ޚަބަރު

ރޯދައަށް 5 މިސްކިތެއް ހުޅުވައިފި


ކޮންމެ ރަމަޟާން މަހެއް އައުމުގެ ކުރިން ރާއްޖޭގެ ހުރިހާ މިސްކިތްތަކެއްގެ އާބާތުރަފިލުވުމާއި ރޯދައަށް އިތުރު މިސްކިތްތައް ހުޅުވުމުގެ މަސައްކަތް ކުރެއެވެ. އެގޮތުން މިއަހަރުގެ ރަމަޟާން މަހާ ދިމާކޮށް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައިވެސް މިސްކިތްތަކުގެ އާބާތުރަ ފިލުވުމާއި އާއު މިސްކިތްތައް ހުޅުވުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. މިއަހަރު 8 މިސްކިތެއް އަލަށް ހުޅުވުމަށް ހަމަޖެހިފައިވާއިރު މިހާރު މިވަނީ 5 މިސްކިތެއް ހުޅުވާފައެވެ.

މިއަހަރުގެ ރަމަޟާން މަހަށް 8 މިސްކިތެއް ހުޅުވުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ނިންމަވާފައެވެ. މީގެ ތެރެއިން 5 މިސްކިތެއް މިހާރު ހުޅުވާފައިވާއިރު އިތުރު މިސްކިތެއްގައި ވަގުތީ ގޮތުން ނަމާދުކުރުމުގެ ހުއްދަ މިހާރުވަނީ ދީފައެވެ. މިއަހަރުގެ ރަމަޟާންމަހަށް މާލޭގެ 3 މިސްކިތަކާއި އެކި އަތޮޅުތަކުގައި 5 މިސްކިތެއް ހުޅުވުމަށް ވަނީ ހަމަޖެހިފައެވެ.

މި ރަމަޟާން މަހާ ދިމާކޮށް މިހާތަނަށް އަލަށް ހުޅުވި މިސްކިތްތަކުގެ ތަފްސީލަށް ބަލާއިރު، ވިލިމާލޭގައި ބިނާކޮށްފައިވާ މަސްޖިދުއް ބިއްރި ހުޅުވާފައިވަނީ މިދިޔަ މަހުގެ 17ވަނަ ދުވަހުއެވެ. މި މިސްކިތަކީ އެއްފަހަރާ އެއްހާސް މީހުންނަށް ނަމާދުކުރެވޭނެ ގޮތަށް ބިނާކޮށްފައިވާ މިސްކިތެކެވެ. އަދި މިމިސްކިތުގެ ގޯތިތެރޭގައި ޤުރުއާން އުގަންނައިދޭ ކްލާސްރޫމެއްވެސް ހުރެއެވެ.

ގއ.ދެއްވަދޫގައި ބިނާކޮށްފައިވާ މަސްޖިދު އަލްޙާފިޡު އާދަމް ސަޢީދު ހުޅުވާފައި ވަނީ މިދިޔަ މަހުގެ 22ވަނަ ދުވަހުއެވެ. މި މިސްކިތަކީ 500 މީހުނަށް އެއްފަހަރާ ނަމާދުކުރެވޭނެގޮތަށް ބިނާކޮށްފައިވާ މިސްކިތެކެވެ.

މީގެ އިތުރުން މާލޭގައި ބިނާކޮށްފައިވާ މަސްޖިދު މުޙައްމަދު ޖަމީލް ދީދީ ހުޅުވާފައިވަނީ މިމަހުގެ 2ވަނަ ދުވަހުއެވެ. މުޙައްމަދު ޖަމީލް ދީދީ މިސްކިތް ނުވަތަ ފައިފުހޭ މިސްކިތަކީ އެއްފަހަރާ 1400 މީހުންނަށް ނަމާދުކުރެވޭ ޖާގައިގެ މިސްކިތެކެވެ. މި މިސްކިތުގައި ނަމާދުކުރެވޭނެ ޖާގައިގެ އިތުރުން ދީނީ ނަސޭހަތް ދިނުމާއި ޤުރުއާން ކިޔަވައިދިނުން ފަދަ ކަންކަން ކުރިއަށް ގެންދިޔުމަށް ވަނީ މަލްޓިޕާރޕަސް ހޯލެއްވެސް ހިމަނާފައެވެ.

ދ.ކުޑަހުވަދޫގައި އިމާރާތްކޮށްފައިވާ ފުރުޤާން މިސްކިތްވެސް ހުޅުވާފައިވަނީ ރަމަޟާން މަހާއި ދިމާކޮށެވެ. މި މަހުގެ 3ވަނަ ދުވަހު ހުޅުވި މިމިސްކިތަކަކީ އެއްފަހަރާ 400 މީހުންނަށް ނަމާދުކުރެވޭ ޖާގައިގެ މިސްކިތެކެވެ.

