީޒުކުރުމަށް
މާފުށީޖަލުގައި ނަޝީދު ހުންނެވުމަށް ހަދަމުންދިޔަ އެޕާޓްމަންޓް މުޅިން އަދި
ތައްޔާރުކޮށް ނުނިމޭކަމަށާއި އައްސޭރިޖަލުން މާފުށީ ޖަލަށް ނަޝީދު ބަދަލުކުރެވޭނީ
ކޮންދުވަހަކު ކަން ކަނޑައެޅިގެން ބުނަން އަދި ދަތިކަމަށް ކަރެކްޝަނަލް ސާވިސްއިން ވާހަކަދެއްކެވި އޮފިޝަލް ވިދާޅުވިއެވެ.

ހޯމް މިނިސްޓަރ އުމަރު
ނަސީރު ކުރިން ވިދާޅުވެފައިވަނީ ނަޝީދު ބެހެއްޓުމަށް އިންތިޒާމުކުރެވޭ ތަނަކީ
ޖަލުގައި އެމަނިކުފާނުގެ ބައެއް އެކުވެރިންނާއިވެސް ބައްދަލުކޮށްއުޅެވޭފަދަ
އެކަމަކު ސަލާމަތީ ކަންކަން ވަރަށް ބޮޑަށް ވަރުގަދަކުރެވިފައިވާ ތަނަކަށް
ވާނެކަމަށެވެ. ސަލާމަތީ ކަންކަން ވަރުގަދަ ކުރައްވަނީ، ރައީސް ނަޝީދާއި ވަރަށް ދެކޮޅު
މީހުންތަކެއްވެސް ޖަލުގައި ތިބެފާނެތީކަމަށް ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެފައިވެއެވެ.