ޚަބަރު

ކަޅުވަކަރު މިސްކިތް ބަހައްޓާދޭނެ ބަޔަކު ހޯދަން އަލުން އިއުލާންކޮށްފި


ކަޅުވަކަރު މިސްކިތް ބެހެއްޓުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން އަލުން އިއުލާންކޮށްފިއެވެ.

ކަޅުވަކަރު މިސްކިތް ބަހައްޓާދޭނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން ފުރަތަމަ އިއުލާންކުރީ މިިދިޔަ މަހުގެ 8 ވަނަދުވަހުއެވެ.
ފިނޭންސް މިނިސްޓްރީން ބުނ ކަޅުވަކަރު މިސްކިޔް ބަހައްޓާދޭނެ ބަޔަކު ހޯދުމަށް އަލުން އިއުލާންކުރު އެކަމަށް ފުރަތަމަ ހުޅުވާލި ފުރުސަތުގެ ސުންގަޑި ހަމަވިިއިރު އެކަށީގެންވާ ތަރުހީބު ލިބިފައިނުވާތީަމަށެވެ. މިސްކިތް ބެހެއްޓުމަށް ޝައުގުވެރިވާ ފަރާތަކަށް އެ ފުރުސަތު މިމަހުގެ 22 ގެ ނިޔަލަށް އަލުން ހުޅުވާލާފައިވާކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

މި މަސައްކަތުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 15000 ރުފިޔާ ބަހައްޓަންޖެހެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ. އަދި ބީލަމުގެ ބައިވެރިވުމަށް 500 ރުފިޔާގެ ފީއެއް ދައްކަންޖެހެއެވެ. ބިޑް ހުޅުވުން އޮންނާނީ މި މަހުގެ 23 ވަނަ ދުވަހު އެވެ.

ފިނޭންސް މިނިސްޓްރީ ބުނީ ބީލަމުގައި ބައިވެރިވެވޭނީ ޕްލޭނިން މިނިސްޓްރީން އެކުލަވާލާފައިވާ އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ޤަވާއިދުގައިވާ ގޮތުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

ކަޅުވަކަރު މިސްކިތުގެ ހިރިގަލުގެ ހުރިހާ ބައިތައް މަރާމާތުކޮށް އާބާތުރަ ފިލުވުމުގެ މަސައްކަތްވެސް މިހާރު ވަނީ ނިމިފައެވެ.

މާލޭގައި ހުރި ކަޅުވަކަރު މިސްކިތް ރޫޅާލިއިރު އެމިސްކިތުގެ ބައިތަކުގެ ތެރެއިން ލިޔެލާޖަހާފައިވާ ބައިތައް ނެތެވެ. އެބައިތައް މިހާރު ވަނީ އަލުން ލިޔެލާ ޖަހައިގެން ހަދާފައެވެ. މިހުރިހާ މަސައްކަތްތަކެއް މިހާރު ނިންމާލާފައިވާއިރު ދާދިފަހުން ވަނީ އެ މިސްކިތުގެ މަތިވަޑާމަށް ބޭނުންވާ ލަކުޑިތައްވެސް ރާއްޖެ ގެނެސްފައެވެ.

ކަޅުވަކަރު މިސްކިތް އަލުން ސަލްޓަން ޕާކު ސަރަޙައްދުގައި ބަހައްޓަން ނިންމާފައިވަނީ އިހުގެ އާސާރީ މިސްކިތެއްގެ ހައިބަތު ފެންނާނެހެން، މީހުންނަށް ނަމާދުކުރެވޭނެ އިންތިޒާމުތަކާވެސްއެކުއެވެ. ކަޅުވަކަރު މިސްކިތަކީ ތަފާތު ކުރެހުން އަޅައިފައި ހުރި، ފާރުތައް ހިރިގަލުން ހަދައި، ބިންވަޅު ނަގައިފައި ހުރި މިސްކިތެކެވެ.

މި މިސްކިތުގައިވާ ހިރިގަލުތަކުގައިވާ ލިޔުންތަކުން އެނގޭ ގޮތުގައި މިސްކިތް ބިނާ ކުރެވުނީ އައްސުލްޠާން ޙަސަން ނޫރައްދީން އިސްކަންދަރު ކައްތިރި ބަވަނަ މާހަރަދުންގެ ރަސްކަމުގެ 10 ވަނަ އަހަރުގައެވެ. މި ރަދުން ރަސްކަން ކުރެއްވީ މީލާދީން 1179 ވަނަ އަހަރުން ފެށިގެން 1799 ވަނަ އަހަރާ ހަމައަށެވެ. އެހެންކަމުން މި މިސްކިތަކީ 200 އަހަރަށްވުރެ ގިނަދުވަސްވެފައިވާ ދިވެހިންގެ ތަރިކައެކެވެ.