ޓުއަރިޒަމް

ރިސޯޓުތައް 99 އަހަރަށް ކުއްޔަށް ދިނުމަށް މަޖިލީހުން ފާސްކޮށްފި


ރިސޯޓް ހިންގުމަށް ދޫކުރާ ރަށްތަކުގެ މުއްދަތު ނުވަދިހަ ނުވަ އަހަރަށް ދޫކުރުމަށާއި، އެރަށްރަށުގެ ތިމާވެއްޓާ ގުޅޭ ކަންކަން ބެލެހެއްޓުން ޓުއަރިޒަމް މިނިސްޓްރީގެ ދަށަށް ބަދަލު ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.ޓޫރިޒަމް ގެ ޤާނޫނަށް ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް ހުށައަޅުއްވާފައިވާ އެއިސްލާހު އިގްތިޞާދީ ކޮމިޓީން ނިންމިގޮތަށް މަޖިލީހުން ފާސްކުރީ ވޯޓްގައި ބައިވެރިވި 41 މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ.އެއިސްލާހުގައި ވާގޮތުން ފަންސާސް އަހަރަށް މިހާރު  ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން ގާނޫނުގައި ބުނެފައިވާ ޝަރުތުތައް ފުރިހަމަވާ ރަށްތަކުގެ މުއްދަތު، އެރަށްތައް ކުއްޔަށް ނަގާފައިވާ ފަރާތްތައް ބޭނުން ވެއްޖެނަމަ ގިނަވެގެން ސާޅީސް ނުވަ އަހަރު އިތުރުކޮށްދެވޭނެއެވެ. އެގޮތުން މުއްދަތު އިތުރުކުރުމަށް ފީގެ ގޮތުގައި ފަސް މިލިއަން އެމެރިކާ ޑޮލަރު ނެގުމަށްފަހުކަމަށް ބިލްގައި ހިމަނާފައިވެއެވެ.މީގެއިތުރުން އެއިސްލާހުގައި ބުނެފައިވަނީ، ރިސޯޓް ތަރައްގީ ކުރުމަށް ދޫކޮށްފައިވާ ރަށެއްގެ ތިމާވެއްޓަށް ބަދަލެއް އަންނަ ފަދަ މަސައްކަތެއް ކުރާނަމަ، އީއައިއޭ ރިޕޯޓް ހެދުމާއި އެފަދަ ހުއްދަތައް ދިނުމުގެ ބާރު ލިބިގެންވާނީ ޓޫރިޒަމް މިނިސްޓްރީއަށްކަމަށެވެ. އަދި އެގަވާއިދަކާ ޚިލާފުވާ ފަރާތެއްވާ ނަމަ ފަސް މިލިއަން އެމެރިކާ ޑޮލަރަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ވެސް ބުނެފައިވެއެވެ.މިހާރު އީއައިއޭ ހަދަމުން އަންނަނީ އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ އީޕީއޭއިންނެވެ.ޓޫރިޒަމް ގާނޫނުގައި މިހާރު ބުނެފައިވާ ގޮތުން ރިސޯޓްތައް ނުވަތަ ޓޫރިޒަމް ބޭނުމަށް ފަޅާއި ބިން ކުއްޔަށް ދެވޭ އެންމެ ދިގު މުއްދަތަކީ 50 އަހަރެވެ.މަޖިލީހަށް އަޑުގަދަ ކުރާއާއި އަޑުގަދަ ކުރަން ބޭނުންކުރާ އެއްވެސް އެއްޗެއް މަޖިލީހަށް ނުވެއްދޭގޮތަށް މަޖިލީހުން އިއްޔެ ފާސްކުރި ނަމަވެސް މިއަދުގެ ޖަލްސާގައި ވަނީ،  ޖަލްސާ ވެސް ފެށުމާއެކު އެމްޑީޕީގެ މެންބަރުން އަޑުގަދަކޮށް އިހުތިޖާޖު  ކޮށްފައެވެ.