ބްރެޑް ކަޓްލެޓް - ބްރެޑް ޕަކޯރާ
ދިވެހިންގެ ހެދިކާތަކުގެ ތެރޭގައި ހިމެނޭ ކަވާބު ނުވަތަ ކަޓްލަޓްސްއާއި ގާތްކުރާ މިޑިޝްއަކީ އިންޑިއާގައި ވަރަށް އާންމު މީހުން ކައިއުޅޭ އެއްޗެކެވެ. ޕަކޯރާއަކީ މިއީ އެއްވެސް ބާވަތެއްގެ މަހެއް ބޭނުންކޮށްގެން ތައްޔާރުކުރާ އެއްޗެއް ނޫނެވެ. ހޫނު ކަޅުސައިތައްޓަކާއި އެކު މިއީ ކާލަން ވަރަށް މީރު އެއްޗެކެވެ. ރޯދަމަހުގެ ސުފުރާތައް މައްޗަށްވެސް ރަގަޅު ކެއުމަކަށް ޕަކޯރާވެގެންދާނެެވެ.
ބޭނުންވާނެ ތަކެތި
ޕާން (މުރަނަވާ ވަރަށް ޓޯސްޓްކޮށް ކުދިކޮށް ކޮށާފައި)
1/2 ޖޯޑު ގްރާމް ފްލާ (އާދައިގެ ފުށް ނުވަތަ ކޯން ފްލާވެސް ބޭނުންކުރެވިދާނެ)
3/4 ސަމުސާ ތެޅި މިރުސް
މިރުސް (ކުދިކޮށް ކޮށާފައި)
ލޮނުމެދު / އިނގުރު (ގާނާފައި)
ދިރި (ހިމުންކޮށް މުގުރާފައި)
ހިކަނދި ފަތް
ލޮނު / އަސޭމިރުސް
3 މޭޒުމަތީ ސަމުސާ ފެން
ތެޔޮ (ތެއްލޭވަރަށް)
ބޯތަށްޓަކަށް ފެން ފޮދު އެޅުމަށްފަހު އޭގެތެރެއަށް ފުށް، ތެޅިމިރުސް، މިރުސް، ލޮނުމެދު، އިނގުރު، ދިރި، ހިކަނދި ފަތް، ލޮނު ، އަސޭމިރުސް، އަޅާލުމަށްފަހު ރަގަޅަށް އެއްކޮށްލާށެވެ. އެތަކެތި ރަގަޅަށް އެއްކޮށްލުމަށްފަހު ޕާންތައްވެސް އެއަށް އެއްކޮށްލާށެވެ. އެއަށްފަހު ކަޓްލަޓްސް ގުޅަ ހުންނަ ގޮތަށް ކުދި ގުޅަތަކެއް ވަށާލާށެވެ.
ތާހެއްގައި މެދު ގިނީގައި ތެޔޮ ހޫނުކުރަން ޖައްސާށެވެ. ތެޔޮގަނޑު ހޫނުވުމުން ގުޅަތައް ރޯފިލަންދެން ތެއްލާލާށެވެ. ތެއްލާފައިހުރި ގުޅަތަށް ނަގާ ޓީޝޫ އެއްގެ މަތީ ބާއްވާ ތެޔޮތައް ފިލުވާލާށެވެ.
މިހާރު ތިހުރީ ޑިޝް ތައްޔާރުވެފައެވެ. މިއީ ޓޯމާޓޯ ނުވަތަ ޗިލީ ސޯސްއާއިއެކު ކާލަން ރަގަޅު ރަހަ މީރު އެއްޗެކެވެ.