ކާނާ

ރެސިޕީ : ވަން ޕޮޓް ސްޕެގަޓީ


ވަން ޕޮޓް ސްޕެގަޓީ

ރޯދަމަހު ބަދިގޭގައި ގިނަ ވަގުތު ހޭދަ ކުރުމުގެ ބަދަލުގައި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ހަދާލެވޭ މީރު ކެއުންތައް ހުރެއެވެ. މި ފަހަރު މި އޮތީ އެފަދަ ރެސީޕީއެކެވެ. މި ފަހަރު ދިވެހިންގެ މެދުގައި މަޤުބޫލު އެއްޗެއްކަމަށްވާ ސްޕެގެޓީގެ ބާވަތަކެވެ. މީ ތައްޔާރުކޮށްލަން އެހާ ފަސޭހަ އަދި މީރު ކެއުމެކެވެ. އަދި މީ ބޭނުން ގޮތަކަށް މޮޑިފައިވެސް ކޮށްލެވިދާނެ ރެސިޕީއެކެވެ.

ބޭނުންވާނެ ތަކެތި


ޗިކަން ބްރެސްޓް (ފިހެ ރޯފިލުވާ ކުދިކޮށްފައި)
2 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް
1 ޖޯޑު ފިޔާ (ކުދިކޮށް ކޮށާފައި)
6 ލޮނުމެދު ކޮޅު (ގާނާފައި)
2 ޓޯމާޓޯ (ކުދިކޮށް ކޮށާފައި)
2 ޖޯޑު ކުކުޅު ސުރުވާ (ޗިކަން ބްރޮތް ކިއުބް - ހޫނު ފެނުގައި ގިރާފައި)
ސްޕެގަޓީ ޕެކެޓެއްގެ (ދެބައިކޮށްފަ އެއްބައި )
ލޮނު / އަސޭމިރުސް
1/4 ޖޯޑު ޕާމަޒޯން ޗީޒް (ގާނާފައި)
1 މޭޒުމަތީ ސަމުސާ ޕާސްލީ (ކުދިކޮށް ކޮށާފައި)

ތައްޔާރުކުރާނެ ގޮތް

މެދު ގިނީގައި އުދުން މައްޗަށް ތަތްނުލަވާ ތެއްޔެއް އުދާ، ތެޔޮކޮޅު އަޅާ ހޫނުކޮށްލާށެވެ. ތެޔޮކޮޅު ހޫނުވުމުން ފިޔާ، ލޮނުމެދު އަޅާ 3 މިނެޓެއްހާއިރު ވަންދެން މީރުކޮށްލުމަށްފަހު ކުކުޅު ކޮޅާ، ލޮނު އަދި އަސޭމިރުސް އަޅާ އެއްކޮށްލާށެވެ. ދެން އޭގެ ތެރެއަށް ޓޯމާޓޯ، ޗިކަން ބްރޮތް، އަދި ސްޕެގަޓީކޮޅު އަޅާލާށެވެ. (ބޭނުމިއްޔާ ސްޕެގަޓީތައް މެދުން ދެފަޅިކޮށްފައިވެސް ބޭނުންކުރެވިދާނެ) އެއަށްފަހު ހުރިހާ އެއްޗެއް ރަގަނޅަށް އެއްކޮށް ކައްކާލާށެވެ.

ސްޕެގަޓީތައް މަޑުވާން ފެށުމުން ތެލީގެ ތެރެއަށް ރަގަނޅަށް ފިއްތާ، ފެނުގެ އަޑިއަށް ކޮށްޕާލާށެވެ. ދެން ތެލީގެ މަތި ޖަހާލައި މެދު ގިނީގައި އަށްވަރަކަށް މިނެޓު ބަހައްޓާލާށެވެ. ދެން ތެލީގެ މަތިނަގާ، ޗީޒް އަޅާ އެއްކުރުމަށްފަހު އިތުރު ދެމިނެޓު ސްޕެގަޓީކޮޅު ކައްކާލާށެވެ. ދެ މިނެޓުވުމުން ސްޕެގަޓީތަކުގެ މައްޗަށް އިތުރު ޗީޒްކޮޅެއް އަޅާ، ޕާސްލީކޮޅުވެސް ފަތުރާލާށެވެ.

ތި ހުރީ ވަން ޕޮޓްޕާސްތާ ތައްޔާރުވެފައެވެ. ބޭނުމިއްޔާ ރޯދަވީއްލާ ގަޑީގައިވެސް ނޫނީ ހާރުދަމަށްވެސް މިއީ ކަމުދާނެ އެއްޗެކެވެ.

ނޯޓް: މިރެސިޕީ ތައްޔާރުކުރާއިރު ޕާސްތާ ސޯސް ބޭނުންކުރަން ބޭނުންނަމަ ޓޯމާޓޯ އަދި ޗިކަންބްރޮތް އަދި ސްޕެގަޓީ އަޅާގަޑީގައި ޕާސްތާ ސޯސް އަޅާ އެއްކުރެވިދާނެއެވެ.