ޚަބަރު

ތައިލޭންޑުގެ ވެރިރަށް ބެންގކޮކްގައި ބަޑިޖަހައި 6 މީހުން މަރާލައިފި


ތައިލޭންޑުގެ ވެރިރަށް ބެންގކޮކްގައި ބަޑައިޖަހައި ހަ މީހަކު މަރާލާފައިވާ ކަމަށް، އެ ޤައުމުގެ ފުލުހުން ބުނެފިއެވެ.

މި ހާދިސާގައި ހިނގާފައިވަނީ ބެންގކޮކްގައި ހުންނަ މާރުކޭޓެއްގެ ތެރޭގައިކަމަށް ފުލުހުން ބުންޏެވެ.

މި ޙަމަލާދީފައިވަނީ ބެންގކޮކްގައި ހުންނަ މަޝްހޫރު "އޯ ތޯ ކޯ" މާރުކޭޓުގެ ތެރޭގަ އެވެ. އެ ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ސެކިޔުރިޓީ ބަލަހައްޓަން ތިބި ހަތަރު މީހަކާއި، ތަރުކާރީ ވިއްކަން ތިބި ބަޔަކު ވެސް ހިމެނޭކަމަށްވެއެވެ.

ޙަމަލާދިން މީހާ، ބަޑިޖަހައި ފަސް މީހުން މަރައިލުމަށްފަހު، އަމިއްލައަށް މަރުވެފައިވާކަމަށް ފުލުހުންނާ ޙަވާލާދީ ބައެއް ނޫސްތަކުން ބުންޏެވެ.

އެ ހާދިސާ ހިނގި ވަގުތު އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، އެ މީހާ ވަނީ ބަޑި ހިފައިގެން، ޕާކިން ޒޯނުން، މާރުކޭޓު ތެރެއަށް ވަދެފައެވެ.

ކަޅުކުލައިގެ ޓީޝާޓެއް ލައިގެން، ކޮނޑުގައި ދަބަހެއް އަޅުވައިގެން އެ މީހާ ވަނީ މާރުކޭޓު ތެރެއަށް ވަދެ، އެ ވަގުތު އެތަނުގައި ތިބި މީހުންނަށް އަމާޒުކޮށް ބަޑިން ޙަމަލާދީފައެވެ.

އެ ޙަމަލާގައި ޒަޚަމްވި އިތުރު ދެ މީހަކަށް ފަރުވާދެމުންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނީ، އެ ޙަމަލާދިން ސަބަބު ތަހުޤީޤުކުރަމުންދާ ކަމަށާއި، މިގޮތުން، ތައިލޭންޑާއި ކެމްބޯޑިޔާއާ ދެމެދު މިހާރު ހިނގަމުންދާ އަސްކަރީ ކުރިމަތިލުންތަކާ، މި ޙަމަލާއާ ގުޅުމެއް ވޭތޯ ވެސް ބަލަމުން އަންނަ ކަމަށެވެ.

މި ޙަމަލާދީފައިވަނީ އުމުރުން 61 އަހަރުގެ މީހެއް ކަމަށާއި އޭނާ މީގެކުރިން ވަނީ ސެކިޔުރިޓީ ގާޑެއްގެ ގޮތުގައި މަސައްކަތް ކޮށްފައި ކަމަށް ފުލުހުން ބުންޏެވެ.

މި ޙަމަލާގައި އެއްވެސް ޓޫރިސްޓަކަށް ގެއްލުމެއް ލިބިފައިނުވާކަމުގެ ޔަޤީންކަން ފުލުހުން ވަނީ ދީފައެވެ.

އާންމުކޮށް މޭވާ އާއި ތަރުކާރީގެ ބާވަތްތައް ވިއްކާ އޯ ތޯ ކޯ މާރުކޭޓަކީ، ޓޫރިސްޓުންގެ މެދުގައި ވެސް މަޤުބޫލު މާރުކޭޓެކެވެ.