ޚަބަރު

ފޯ ސީޒަންގެ ތަމްރީން ޕްރޮގްރާމް ނިންމި 49 ދަރިވަރަކަށް ސެޓިފިކެޓް ދީފި


ރިސޯޓް މާޙައުލުގެ ވަޒީފާގެ ތަޢުލީމާއި ތަމްރީނު ދިނުމަށް ފޯރ ސީޒަން މޯލްޑިވްސްއިން ކުރިއަށް ގެންދާ އެކިއެކި ކޯސްތައް ނިންމި ދަރިވަރުންނަށް ސެޓްފިކެޓް ޙަވާލުކޮށްފިއެވެ.

މިކޯސްތަކުން ފާސްވި ދަރިވަރުންނަށް ސެޓްފިކެޓް ޙަވާލުކޮށްދެއްވީ ދަރުބާރުގޭގައިއޮތް ރަސްމިއްޔާތުގައި ޓުއަރިޒަމް މިނިސްޓަރު ޢަލީ ވަޙީދެވެ. ފޯ ސީޒަން ރިސޯޓްސް މޯލްޑިވްސް ހޮސްޕިޓަލިޓީ އެޕްރެންޓިޝިޕް ޕްރޮގްރާމަކީ ރާއްޖޭގައި ކުރިއަށް ގެންދާ މިފަދަ އެއްމެ ދުވަސްވީ އެއް ޕްރޮގްރާމެވެ. މިހާރު މިޕްރޮގްރާމަށް ވަނީ އަށާރަ އަހަރު ވެފައެވެ.

މިދިޔައަހަރު ފޯރސީޒަން ރިސޯޓުން ކުރިއަށް ގެންދިޔަ ދިހަ ކޯހަކުން ސާޅީސް ނުވަ ދަރިވަރަކު ވަނީ ދަސްވެނިވެފައެވެ. ޖުމުލަ ބައްތިރީސް ރަށަކުން މި ޕްރޮގްރާމްގައި ބައިވެރިވެފައިވާއިރު ބައިވެރިވި ދަރިވަރުންގެ އުމުރުފުރާއަކީ ޢުމުރުން ސަތާރަ އަހަރާއި ވިހި އަހަރެވެ.

ފޯރ ސީޒަނުން ކުރިއަށް ގެންދިޔަ ކޯސްތަކުގެ ތެރޭގައި ހިމެނެނީ "ފުޑް އެންޑް ބެވަރެޖަސް ޕްރިޕަރޭޝަން" އާއި "ސޭފް މެރިޓައިމް ޓްރާންސްޕޯޓް" ކޯހާއި "އިންޖިނިއަރިން" ، "ހައުސްކީޕިން" ، "ގެސްޓް ސަރވިސް" މީގެއިތުރުން "ފްރަންޓް އޮފީސް މެނޭޖްމެންޓް"އާއި "ޕަޑީ ޑައިވް މާސްޓަރ" ކޯހާއި "ވޯޓަރ ސްޕޯޓްސް" ކޯހާއި "މެރިން ބަޔޮލޮޖީ" ފަދަ ކޯސްތަކެވެ.
މިފަދަ ޕްރޮގްރާމްތަކުގެ މުޙިއްމުކަމުގެ މައްޗަށް އަލިއަޅުއްވާ މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޓުއަރިޒަމް މިނިސްޓަރު ވަނީ މި ކޯހުން ލިބުނު މަޢުލޫމާތުގެ އަލީގައި ކުރިއަށް ދިޔުމަށް ދަރިވަރުންނަށް އިލްތިމާސްކުރައްވާފައެވެ. އަދި އެމީހަކު ދާން ބޭނުންވާ ރޮނގުން ކުރިއަށްދިޔުމަށްޓަކައި ހިތްވަރާއި އަޒުމާއެކު ކުރިއަށް ދިޔުމަށްވެސް މިނިސްޓަރ ގޮވާލައްވާފައިވެއެވެ.

ފޯރސީޒަން ރިސޯޓްސް މޯލްޑިވްސްގެ ރީޖަނަލް ވައިސް ޕްރެޒިޑެންޓް އަރްމާންޑޯ ކްރެއެންޒްލިން ވިދާޅުވީ 2001ވަނަ އަހަރު ފެށި މި ޕްރޮގްރާމަށް ދިވެހި ޒުވާނުންގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާކަމަށެވެ. މިގޮތުން މިހާތަނަށް ފަސް ސަތޭކަ ނުވަދިހަ ފަސް ދަރިވަރުން ގްރެޖުއޭޓުވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. އަރްމާންޑޯ ވިދާޅުވީ މި ޕްރޮގްރާމުން ދަސްވެނިވާ ދަރިވަރުން މިހާރު އަމިއްލަ ވިޔަފާރިތައްވެސް ފަށައިގެން އުޅޭކަމަށެވެ.

ފޯރސީޒަން މޯލްޑިވްސްއިން ކުރިއަށްގެންދާ މިޕްރޮގްރާމުގައި ހިމެނޭ ކޯސްތަކަކީ ޓިވެޓް ސެޓިފައިޑް ކޯސްތަކެކެވެ. މި ޕްރޮގްރާމްގެ ދަށުން މިއަހަރު ފަށާ ކޯސްތަކުގައި ރާއްޖޭގެ އޮނަތިރީސް ރަށަކުން ފަސްދޮޅަސް ތިން ޒުވާނުން ބައިވެރިވާކަމަށް ފޯރސިޒަނުން ބުނެއެވެ. އަދި އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު މިޕްރޮގްރާމަށް ދަރިވަރުން ރެކްރޫޓްކުރަން ފަށާނެކަމަށް ފޯރސިޒަނުން ބުނެއެވެ.