ކާނާ

ރެސިޕީ : އީޒީ ވެޖަޓަބަލް ފްރައިޑް ރައިސް


ރޯދަވީއްލާ ގަޑީގައި އާންމުކޮށް ނުކޭނަމަވެސް ބަތުގެ ބާވަތްތަކަކީވެސް ރޯދަމަހު ބައެއް ސުފުރާތައް މަތިން ފެންނަ އެއްޗެކެވެ. މި ފަހަރުގެ ރެސިޕީގައި މި ހިމަނާލާ ވެޖަޓަބަލް ފްރައިޑް ރައީސް މިއީ ލުއި، އަދި ތައްޔާރުކުރަން ފަސޭހަ ވުމުގެ އިތުރުން މީރުވެސް އެއްޗެކެވެ. ރޯދަވީއްލާ ގަޑީގައި ނޫންނަމަ މިއީ ހާރުދަމަށްވެސް ތައްޔާރުކުރެވިދާނެ އެއްޗެކެވެ.

ބޭނުންވާނެ ތަކެތި

3 ޖޯޑު ބަތް (ކައްކާފައިހުރި ބާސްމަތީ ރައީސް)
2 ސަމުސާ ވާރޖިން އޮލިވް އޮއިލް
1 ފިޔާ (ކުދިކޮށް ކޮށާފައި)
1 ޖޯޑު ގަނޑުކޮށްފައި ހުންނަ ބާވަތުގެ ފެހި އޮށް އަދި ކެރެޓު
2-3 މޭޒުމަތީ ސަމުސާ ސޯޔާ ސޯސް
2 ބިސް (ބޯތައްޓެއްގައި ރަގަނޅަށް ގިރާލާފައި)
1/2 ޖޯޑު ޕާސްލީ (ކުދިކޮށް ކޮށާފައި)

ތައްޔާރުކުރާނެ ގޮތް


މެދު ގިނީގައި ތާހެއް އުދުން މައްޗަށް އުދާލުމަށްފަހު ތާސް ހޫނުވުމުން ތެޔޮކޮޅު އަޅާލަށެވެ. ދެން ތެޔޮކޮޅު ހޫނުވުމުން އޭގެ ތެރެއަށް ފިޔާ، ފެހި އޮށް އަދި ކެރެޓުކޮޅު އަޅާ މީރުކޮށްލާށެވެ. މި ހުރިހާ އެއްޗެއް ރަގަނޅަށް މަނޑުވުމުން ތާހުގެ އެއް ކައަރިއަށް މިއެއްޗެތި ޖައްސާލުމަށްފަހު އަނެއްކޮޅަށް ގިރާފައިހުރި ބިސްއަޅައި އެއްކޮށްލާށެވެ. ބިސްތައް އެކުވިޔަނުދީ ވަކިކޮށް ރޯފިލުވައި ނިމުމުން އެއްކައަރިކުރި ތަރުކާރީކޮޅާ ބިސްތަށް އެއްކޮށްލައި.

ދެން ތާހުގެ ތެރެއަށް ކައްކާފައިހުރި ބާސްމަތީ ރައިސް އަޅާ ހުރިހާ އެއްޗެއް ރަގަނޅަށް އެއްކުރާށެވެ. 5 ވަރަކަށް މިނެޓު މިއެއްޗެތި މެދުގިނީގައި ތާސްމަތީ ކަށްކާލާށެވެ. އެއަށްފަހު ކޮށާފައިހުރި ޕާސްލީކޮޅު ރައީސްގެ މައްޗަށް އަޅާ ފަތުރާލާށެވެ. މިހުރީ ވެޖަޓަބަލް ފްރައިޑް ރައިސް ކެއްކިފައެވެ. މިއީ ޑެވިލް ޗިކަން ނުވަތަ ބީފް ފަދަ ސައިޑް ޑިޝްއަކާއެކު ކާލަން ވަރަށް މީރު ފްރައިޑް ރައިސްއެކެވެ.