ކާނާ

ރެސިޕީ : ޑަބަލް-ޗޮކޮލެޓް އައިސްބޮކްސް ކޭކް


ރޯދަމަހު ފޮނިއެއްޗެއް ތައްޔާރުނުކޮށް ސުފުރާމަތި ފުރިހަމައެއް ނުވާނެއެވެ. މިފަހަރުގެ ރެސިޕީއަކީ ޗޮކޮލެޓް މީރު ފަރާތްތަކަށް ވަރަށް ކަމުދާނެ ރެސިޕީއެކެވެ. އާންމުކޮށް ތައްޔާރުކުރަ ކޭކުތަކާ ތަފާތު މިރެސިޕީ ގޭގެ ގިނަ ބަޔަކަށް ކަމުދާނެކަން ޔަގީނެވެ. ޗޮކޮލެޓު ކަމު ނުދާ ފަރާތްތަކުން މީގައި ހުރި ތަކެތި ވެނީލާ ނުވަތަ ސްޓްރޯބެރީއަށްވެސް ބަދަލުކޮށްލެވިދާނެއެވެ.

ބޭނުންވާނެ ތަކެތި

04 ތަށި ޗޮކްލެޓް ޕުޑިން ( ތައްޔާރުކޮށްފައި ހުންނަ )
1 1/2 ޖޯޑު ހެވީ ވިޕިން ކްރީމް
ޗޮކޮލެޓް ކޭކް ( ކުދިކޮށްފައި)
2 ބޮޑު ސްނިކާޒް (ކުދިކޮށް ކޮށާފައި) * ސްނިކާޒް ކަމުނުދާނަމަ ބޭނުން ވައްތަރެއްގެ ޗޮކޮލެޓް ބޭނުންކުރަންވީ.

ތައްޔާރުކުރާނެ ގޮތް

ބޯތައްޓެއްގައި ވިޕިން ކްރީމް އޮލަވެ، ރަގަނޅަށް ވިޕް ވަންދެން އެއްކޮށްލާށެވެ. (ކޭކް މިކްސަރެއް ބޭނުންކުރާނަމަ މެދު ސްޕީޑުގައި 5 މިނެޓު ވިޕް ކުރުމުން ރަގަނޅުވާނެ). ހަތަރެސްކަން ތައްޓެއްގެ އަޑީގައި އެއްލޭޔަރ ކޭކު އަޅާ ފަތުރާލަށެެވެ. ދެން އޭގެ މައްޗަށް ޗޮކޮލެޓް ޕުޑިން ލޭޔަރެއް އަޅާ ފަތުރާލާށެވެ. ދެން ޗޮކޮލެޓް ޕުޑިން ލޭޔަރ މައްޗަށް ވިޕް ކްރީމް ލޭޔަރެއް އަޅާ ފަތުރާލާށެވެ.
ދެން އަނެއްކާވެސް ކޭކް ލޭޔަރެއް އެޅުމަށްފަހު، ފުރަތަމަ ޕުޑިން އަދި ދެން ވިޕު ކްރީމް ލޭޔަރެއް ފަތުރާލާށެވެ. އިތުރު ލޭޔަރެއް ބޭނުންނަމަ ހަމަ ރިޕީޓްކޮށްލަންވީއެވެ. އެންމެ ފަހު ލޭޔަރ މައްޗަށް ކުދިކޮށްފައި ހުރި ސްނިކާޒްތައް އަޅާ ފަތުރާލާށެވެ. ދެން ފްރިޖްގައި މިޑިޝް 6 ވަރަކަށް ގަޑިއިރު ގަޑުކޮށްލާށެވެ.