ކާނާ

ރެސިޕީ : ޕްރޯން ޓެންޕޫރާ


ސީފުޑްގެ އެކި ބާވަތްތަކަކީ ދިވެހިންގެ މެދުގައިވެސް މަގުބޫލު އެއްޗެކެވެ. މިފަހަރުގެ ރެސިޕީ މިއީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ބުރަ މަސައްކަތްތަކެއް ނުކޮށް ތައްޔާރުކުރެވިދާނެ ސީފުޑްގެ ބާވަތަކެވެ. ޕްރޯންސްއަކީ ސައިޑް ޑިޝްތަކަށް ހާއްސަ އެއްޗެއްކަމުގައިވިޔަސް މިފަހަރު ރެސިޕީގައި ޕްރޯންސް ބޭނުންކުރާނީ ހެދިކާގެ ބާވަތެއް ތައްޔާރުކުުމަށެވެ. ލުއި އަދި ފަސޭހަ މި ރެސިޕީ އެންމެ ގައިކުރާނީ ފުއްޖެހި ކަވާބު ފަދަ ހެދިކާއަކާއި އެވެ.

ބޭނުންވާނެ ތަކެތި


ކިންގް ޕްރޯންސް (ފިނި ކަނޑުވާފައި)
3 މޭޒުމަތީ ސަމުސާ ވީޓް ފްލާ
3 މޭޒުމަތީ ސަމުސާ ކޯން ފްލާ
1 ބިސް
2 މޭޒުމަތީ ސަމުސާ ގާލިކް ޕޭސްޓް (ގާނާ، ޗިސްކޮފައި ހުރި ލޮނުމެދު)
1/3 ސައިސަމުސާ ބޭކިން ސޯޑާ
ލޮނު، އަސޭމިރުސް (ރަހަލައްވަން ބޭނުންވާވަރަށް)
ތެޔޮ

ތައްޔާރުކުރާނެ ގޮތް


ފުރަތަމަ ބޯތައްޓެއްގެ ތެރެއަށް ޕްރޯންސްތަށް އަޅާލައި، ލޮނު އަދި އަސޭމިރުސް ކޮޅަކާއެކު މޮޑެލާށެވެ. ދެން މޮޑުނު ޕްރޯންސްތައް ފްރިޖްގައި 1 ގަޑިއިރު ބަހައްޓާ ފިނިކޮށްލާށެވެ.

ބޯތައްޓެއްގެ ތެރެއަށް 2 މޭޒުމަތީ ސަމުސާ ވީޓް ފްލާ، ކޯން ފްލާ، ގާލިކް ޕޭސްޓް، ލޮނު، އަސޭމިރުސް އަދި ބިސް އަޅާ އެއްކުރާށެވެ. ދެން މީގެތެރެއަށް ކުޑަ ފިނި ފެންކޮޅެއް އަޅާ ހުރިހާ އެއްޗެއް ގިރާލާށެވެ. (ފުށް ގިރާއިރު ފެންއަޅާނީ މާބޮޑަށް ފުށް ދިޔާ ނުވާވަރަށެވެ.) ގިރި ފުށްގަނޑުގެ ތެރެއަށް ބާކީހުރި ކޯން އަދި ވީޓް ފުށް އަޅާލާ ރަގަނޅަށް ގިރާލާށެވެ

ތަވައެއްގައި ތެޔޮ ހޫނުކުރަން ޖައްސާލާށެވެ. ތެޔޮގަނޑު ހޫނުވުމުން ކުރިން ފިނިކުރަން ލީ ޕްރޯންސްތަށް ނަގާ، ގިރި ފުށްގަނޑުގެ ތެރެއަށް ފަހަރަކު ޕްރޯންސްކޮޅެއް ލާ ރަގަނޅަށް ޕްރޯންސްތަކުގައި ފުށް އުގުޅެންދެން އެއްކޮށްލާށެވެ. ދެން ފަހަރަކު ޕްރޯޯންސެއް ފުށްގަނޑު ތެރެއިން ނަގާ ހޫނުކުރި ތަވާގެ ތެރެއަށް އަޅާލާށެވެ. ކޮންމެ ޕްރޯންސްކޮޅެއްގެ ބޭރުގައި އުގުޅި ފުށް ރީނދޫވެލާ، ޕްރޯންސްތަށް ތެއްލާލާށެވެ.

ހުރިހާ ޕްރޯންސެއްވެސް ތެއްލުމަށްފަހު ޓިޝޫލީ ތައްޓެއްގެ މަތީ ތެޔޮ ހިއްކާލަން ބަހައްޓާށެވެ. މިހުރީ ޕްރޯންސް ޓެންޕޫރާ ތައްޔާރުވެފައެވެ. މިއީ ސުއިޓް ޗިލީ ސޯސްއާއި އެކު ކާން ވަރަށް މީރު އެއްޗެކެވެ.