އެއްފަހަރާ 300 މީހުންނަށް ނަމާދުކުރެވޭ ގޮތަށް ތުލުސްދޫގައި ބިނާކޮށްފައިވާ މަސްޖިދުއް ތަޤްވާ ހުޅުވާފައިވަނީވެސް މި މަހުގެ 10 ވަނަދުވަހުއެވެ. އެއް ފަންގިފިލާގެ މި މިސްކިތަކީ އެއަރކޮންޑިޝަން ކޮށްފައިވާ މިސްކިތެކެވެ.

މި މިސްކިތްތަކުގެ އިތުރުން ހދ.ކުޅުދުއްފުށީގައި އިމާރާތްކޮށްފައިވާ ފިރުދައުސް މިސްކިތުގައި ވަނީ ވަގުތީގޮތުން ނަމާދު ކުރުމުގެ ހުއްދަ ދީފައެވެ. މި މިސްކިތަކީ 450 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭނެ ޖާގައިގެ މިސްކިތެކެވެ. މި މިސްކިތް ރަސްމީކޮށް ހުޅުވުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން އަންނަނީ ކުރަމުންނެވެ. މި މިސްކިތް މި ހަފްތާ ނުވަތަ ކުރިއަށްއޮތް ހަފްތާގެ ތެރޭގައި ރަސްމީކޮށް ހުޅުވުމަށް މިނިސްޓްރީން ވަނީ ނިންމަވާފައެވެ.

މީގެ އިތުރުން އައްޑޫ ސިޓީގައި ބިނާކޮށްފައިވާ މިސްކިތުގައި މިހާރު ކުރަމުންދަނީ ފިނިޝިންގެ މަސައްކަތެވެ. އައްޑޫ ސިޓީގައި ހުޅުވުމަށް ތައްޔާރުވެފައިވަނީ މަސްޖިދުއް ކައުޘަރެވެ. މި މިސްކިތަކީ އެއްފަހަރާ 360 މީހުންނަށް ނަމާދުކުރެވޭ ޖާގައިގެ މިސްކިތެކެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މިމަހުގެ 17 އާއި 21 ދެމެދުގެ ތާރީޚެއްގައި މި މިސްކިތްވެސް ހުޅުވާނެކަމަށެވެ. އިސްލާމިކް މިނިސްޓްރީން އަންނަނީ މާލޭގެ މާވެޔޮ މަގުގައި ބިނާކޮށްފައިވާ މަސްޖިދުލް ބަހާއުއްދީން ހުޅުވުމުގެ މަސައްކަތްވެސް ކުރަމުންނެވެ. މިގޮތުން މި ރަމަޟާން މަސް ނިމުމުގެ ކުރިން ބަހާއުއްދީން މިސްކިތް، ނުވަތަ މާވެޔޮ މިސްކިތް ހުޅުވުމަށް މަސައްކަތް ކުރަމުން އަންނަކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ކުރިން ދެފަންގިފިލާއަށް ހުރި މާވެޔޮ މިސްކިތް ތަރައްޤީކުރަނީ ގާތްގަނޑަކަށް 1800 މީހުނަށް އެއް ފަހަރާ ނަމާދުކުރެވޭ ގޮތަށް 5 ފަންގިފިލައަށެވެ. މި މިސްކިތް ބިނާކުރުމަށްދާ ޚަރަދުގެ އެއްބައި ކުރިން ސަރުކާރުން ދޭގޮތަށް އޮތް ނަމަވެސް މިހާރު މި މަސައްކަތުގެ ހުރިހާ ޚަރަދެއްކުރާނީ އަމިއްލަ ފަރާތަކުން ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހާ ދިމާކޮށް މިސްކިތްތަކުގެ އާބާތުރަ ފިލުވުމާއި އިތުރު މިސްކިތްތައް ހުޅުވަމުންދެއެވެ. ރަމަޟާންމަހަކީ އެ މަހެއްގައި އަޅުކަން ކުރުމަށް ރައްޔިތުން ގިނައިން މިސްކިތްތަކަށް ގޮސް އުޅޭ މައްސަރެއްކަމުން މިސްކިތްތަކުގެ ޖާގައި އިތުރުކުރުމުގެ ގޮތުން ސަރުކާރާއި އަމިއްލަ ބައެއް ފަރާތްތަކުންވެސް މިސްކިތްތައް ބިނާކުރަމުންދެއެވެ.