ކުޅިވަރު

ޒޯން ސްޓޭޑިއަމް ބެލެހެއްޓުން ތިނަދޫ ކައުންސިލާ ހަވާލުކުރަނީ


ގދ. ތިނަދޫގައި ހުންނަ ޒޯން ސްޓޭޑިއަމް ގދ. ތިނަދޫ ކައުންސިލާ ހަވާލުކުރުމާ ގުޅޭ ގޮތުން ޔޫތް މިނިސްޓްރީން އެކައުންސިލާއެކު މަޝްވަރާކުރައްވައިފިއެވެ.

މި މަޝްވަރާތައް ކޮށްފައިވަނީ މިނިސްޓަރ އޮފް ޔޫތް އެންޑް ސްޕޯޓްސް، އަހުމަދު މަހްލޫފް ތިނަދޫއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިރޭ އެރަށު ކައުންސިލުގެ އިދާރާގައެވެ. އެ ބައްދަލުވުމަށްފަހު ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އެކައުންސިލުގެ ރައީސް، އިބްރާހިމް އަސްއަދު ވިދާޅުވީ ޒުވާނުންނާއި ކުޅިވަރާ ގުޅުން ހުރި ކަންކަމުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވިފައިވާ ކަމަށެވެ. އެގޮތުން ޒޯން ސްޓޭޑިއަމްގެ ބެލެހެއްޓުން ކައުންސިލާ ހަވާލުކުރުމުގެ އިތުރުން ރަށުގައު ހަދާފައި ހުރި ދަނޑުތަކާއި ކޯޓުތައް ބެލެހެއްޓުންވެސް އެ ކައުންސިލާ ހަވާލު ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށް އޭނާ ވިދާޅުވިއެވެ.

"ޒޯން 7 ސްޓޭޑިއަމްގެ ބެލެހެއްޓުން ކައުންސިލާ ހަވާލުކުރުމާއި އަދި ރަށުގަ ހުރި ތަންތަން ތަރައްގީ ކުރުމާއި ރަށުގަ ހަދާފަ ހުރި ފުޓްސަލް ދަނޑުތަކާއި އަދި މިތަންތައް މަރާމާތުކޮށް ބެލެހެއްޓޭނެ ވަސީލަތްތައް ގާއިމްކުރުމާއި މިކަންތައްތަކާ ކައުންސިލާއެކު މަޝްވަރާ ކުރެވިގެން ދިޔަ. ދެން އިރާދަކުރެއްވިއްޔާ މާދަމާގެ ވަގުތެއްގަ އެއްބަސްވުމެއްގަ ސޮއި ކުރެވިގެންދާނެ،" އަސްއަދު ވިދާޅުވިއެވެ.

މީގެ އިތުރުން އަސްއަދު ވިދާޅުވީ އެންމެ މުހިއްމު ކަމެއް ދީގެން މަސައްކަތް ކުރުމަށް ހަމަޖައްސާފައިވަނީ ތިނަދޫގައި އަންނަ މަހު ބާއްވަން ހަމަޖައްސާފައިވާ އިންޓަ ސްކޫލް އެތްލެޓިކްސް މުބާރާތް ބޭއްވުމަށް ވާން ޖެހޭ ތައްޔާރީތައް ވުމަށް ކަމަށެވެ. އެގޮތުން އެމުބާރާތަށްޓަކައި ސްޓޭޑިއަމަށް ގެންނަން ޖެހޭ ބަދަލުތަކާއި މަރާމާތަށް ދާނެ ޚަރަދުތަކާ ގުޅޭ ގޮތުންވެސް މަޝްވަރާ ކުރެވުނު ކަމަށް އޭނާ ވިދާޅުވިއެވެ.

ތިނަދޫގައި ބާއްވަން ހަމަޖައްސާފައިވާ އިންޓަ ސްކޫލު އެތްލެޓިކްސް މުބާރާތުގައި ރާއްޖޭގެ އެކި ހިސާބުތަކުގެ ސްކޫލުތަކުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އަސްއަދު ވިދާޅުވީ 30 އަށްވުރެ ގިނަ ސްކޫލުތަކުން އެ މުބާރާތުގައި ބައިވެރިވާނެ ކަމަށެވެ.