ޚަބަރު

މޯލްޑިވްސް ޕާޓްނަޝިޕް ފޯރަމްގެ މަޢުލޫމާތު ބައިނަލްއަޤްވާމީ މެމްބަރުންނާ ޙިއްސާކޮށްފި


އަންނަ ޖޫން މަހު ބާއްވާ މޯލްޑިވްސް ޕާޓްނަޝިޕް ފޯރަމްގެ މަޢުލޫމާތު ރާއްޖޭގައި ހުންނަ ބައިނަލްއަޤްވާމީ ޤައުމުތަކާއި އޭޖެންސީ ތަކާއި ޖަމްޢިއްޔާތަކުގެ މެމްބަރުންނާ، ފޮރިން މިނިސްޓްރީން ޙިއްސާކޮށްފިއެވެ.

ފޮރިން މިނިސްޓްރީގައި ބޭއްވި މި ބައްދަލުވުމުގައި އިސްކޮށް ހަރަކާތްތެރި ވެވަޑައިގަތީ ފޮރިން މިނިސްޓްރީގެ އެމްބެސެޑަރ އެޓް ލާޖް ޑރ.ޢާސިމް އަޙްމަދެވެ. އެގޮތުން މިބައްދަލުވުމުގައި ރާއްޖޭގައިތިބޭ އެހެން ޤައުމުތަކުގެ ސަފީރުންނާއި، މަންދޫބުންނާއި މެމްބަރުން ވަނީ ބައިވެރިވެފައެވެ.

މިބައްދަލުވުމުގައި، މިމެމްބަރުންގެ އިތުރުން ރައީސް އޮފީހާއި، މިނިސްޓްރީ އޮފް ފިނޭންސް، މިނިސްޓްރީ އޮފް ޕްލޭނިންގް އެންޑް އިންފްރާންސްޓަރކްޗަރ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް އަދި އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ ބައވެރިވެފައެވެ.

އަންނަ ޖޫން މަހުގެ 17އިން 18އަށް ކުރިއަށްގެންދާ މޯލްޑިވްސް ޕާޓްނަޝިޕް ފޯރަމްއަކީ ވޭތުވެ ދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި ރާއްޖެއާއި އެހެން ޤައުމުތަކާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ޖަމާއަތްތަކާއިއެކު އެއް ފުރާޅެއްގެ ދަށުން މަޝްވަރާކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ބާއްވާ ފުރަތަމަ ފޯރަމެވެ. އެގޮތުން މި ފޯރަމްގެ ތެރެއިން ރައީސުލްޖުމްހީރިއްޔާ އިންރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ ތަރައްޤީގެ ވިސްނުން ހުރިގޮތާއި، މިޕްލޭންގައި ފޯރަމްގެ ބައިވެރިންގެ ދައުރުގެ މުހިންމުކަމާ ބެހޭގޮތުން މަޝްވަރާކޮށް ގޮތްތަށް ނިންމުމަށްވަނީ ހަމަޖެހިފައެވެ.

ފޮރިން މިނިސްޓްރީން މައުލޫމާތުދެއްވާގޮތުގައި، މިފޯރަމުގެ ތެރެއިން ރައްޔިތުންނަށް އެންމެ ބޭނުންވާ ދާއިރާތަށް ކަމަށްވާ ސިއްޙީ، ތަޢުލީމީ، ތިމާވެށި އަދި ގުޑްގަވަނެންސްގެ ދާއިރާއިން މަޝްވަރާކުރުމަށް ހަމަޖެހިފައިވެއެވެ.މީގެ އިތުރުން މި ސަރުކާރުގެ ފުރތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރެއިން ފުރިހަމަ ނުވެހުރި ކަންކަން ފުރިހަމަ ކުރުމަށް ކުރާ މަސައްކަތްތަކުގެ މަޢުލޫމާތު ހިއްސާކުރާނެކަމަށްވެސް އެ މިނިސްޓްރީއިން މަޢުލޫމާތުދެއްވައެވެ.

ފޮރިން މިނިސްޓްރީން މަޢުލޫމާތުދެއްވާގޮތުގައި މި ފޯރަމްގެ މަޢުލޫމާތު ހިއްސާކުރުމަށް މިމަހުގެ ތެރޭގައި ފޮރިން މިނިސްޓްރީގެ ވަފުދެއް ސްރީ ލަންކާގެ ވެރިރަށް ކޮލޮމްބޯ އާއި އިންޑިއާގެ ވެރިރަށް ނިއު ދިއްލީއަށް ދިއުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މި ވަފުދުގައި އިސްކޮށް ހަރަކާތްތެރިވާނީ، ފޮރިން މިނިސްޓްރީގެ އެމްބެސެޑަރ އެޓް ލާޖް ޑރ.ޢާސިމް އަހުމދެވެ.