ޚަބަރު

ތިނަދޫ ކައުންސިލް ފުޓްސަލް: އަސްދާން ސްޕޯޓްސް ލަދުގަންނަވާލައި، ޑީއެފްސީއިން ފަސޭހަ މޮޅެއް


ތިނަދޫ ކައުންސިލް ފުޓްސަލް މުބާރާތުގައި ރޭ ކުޅުނު ފުރަތަމަ މެޗުގައި އަސްދާން ސްޕޯޓްސްއާ ވާދަކޮށް ޑީއެފްސީ އިން ފަސޭހަ މޮޅެއް ހޯދައިފިއެވެ. މި މެޗުން ޑީއެފްސީ މޮޅުވީ 6 - 0 ނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ޑީއެފްސީއިން ވަނީ ވަރުގަދަ ހަމަލާތަކެއް އަސްދާނުގެ ގޯލަށް ފޮނުވާލާ ފަސް ލަނޑު ކާމިޔާބުކޮށްފައެވެ. ޑީއެފްސީ ފުރަތަމަ ހާފުގައި 5 ލަނޑު ޖަހާފައިވާއިރު އެޓީމުގެ މުހައްމަދު އަރީޝް އިސްމާއިލް ވަނީ ތިން ލަނޑު ޖަހައި ހެޓްރިކް ހަދައިފައެވެ. ޑީއެފްސީގެ މުހައްމަދު ރަމީޒް ދެ ލަނޑު ޖެހި އިރު އެ ޓީމުގެ ހުސައިން ރާޒީވެސް ވަނީ ޓީމަށް ލަނޑެއް ޖަހައިދީފައެވެ. އޭނާގެ ލަނޑު ޖަހާފައިވަނީ މެޗުގެ ދެވަނަ ހާފުގައެވެ.

ދެވަނަ ހާފުގެ ކުޅުމުގައި އަސްދާން ސްޕޯޓްސްއިން ޑިފެންސްލައިން ވަރުގަދަކޮށް އެޓޭކް ވަރުގަދަ ކުރި އެވެ. ނަމަވެސް މެޗު ނިމިގެން ދިޔައީ އެޓީމަށް ލަނޑެއް ނުޖެހިއެވެ. ދެވަނަ ހާފުގައި ޖެހި ހަމަ އެކަނި ލަނޑު ޖަހާފައިވަނީ ޑީއެފްސީ ސްޕޯޓްސްގެ ހުސައިން ރާޒީއެވެ.

އެ މެޗާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން އަސްދާން ސްޕޯޓްސްގެ ކޯޗު ބުނީ، އެ ޓީމުގައި ހިމެނެނީ އަސްދާން ނަމަކަށް ކިޔާ މަސް ދޯންޏަކުން މަހައްދާ ޒުވާނުންގެ މައްޗަށް އެކުލަވާލި ޓީމެއް ކަމުގައެވެ. އަދި ޕްރެކްޓިސް ކުރުމަށް ވަގުތު ނުލިބި ފުރަތަމަ މެޗުން ބަލިވި ކަމުގައިވީ ނަމަވެސް ޓީމުގެ ކުޅުމާ މެދު ހިތްހަމަޖެހޭ ކަމަށް އޭނާ ފާހަގަކުރިއެވެ.

"ޕްރެކްޓިސްއަށް އަނެއްހެން މާބޮޑު ޓައިމެއް ނުލިބޭ. ރޯދައަށް އެންމެ ދުވަހަކަށް ވެފަ އޮއްވައި ދޯނި ފަޅުގަ އެޅީ. ދޯނިން މަހަށްދާ ކުދިން ޓީމަށް ނަގާފަ މިތިބީ. ވަކި ތާކުން ކުއްޖެއް ގެނެސްގެން ޕްރެކްޓިސް ކުރަން ފުރުސަތު ނުލިބޭ. ދެން ޕްރެކްޓިސް ނުކުރެވި ތިއްބައި ކުޅުނު މެޗުން މިރޭ މިލިބުނު ނަތީޖާއަކީ ހަމަ ރަނގަޅު ނަތީޖާއެއް،" އަސްދާން ސްޕޯޓްސްގެ ކޯޗް ބުންޏެވެ.

ޑީއެފްސީގެ އެސިސްޓެންޓް ކޯޗު ބުނީ، އެ މެޗުން ޓީމު މޮޅުވި ނަމަވެސް ޓީމުގެ ކުޅުމާމެދު އެހާ ބޮޑަށް ހިތްހަމަ ނުޖެހޭ ކަމަށެވެ.

"އެހާ ބޮޑަކަށް ހިތްހަމައެއް ނުޖެހޭ. ތަންކޮޅެއް ދަށްކޮށް އަދި ކުޅުން ފެނުނީ. ޕްރެކްޓިސްއަށް ދަނޑު ނުލިބުމުގެ މައްސަލަ ދިމާވި. އެންމެ ދަނޑެއް މި އޮންނަނީ. އެ މައްސަލަ ދިމާވެ ޕްރެކްޓިސްކުރަން ދަތިވި،" ޑީއެފްސީގެ އެސިސްޓެންޓް ކޯޗު ފާހަގަކުރިއެވެ.

ރޭގެ ފުރަތަމަ މެޗު ޑީއެފްސީ ކާމިޔާބު ކުރި އިރު، އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ އެ ޓީމަށް ތިން ލަނޑު ޖަހައި ހެޓްރިކް ހެދި، މުހައްމަދު އަރީޝް އިސްމާއިލެވެ.