ކާނާ

ރެސިޕީ : ޕޮމަގްރެނޭޓް ލެމަނޭޑް


ކަރާ، އަނބު، އަލަނާސި، އޮރެންޖުފަދަ ބުއިން ތަކަކީ ރޯދަމަހު އާންމުކޮށް އަޅުގަނޑުމެން އެންމެވެސް ތައްޔާރުކުރާ އެއްޗެކެވެ. ނަމަވެސް ރޯދަމަހަށް ހާއްސަކޮށް ތައްޔާރުކުރާ ފަނީގެ ބާވަތްތަށްް ތަފާތުކޮށްލުމަކީ ރަގަނޅު ކަމެކެވެ. އެހެންވީ އަންނާރު އެޅި ބުއިމެއް ތައްޔާރުކޮށްލުން ކިހިނެއްވާނެތޯއެވެ. މިއީ ރަހަތަފާތު ކޮށްލުމަށް ތައްޔާރުކޮށްލެވިދާނެ ވަރަށް މީރު ބުއިމެކެވެ. އަދި ކަރުހިއްކުން ފިލުވާލަންވެސް މި ފަނި އެހާމެ ކަމުދާނެއެވެ.

ބޭނުންވާނެ ތަކެތި


3 ބޮޑު އަންނާރު (އޮށްތައް ވަކިކޮށް، ސާފުކޮށްފައި)
3 މޭޒުމަތީ ސަމުސާ ހަކުރު
3 ލުނބޮލުގެ ހުތް
ލުނބޯ ފޮތި

ތައްޔާރުކުރާނެ ގޮތް


ފުރަތަމަ އެއްޖޯޑު ފެނާއެކު ދެ އަންނާރު އޮށްތަށް ކުޑަކޮށް މިކްސްސަރުގައި އެއްކޮށްލާށެވެ. ( އަންނާރު މިކްސްކުރާއިރު މާބޮޑަށް މިކްސް ނުކުރާތި، އެހެންނޫނީ ހިތި ރަހަގަދަވާނެ). އެއްކުރި އަންނާރުކޮޅު ފުރޭންޔެއްގެ ތެރެއަށް އަޅާލައި ޖަގަކަށް މީގެ ފަނިކޮޅު ފުރާނާލާށެވެ. ފުރޭނި ޖޫސްކޮޅު އެއް ކައީރީގައި ބަހައްޓާލާށެވެ.

ދެން މިކްސްސަރުގައި މިކްސްނުކޮށް ހުރި އަންނާރު އޮށްކޮޅާ، ހަކުރުކޮޅު ކުޑަ ތެއްޔެގެ ތެރެއަށް އަޅާލުމަށްފަހު އުދުން މަތީ މެދުގިނީގައި ފެނުކައްކާލަން ޖައްސާށެވެ. 5-8 މިނެޓެއްހާއިރު މި އަންނާރުކޮޅު އުދުންމަތީ ފެނުކައްކާލާށެވެ. (އަންނާރުކޮޅު ފެނުކައްކާއިރު ފުލުގައި ހިފިޔަ ނުދިނުމަށް އަބަދުވެސް އުދުޅިން ގިރާލަ ގިރާލަ ހުންނަންވާނެ.) އަންނާރުކޮޅު އޮލަވުމުން އުދުން މަތިން ތެލި ނަގާ އަންނާރުކޮޅު ހިހޫ ކުރަން ބަހައްޓާލާށެވެ. އަދި ރަގަނޅަށް ހިހޫވުމުން ފުރޭންޔަކުން ފެނުކެއްކި އަންނާރުކޮޅުގެ ދިޔަތަށް ފުރާނާލާށެވެ.

ޖަގެއްގައި ލުނބޯ ހުތްކޮޅާ، އަންނާރު ޖޫސްކޮޅު އަދި ފެނުކެއްކި އަންނާރުގެ ދިޔަކޮޅު އެއްކޮށްލާށެވެ. މިހުރީ ޕޮމަގްރެނޭޓް ލެމަނޭޑް ތައްޔާރުވެފައެވެ. މިއީ ފިނިކޮށްގެން ބޯލުމަށް ވަރަަށް ކަމުދާނެ ބުއިމެކެވެ. ކޮންމެ ފަނިތައްޓެއް ގާނިޝްކުރުމަށް ކޮށާފައިހުރި ލުނބޯ ފޮތި ބޭނުންކުރެވިދާނެއެވެ.